ކުރީގެ މެމްބަރުންނަށް ޚާއްސަ އިނާޔަތް ލިބޭ އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ޚާއްސަ އިނާޔަތް ލިބިދޭ  އިސްލާހުތަކެއް އިމްތިޔާޒު ތަކާބެހޭ ޤާނޫނަށް ހުށަހަޅައިފިއެވެ.

މި އިސްލާޙުގައި ބުނެފައިވާ ގޮތުން ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ޚިދުމަތް ލިބޭނެއެވެ. އިމްތިޔާޒު ތަކާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު މުސްތަފާ އެވެ. މި ދެ ބޭފުޅުންނަކީ ވެސް އެންމެފަހުން ބޭއްވި އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ދެ މެމްބަރެކެވެ.

އެބޭފުޅުންގެ އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރުންނަށް އެއާޕޯޓުން ވިއައިޕީ ޚިދުމަތް ލިބެންވާނެ ކަމަށާއި މެމްބަރުންގެ ޢާއިލާތަކަށް ހެލްތު އިންޝުއަރެންސް ލިބެންވާނެ ކަމަށެވެ. އިސްލާހުގައި ވާ ގޮތުން މެމްބަރުންގެ އަނބި މީހާ ނުވަތަ ފުރިމީހާގެ އިތުރަށް އުމުރުން 18 އަހަރު ނުވާ ކުދިންނަށް ހެލްތު އިންޝުއަރެންސް ދޭނެޖެހޭނެއެވެ. މީހާރު އޮންނަ ގޮތުން އިންޝުއަރެންސް ލިބޭނީ މެމްބަރަށް އެކަންޏެވެ.

މި އިސްލާހު ބުނާ ގޮތުން ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބެންވާނެއެވެ. ޕާސްޕޯޓު ހެދުމަށް ޚަރަދު ކުރަންވާނީ މެމްބަރު އަމިއްލައަށް ކަމަށް ވެސް ބުނެފައިވެއެވެ. މިހާރު އޮންނަ ގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބި ވަޑައިގަންނަވާނީ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އެކަންޏެވެ. ނާއިބު ރައީސަށް ވެސް އޮންނަނީ މެމްބަރުންނާ އެއްގޮތަށް އޮފިޝަލް ޕާސްޕޯޓެކެވެ. މި އިސްލާހު ފާސް ވެއްޖެނަމަ މެމްބަރުންނާއި މަޖިލީހުގެ ނާއިބު ރައީސަށް ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބިވަޑައިގަންނަވާނެއެވެ.

މި އިސްލާހުގެ ދަށުން މެމްބަރުން މަޖިލީހުން ވަކިވާ ހިސާބުން ފެށިގެން މާލީ އިނާޔަތް ލިބެންވާނެއެވެ. މީގެ ބޭނުމަކީ އަބުރުވެރި ނަޒާޙަތްތެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ކުރީގެ މެމްބަރުންނަށް ހޯދައި ދިނުމެވެ.

މަޖިލީހުގައި އެއް ދައުރު ފުރިހަމަ ކުރައްވާފައިވާ ކޮންމެ މެމްބަރަކަށް މުސާރައިގެ 30 ޕަސެންޓް ލިބެންޖެހޭނެ ކަމަށް ވެސް އިސްލާޙުގައ ހިމަނާފައިވެއެވެ. ދެ ދައުރު ފުރިހަމަ ކޮށްފައިވާ މެމްބަރެއް ނަމަ މުސާރައިގެ 45 ދޭންޖެހޭނެ ކަމަށް އިސްލާހުގައި ހިމަނާފައިވެއެވެ.

މި އިސްލާހުތައް މަޖިލީހުން ފާސްވެއްޖެ ކަމަށްވާނަމަ މެމްބަރުކަން ކުރައްވާފައިވާ ހުރިހާ މެމްބަރުންނަށް މި އިނާޔަތް ލިބުގެންދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.