ސިފައިންގެ ޚިދުމަތް ރާއްޖޭގައި ފެށިގެން އައީ "ދީދީ ފަތި" ހެވިކަމުގެ ތެރެއިން

ދިވެހި ސިފައިންގެ ތާރީޚާ ގުޅޭ ފޮޓޯ: ފޮޓޯތައް އެމްއެންޑީއެފް

މިއަދަކީ ދިވެހި ސިފައިންގެ 127 ވަނަ އަހަރީދުވަހެވެ. ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވެ 127 އަހަރު ވުމަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިގެން އައީ އައްސުލްޠާން އިބްރާހިމް ނޫރައްދީން ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެވަޑައިގެންނެވުމަށްފަހުގައެވެ. އެދުވަސްވަރު މާލޭގެ ވިއްސަކަށް ޒުވާނުންނަށް ތަފާތު ވައްތަރުގެ ހެވިކަމާއި އޮޅުލުން ދަސްކޮށްދިނުމުގެ މަސައްކަތް އެ ރަދުން ފެއްޓެވިއެވެ.

ހެވިކަމުގެ ފަރިތަކުރުންތައް ހިނގަމުންދިޔައީ އޭރުގެ އާގަނޑުވަރު (މިހާރު ރަށްދެބައިގެ) އެވެ. އެ ޙަރަކާތުގައި ނަގައި ކިޔައި އުޅުނު މީހުންގެ ނަމުގެ ފަހަތަށް ދީދީ އައިސްފައިވާތީ އެމީހުންނާ ދިމައަށް އެދުވަސްވަރު "ދީދީ ފަތި" މިނަމުން މުޚާތަބު ކުރެވެން ފެށިއެވެ.

އޭގެ ތެރޭގައި އިސްކޮށް އުޅުނީ އުޅުނީ އަތިރީގޭ، އަޙްމަދު ދީދީ، ދޮންބީނަގޭ، އަލިދީދީ، ރޯނުގޭ، އިބްރާހީމް ދީދީ، ހަމަ އެގޭ މުޙައްމަދު ދީދީ، ދޮންމަނިކުގެ އިސްމާޢިލް ދީދީ، ޢަބްދުالله ދީދީ، ކަޅިހަރުގޭ މުޙައްމަދު ދީދީ އާއި އަޙްމަދު ދީދީ އާ މި 8 ބޭކަލުންނެވެ.

މި "ދީދީ ފަތި" އެ ދުވަސްވަރު ވަނީ އެދުވަސްވަރާ އެކަށީގެންވާ ހެވިކަމެއް ދައްކައިފައެވެ. ދީދީ ފަތި އެދުވަސްވަރު ދަސްކުރި ކަންތައްތަކުގެ ތެރޭގައި ކަނޑިންޖެހުމާއި، ލޮންސީގެ ހެވިކަމާއި، ކުޅިޖެހުމާއި، އޮޅުލުން ފަދަ ކަންކަން ހިމެނެއެވެ. އެ ދުވަސްވަރު އެ ބޭކަލުން ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި މުޑިވިނުން، ލަޓިންތެޅުން، ތެލަބަގުޑި ފަދަ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން މުގުދަރު އެނބުރުން، އެކޮޅުކޮޅުން ހިނގުން، މޫދަށްގޮސް ފެތުން ހިމެނެއެވެ.

"މިފަރިތަކުރުންތައް ހިނގަމުން ދިޔައިރު އެއްރެޔަކު ދޮންމަނިކުގެ އިސްމާޢިލްދީދީ ސަފުހައްދަވާ ގޮތް ދައްކަވާ ސިފައިންގެ ފާޑަށް ހިންގަވަން ފެއްޓެވުމުން، އޭނާގެ ފަހަތުން ދެންތިއްބެވި ބޭކަލުން އެގޮތަށް މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އެނބުރޭންވީމަ އާއި ހުއްޓެންވީމާ ސިފައިންގެ ރާގުގައި ގޮވާ ހައްދަވަނީ އިސްމަޢިލް ދީދީ އެވެ. މިގޮތުގައި ކުޑަދުވަސްކޮޅެއް ވީއިރު ފައިއެއްވަރުކޮށް ހިންގަވާން ދަސްވެއްޖެއެވެ. މިބޭކަލުން ގެ މިހެވިކަމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަވާތަން ރަދުންނަށް ފެނިވަޑައިގެން އެކަމާއި ހިތްޕުޅާ ހަމަކުރައްވައި އެކަންތައްތައް ކުރިއަށް ގެންދިއުމަށް ވިދާޅުވިއެވެ."

އެ ކަމަށް ހިތްވަރު ދެއްވުމަށްފަހު އެއަހަރު ރަދުން ހިއްޗަށް ވަޑައިގަންނަވާއިރު ހަގުބޭކަލުންގެ ބަދަލުގައި ސިފައިން ތިބުމަށް ހަމަޖެއްސެވިއެވެ. އަދި އެ ބައިމީހުންގެ ކޮމާންޑަރަކީ ދޮންމަނިކުގެ އިސްމާޢިލްދީދީ ކަމުގައި ރަދުން ހަމަޖެއްސެވިއެވެ. މިހާހިސާބުން ރަސްމީ ސިފައެއްގައި މިރާއްޖޭގައިވެސް ސިފައިންގެ ޚިދުމަތް ފެށިގެންދިޔައީއެވެ. އެއީ މީލާދީން 1892 ވަނައަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. އެހިސާބުން ރާއްޖޭގައި ރަސްމީކޮށް ސިފައިންގެ ޚިދުމަތް ފެށުނީއެވެ. އެ ޚިދުމަތްތެރިންނަށް ވުމުގެ ފަޚުރު ހޯއްދެވީ އެ 8 ބޭކަލުން ނުވަތަ ދީދީންނެވެ.

"ދިވެހި ތާރީޚުން އެނގޭގޮތުގައި ސިފައިންގެ އެންމެ ފުރަތަމަ ހެޑްކްއޯރޓަރޒް އެއްގެ ގޮތުގައި ބޭނުންކުރެވިފައިވަނީ އާކޯއްޓޭ މަތިގެއެވެ. އެތަން ހުންނަނީ ބޮޑުގަނޑުވަރުގެ އުތުރުފަރާތުން ކުރިމަތީގައި އޮންނަ ހުސްބިމުގައި ގަނޑުވަރަށް ވަދެވެން ހުންނަ ހިއްތަން ދޮރާއްޓަށްވުރެ ހުޅަނގަށްޖެހިއެވެ. މިހުސްބިމަކީ ގުޅަކުޅޭ ފަސްގަޑެވެ. މިތަނަކީ އާކޯއްޓޭ ބުރުޒުގެ ގާތްގަޑަކަށް މަތީ ތުންފަތަށްވުރެ ތިރީގައި ތިންހަތަރު ފޫޓަކާއިހަމައަށް ސާމާނުއަޅާ ފުރާލުމަށްފަހު ބިންގަޑެއްހަދައި އެބިމުގައި ބުރުޒުތެރޭގައި ހަދާފައިވާ ޢިމާރާތެކެވެ. މިތަނަށް އާކޯއްޓޭ މަތިގެއަށް ވަދެނިކުމެވެން ހުންނަނީ ރަސްކަމުގެ ގަނޑުވަރުތެރެއިންނެވެ. މިތަނުގައި ހެނދުނު 06:00 އިން ހަވީރު 06:00 އަށް ޤައުމީ ދިދަނަގާފައި ހުރެއެވެ. 1934 ވަނައަހަރާއި ހަމައަށް ސިފައިން އާ ކޯއްޓޭ މަތިގެ ބޭނުންކުރިކަމަށްވެއެވެ." ސިފައިންގެ ތާރީޚާ ބެހޭ ފޮތުގައި ލިޔުއްވައިފައިވެއެވެ.

ރާއްޖޭގައި ސިފައިން އުފެދުނަސް މާބޮޑު ކުރިއެރުމެއް ނައިސް ސިފައިންގެ ޚިދުމަތަށް 54 އަހަރު ފާއިތުވެ ދިޔުމަށްފަހު ސިފައިންގެ ޚިދުމަތަށް ބަދަލު ގެނެސް ތަހުޒީބީ ކުލަޖެއްސެވުމުގެ މަސައްކަތް ފެއްޓެވީ މުޙައްމަދު އަމީން ދީދީގެ ބޮޑުވަޒީރު ކަމުގައެވެ. އެމަނިކުފާނު ރާއްޖޭގެ ބޮޑު ވަޒީރަކަށް އިސް ކުރެއްވީ 1944 އަހަރު އޮކޯޓޯބަރު 29 ގައެވެ. އޭރު ސިފައިންގެ އެންމެ އިސްވެރިއަކަށް ވެސް ހުންނެވީ އެމަނިކުފާނެވެ. ސިފައިންގެ އަހަރީ ދުވަހެއް ވެސް ފުރަތަމަ ފާހަގަ ކުރެއްވީ އެމަނިކުފާނެއެވެ. ސިފައިންގެ އަހަރީދުވަސް ފުރަތަމަ ފާހަގަކުރެވުނީ 16 ރަޖަބް 1366 ގައެވެ. އެދުވަހުގެ ފަހުން ކޮންމެ އަހަރަކުވެސް ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެމުން އައީ ރަޖަބްމަހުގެ 16 ވަނަދުވަހެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހިމް ނާޞިރު ގެންނެވި ބަދަލުތަކުގެ ތެރެއިން ސިފައިންގެ އަހަރީދުވަސް މީލާދީގޮތުން ފާހަގަކުރުމަށް ނިންމެވި އެވެ. އެދުވަހަކީ ޖޫން މަހުގެ 06 ވަނަދުވަހެވެ. އޭގެފަހުން އަނެއްކާވެސް އިތުރު ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް ސިފައިންގެ އަހަރީ ދުވަހަކީ 1982 ވަނަ އަހަރުގެ އެޕްރީލް 21 ކަމަށް ކަނޑައެޅިއެވެ. އެގޮތަށް ކަނޑައަޅައި ސިފައިން އުފެދުނުތާ 100 އަހަރު ފުރުން ފާހަގަކޮށްފައިވަނީ  1992 ވަނައަހަރު ގެ އޭޕްރީލްމަހުގެ 21 ވަނަދުވަހު އެވެ.

މަސްދަރު: ދިވެހި ސިފައިންގެ ތާރީޚާ ބެހޭ ފޮތުން

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.