ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަތަކެއް މިވަގުތު އޮތް ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ބޭނުން ނުވާނެ ކަމަށް ކުރިޔަށް އޮތް މަޖިލީހުގެ ހަނިމާދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ އަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަމުން ޣަފޫރު ވިދާޅުވީ މިހާރު މިއޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އޭނާވެސް ތާއީދު ނުކުރައްވާ ކަމަށާއި މިހާރު މިހިނގާ ފަސް އަހަރު ވެގެންދާންޖެހޭނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ. ސަބަބަކީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވައުދުވެވަޑައިގަތީ މި ފަސް އަހަރު ރިޔާސީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވުމަށް ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނިޒާމު ބަދަލު ވެގެންނުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށާއި މައްސަލައަކީ ނިޒާމް ނޫން ކަމަށާއި މައްސަލައަކީ ކޮންމެ ނިޒާމެއްގެ ތެރެއިންވެސް ކަންކަން ކުރައްވަން ތިއްބަވާ ބޭފުޅުންގެ އިޚްލާސްތެރިކަން ނެތުން ކަމަށެވެ. ރިޔާސީ ނިޒާމެއް އޮތަސް އަދި ބަރުލަމާނީ ނިޒާމެއް އޮތަސް ވައްކަން ކުރަންބޭނުން ބޭފުޅަކު ވައްކަން ކުރައްވާނެ ކަމަށާއި އަނިޔާ ކުރައްވަން ބޭނުން ބޭފުޅަކު އަނިޔާވެސް ކުރައްވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމު ރަނގަޅު ކަމަށާއި މައްސަލައަކީ ކޮންމެ ފަހަރަކު ކޯލިޝަން ސަރުކާރެއް ގެންނަންޖެހުން ކަމަށްވާނަމަ ނިޒާމު ބަދަލުނުކޮށް އެކަންވެސް ވާންއެބައޮތް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯއްދަވަންޖެހޭ ކަމަށް ގާނޫނުގައި މިހާރު އޮތް ބައި އިސްލާހުކޮށް އިންތިޚާބުގައި އެންމެގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވާ ގޮތަށް އެ މާއްދާ އިސްލާހު ކުރެއްވުމުން އެކަންވެސް ޙައްލު ވެގެންދިޔައީ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
މިހާރު މިއޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް އެންގިނައިން ވާހަކަފުޅު ދައްކަވަނީވެސް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދެވެ. ނަޝީދު ވިދާޅުވެފައި ވަނީ ނިޒާމު ބަދަލު ކުރަން އުޅުއްވާނީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙުގެވެސް ރުހުން ލިބިވަޑައިގެންފިނަމައެވެ.