ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ވަޑައިގަންނަވަންޖެހޭނީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އެބޭފުޅަކު ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގައި ނަގާ ވޯޓު ވާންޖެހޭނީ ސިއްރު ވޯޓަކަށް ކަމަށް ހަނިމާދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގައި އެ ވޯޓު ސިއްރު ކުރަންޖެހޭ ސަބަބަކީ މިހާތަނަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި ނައިބު ލީޑަރުގެ އިތުރުން ޕާލިމެންޓްރީގެ ގްރޫޕްގެ އެހެނިހެން މަގާމު ތަކަށް މެމްބަރުން އިންތިޚާބު ކުރަނީވެސް ސިއްރު ވޯޓަކުން ކަމަށްވުމުގެ އިތުރުން މަޖިލީހުގައިވެސް ރައީސް އާއި ނައިބު ރައީސް ހޮވަނީ ސިއްރު ވޯޓަކުން ކަމަށް ވުމުންނެވެ.
ޣަފޫރު ވިދާޅުވީ މިއީ އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު މިހާބޮޑަށް ލިބިގެންދިޔަ ފުރަތަމަ ފަހަރު ކަމަށްވެފައި ގިނަބޭފުޅުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް ވާދަކުރައްވަން ބޭނުންފުޅުވާނަމަ އެ ވޯޓު ސިއްރު ކުރަންޖެހޭ އަނެއް ސަބަބަބީ ނުފޫޒުތަކުން އެއްކިބާވެތިވެ، މިނިވަންކަމާއެކު ވޯޓު ދެއްވަން ފުރުޞަތު ފަހި ކުރުމެވެ. އަދި ވަކި މެމްބަރަކު ވޯޓު ދެއްވީތީ ނުވަތަ ނުދެއްވާތީ ހޮވުނު ބޭފުޅަކު ތަފާތު ކުރުންތައް ގެންގުޅުއްވުމުގެ ފުރުޞަތު ހަނި ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ އެ ވޯޓު ސިއްރު ވޯޓަކަށް ނުވަތަ ފެންނަ ވޯޓަކަށްދާން ނިންމާނީވެސް ޕާލިމެންޓްރީ ގްރޫޕުން ކަމަށާއި ޕާލިމެންޓްރީ ގްރޫޕުން ކޮންމެ ގޮތަކަށް މެމްބަރުން ނިންމެވިޔަސް އެ މެމްބަރަކު ބޭނުންފުޅު ގޮތަކަށް ވޯޓު ދެއްވާނެ ކަމަށެވެ. ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީގެ އަތުގައި މިވަގުތު އޮތުމުން މަޖިލީހުގެ ރައީސަކާއި ނައިބު ރައީސް ކަމަށް ވަޑައިގަންނަވަންޖެހޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ބޭނުންފުޅުވާ ބޭފުޅެކެވެ.
މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ބޭފުޅަކު ޕާލިމެންޓްރީ ގްރޫޕުން ކަނޑައެޅުމަށް ނަގާ ވޯޓާމެދު މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ބަޔެއް މެމްބަރުން ވިދާޅުވަނީ އެ ވޯޓު ވާންޖެހޭނީ ސިއްރު ވޯޓަކަށް ކަމަށެވެ. ނަމަވެސް ބަޔެއް މެމްބަރުން ވިދާޅުވަނީ ސިއްރު ވޯޓަކަށް ދާންނުޖެހޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށްވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ދަނީ ގިނަބޭފުޅުންތަކެއް ޝައުގުވެރިކަން ފާޅު ކުރައްވަމުންނެވެ.