މިސްކިތްތަކަށް އެހީވުމަށް "ދަރުމަ ކަމާކެމި" އިފްތިތާހު ކޮށްފި

ރާއްޖޭގެ މިސްކިތްތަކަށް އެހީވުމުގެ ފުރުޞަތު ދިނުމަށްޓަކައި "ދަރުމަ ކަމާކެމި" ގެ ނަމުގައި އިސްލާމިކް މިނިސްޓަރީން މިއަދު ހަރަކާތް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު އޮތް މިރަސްމިއްޔާތު ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. "ދަރުމަ ކަމާކެމި" އަކީ، މިސްކިތް ބިނާ ކުރުމަށް ހެޔޮ އެދޭ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސް ކޮށްދީ، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރާވާފައިވާ ހަރަކާތެކެވެ. އަދި، އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ފަންޑް ފޮށިތަކުގެ ތަފުސީލުވެސް މި ހަރަކާތުގެ ތެރެއިން ރައްޔިތުންނަށް ހާމަ ކޮށްދެމުން ގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މި ބިމުގައި އެންމެ މާތްވެގެންވާ މުޤައްދަސް ތަން ކަމަށްވާ މިސްކިތްތަކަށް ކުރާ ހޭދަ މިހާރަށްވުރެ އިތުރު ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި، ހެޔޮ ކަންތައްތައް ކުރުމަކީ އެއަށް ނިމުމެއް އަންނާނެ ކަމެއް ނޫންކަން ހަނދާން ކޮށްދެއްވައި، މީހުންނަށް އަޅާލުމާއި ހެޔޮ ކަންތައްތަކަށް ހޭދަ ކުރުން އިތުރުކުރުމަށް ގޮވައިލެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މިހާރުގެ ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުން ހިތް ހަމަޖެހޭ ގޮތަށް، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނުލިބޭ ގޮތަށް ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މިގޮތުން، އިސްލާމިކް މިނިސްޓްރީން ހިންގަވާ އެންމެހައި ހަރަކާތްތައްވެސް ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތަށް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.