ބަންގްލާދޭޝްގައި ޕްރިންސިޕަލެއްގެ އެންގުމަށް އަންހެން ދަރިވަރެއްގެ ގައިގާ ރޯކޮށް މަރާލައިފި

ނުސްރަތު ޖަހާން ރަފީގެ ޖަނާޒާ

ޕްރިންސިޕަލެއްގެ އެންގުމަށް ބަންގްލާދޭޝްގެ ދީނީ މަދަރުސާއެއްގައި ކިޔަވާ އަންހެން ދަރިވަރެއްގެ ގަޔަށް ކަރާސީނު ތެޔޮ އަޅައި ރޯކޮށް، އޭނާ މަރާލައިފިއެވެ. މިކަން ކުރީ އެ ހެޑްމާސްޓަރު އޭނާއަށް ޖިންސީ ގޮތުން ގޯނާކުރި ވާހަކަ މީގެ ދެހަފުތާކުރިން ރިޕޯޓުކުރުމުންކަމަށް ބަންގްލާދޭޝްގެ ފުލުހުން މިއަދު ބުނެފައި ވެއެވެ.

އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރަފީ އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން ބަންގްލާދޭޝްގެ ކަންކޮޅުތަކުގައި މުޒާހަރާކުރަމުން ދާއިރު، ބޮޑުވަޒީރު ޝޭޚް ހަސީނާ ވިދާޅުވީ އެ އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމުގައެވެ.

އޭނާ ކިޔަވަމުން ދިޔަ ދީނީ މަދަރުސާގެ ޓެރަސް މައްޗަށް އޭނާ ގެންދިއުމަށް ފަހު އޭނާއަށް އެންގީ ޕްރިންސިޕަލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށެވެ. އޭނާ އެކަމަށް އެއްބަސް ނުވުމުން ގަޔަށް ކަރާސީނު ތެޔޮ އަޅައި ރޯކޮށްލީއެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ މި އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ %80 ވަނީ ފިހިފައެވެ.

ފުލުހުން މި ހާދިސާގެ މައުލޫމާތު ހާމަކުރީ މިއަދުއެވެ.

ފުލުހުން ބުނުގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 17 މީހުންގެ ތެރެއިން އެކަކު ވަނީ އެކަން ކުރީ އެ މަދަރުސާގެ ޕްރިންސިޕަލް އަންގައިގެން ކަމަށް ބަޔާންދީފައެވެ.

ޕްރިންސިޕަލް "އެމީހުންނަށް އެންގީ މައްސަލަ އަނބުރާ ނެގުމަށް ރަފީއަށް ފިއްތުންތައް ކުރިމަތިކުރުމަށް. އޭނާ އެކަމަށް އެއްބަސް ނުވެއްޖެނަމަ އޭނާ މަރާލުމަށް." މި މައްސަލަ ތަހުގީގުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސީނިއަ ޕޮލިސް ސުޕްރިންޓެންޑެންޓް މުޙައްމަދު އިޤްބާލު މިއަދު އޭއެފްޕީއަށް މައުލޫމާތުދެމުން ބުނެފައި ވެއެވެ.

ނުސްރަތު ރަފީ ކިޔަވަމުން ދިޔައީ ވެރިރަށް ޑާކާގެ ދެކުނުން 160 ކިލޯމީޓަރު ދުރުގައި އޮންނަ އޭނާ އަވަށް ކަމުގައިވާ ފެނީގެ ދީނީ މަދަރުސާއެއްގައެވެ. ފާއިތުވި މާރިޗު މަހުގެ 27 ވަނަ ދުވަހު ޕްރިންސިޕަލްގެ އޮފީހަށް އޭނާ ވެއްދުމަށް ފަހު ޕްރިންސިޕަލް އޭނާގެ ގަޔަށް އަތްލާން ފެށުމުން އޭނާ ދުވެ ފިލީއެވެ. އަދި އެ އަވަށުގެ ފުލުހަށް އެމައްސަލަ ހުށަހަޅަން ދިއުމުން އެތަނުގައި ތިބި ފުލުހުން އެކަން މާބޮޑު ކަމަކަށް ނެހެދިއެވެ.

އޭނާގައިގާ ރޯކޮށްލާފައި ވަނީ އިމްތިހާނުގައި ބައިވެރިވުމަށް މަދަރުސާއަށް ދިއުމުން، އޭނާއާ އެއްކުލާހުގައި ކިޔަވާ އަންހެންކުއްޖަކު އޭނާ ގޮވައިގެން ޓެރަސްމައްޗަށް ގެންދިއުމަށް ފަހުއެވެ. އެތަނުގައި މޫނު ބުރުގާ އެޅި ފަސް މީހުން ތިބިކަމަށް ވެއެވެ.

ފުލުހުން ބުނި ގޮތުގައި އެކަން ކުރި މީހުން ރާވާފައި އޮތީ އެއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށް ހަދާށެވެ. އެހެން ނަމަވެސް ގައިގާ ރޯވެފައި ހުއްޓާ އޭނާ ދުވެފައި ސިޑިން ތިރިއަށް ފޭބުމުން އެ ރޭވުން ނާކާމިޔާބުވީއެވެ. ނުސްރަތު މަރުވުގެ ކުރިން އޭނާ ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.