2030 އާ ހަމައަށް އައްސީސީއަށް ރައީސުކަމުގައި ހުންނެވޭ ގޮތަށް ގާނޫނު އަސީސީ އިސްލާހުކުރަން ފާސްކޮށްފި

މިސްރުގެ ގާނޫނުހަދާ މަޖިލިސް

މިސްރުގެ މިހާރުގެ ރައީސު ފީލްޑް މާޝަލް (ރިޓާޔަޑް) ޢަބްދުލްފައްތާޙު އައްސީސީ އަށް 2030 ވަނަ އަހަރާ ހަމައަށް ރައީސުކަމުގައި ހުންނެވޭ ގޮތަށް އެގައުމުގެ ގާނޫނު އަސީސީއަށް ބަދަލުގެނައުމަށް ހުށަހެޅި އިސްލާހު ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އެ އިސްލާހާ އެއްކޮޅަށް ވޯޓުދެއްވީ ކިތައް މެންބަރުންކަން މިސްރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައި ނުވިނަމަވެސް، އިސްލާހު ފާސްވާނީ ބޮޑު އަޣުލަބިއްޔަތަކުކަން އެނގެއެވެ. އެހެނީ، ފާއިތުވި ފެބްރުވަރީ މަހު އެ އިސްލާހު ބަލައިގަންނަށް ފެންނަކަމަށް ގާނޫނުހަދާ މަޖިލީހުގެ 596 މެންބަރުންގެ ތެރެއިން 485 މެންބަރުން ވޯޓުދެއްވިއެވެ.

ގާނޫނު އަސާސީގެ 140 ވަނަ މާއްދާގެ (ހ) އަންނިވި ގޮތަށް ބަދަލުކުރުމަށް އިއްޔެގެ ވޯޓުގައި ވަނީ ފާސްކޮށްފައެވެ.

"ރައީސުލް ޖުމްހޫރިއްޔާ އިންތިޚާބުކުރެވޭނީ މީލާދީ ހަ އަހަރުގެ މުއްދަތަށެވެ. އެ މުއްދަތު ފެށޭނީ އޭނާގެ ކުރިން ހުރި ރައީސުގެ (މަގާމުގެ) މުއްދަތު ހަމަވާ ދުވަހާ ޖެހިގެން އަންނަ ދުވަހުގައެވެ. ރައީސުކަމުގައި ދެ ދައުރަށް ވުރެ ދިގު މުއްދަތަކަށް ހުރުމަކީ ހުއްދަ ކަމެއް ނޫނެވެ."

ފާއިތުވި އަހަރު 4 އަހަރުގެ ރިޔާސީ ދައުރަކަށް ހޮވިވަޑައިގަތް އައްސީސީގެ ރިޔާސީ ދައުރު 2022 ގައި ހަމަވާން އޮތް ނަމަވެސް، މި އިސްލާހަށްފަހު 2024 އާ ހަމައަށް އޭނާގެ ދައުރު އިތުރުވާނެއެވެ. އަދި 6 އަހަރުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ 2030 އާ ހަމައަށް އޭނާއަށް ރައީސުކަމުގައި ހުންނެވޭނެއެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ދެން ދާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށެވެ. އެ ވޯޓު 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ. ލަފާކުރެވޭ ގޮތުގައި އަންނަ މޭ މަހުގެ ކުރީކޮޅު އެ ވޯޓުލުން އޮންނާނެއެވެ. ރައްޔިތުންގެ ވޮޓުން އެ އިސްލާހު ފާސްވުމަކީ ގާތްގަނޑަކަށް ޔަގީން ކަމެކެވެ.

2013 ވަނަ އަހަރު ދިފާއީ ވަޒީރަކަށް ހުންނެވި އައްސީސީ ވެރިކަމަށް ވަޑައިގެންނެވީ މިސްރުގައި ޑިމޮކްރެޓިކް އިންތިޚާބަކުން ފުރަތަމަ ހޮވިވަޑައިގެންނެވި ރައީސު މުހައްމަދު އަލްމުރްސީގެ ވެރިކަން އިންގިލާބަކުން ބަދަލުކުރެއްވުމަށް ފަހުއެވެ. އެއަށް ފަހު އޭނާ ވަނީ 2014 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު 96% ވޯޓުން ކާމިޔާބުކުރައްވައި، ފާއިތުވި އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ވެސް %97 ވޯޓުން ކާމިޔާބުކުރައްވައި އިތުރު ދައުރަކަށް ހޮވިވަޑައިގެންފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.