އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މި ފަހަރު ނުބާއްވަން ނިންމައިފި

ކޮންމެ ރޯދަމަހަކު ޕަބްލިކް ސާވިސް މީޑިއާއިން ބާއްވަމުން އަންނަ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މިއަހަރު މިއަންނަ ރޯދަމަހު ނުބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.

އެގޮތަށް ހަމަޖެއްސެވީ އެހެންއަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތަށް ލިބުނު ތަރުޙީބު ކުޑަކަމުންނެވެ. މުބާރާތުގައި ބައިވެރިވާން ހުޅުވާލުމުން ބައިވެރިވެފައިވަނީ 24 މީހުންނެވެ. އޭގެ ތެރެއިން ވީޑިއޯ ހުށަހަޅައިފައިވަނީ 15 ބައިވެރިންނެވެ. އޭގެ ތެރެއިން މުބާރާތުގައި ބައިވެރިވެވޭ ފެންވަރު ހުރީ 4 މީހުން ކަމަށް ކުރީގެ މުބާރާތްތަކުގެ އިސްފަނޑިޔާރުކަން ކުރެއްވި އަލްޤާރީ އަޙުމަދު ޝިފާއު ވިދާޅުވި ކަމަށް ޕީއެސްއެމްއިން މަޢުލޫމާތު ދެއްވައިފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ 12 ބައިވެރިންނާ އެކުގައެވެ.

"އެންމެ އަލިގަދަ ތަރިއަށް ބޭނުންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން މިއަހަރުގެ ރަމަޟާންމަހު އެޕްރޮގްރާމް ނުބާއްވާގޮތަށް ވަނީ ހަމަޖެހިފައި،" ޕީއެސްއެމްގެ ޑިރެކްޓަރ އިސްލާމިކް ޕްރޮޑަކްޝަން އިބްރާހީމް އިޤުބާލް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މިއަހަރުތެރޭގައި މި މުބާރާތް ބާއްވަން ގެންނަންޖެހޭ ބަދަލު ގެނެސް މުބާރާތް ބާއްވާނެ ތާރީޚު ފަހުން އިޢުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި މުބާރާތުން ހޮވޭ "އެންމެ އަލިގަދަ ތަރި" އަށް ތިންލައްކަ ރުފިޔާގެ އިނާމެއް ކަނޑައަޅައިފައިވެއެވެ. މުބާރާތް ބޭއްވުމަށްޓަކައި ޕީއެސްއެމްއިން ވަނީ އޮޑިޝަން ވެސް ބާއްވައި ތައްޔާރުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.