ޓްރަމްޕުގެ 'ގަރުނުގެ އެއްބަސްވުމު'ގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ނުހިމެނޭ

ފަލަސްޠީނު މީހުން 'ގަރުނުގެ އެއްބަސްވުމާ' ދެކޮޅަށް މުޒާހަރާކުރަނީ

ފަލަސްޠީނާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އެކުލަވާލައްވަން މަސައްކަތްޕުޅުކުރައްވާ، 'ގަރުނުގެ އެއްބަސްވުން' ގެ ގޮތުގައި މަޝްހޫރުވެފައިވާ، އެއްބަސްވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ނުހިމެނޭ ކަމުގައި އެމެރިކާގެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފިއެވެ.

މި އެއްބަސްވުން އެކުލަވާލުމުގައި އުޅޭ ބައެއް ފަރާތްތަކާ ހަވާލާދީ ވޮޝިންގޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި އެ އެއްބަސްވުމުވައި ފަލަސްޠީނު މީހުން ހާލަތު ރަނގަޅުކުރުމަށް އަމަލީ މަސައްކަތްތަކެއް ކުރުމަށް ވައުދުވެފައި ވީ ނަމަވެސް، ފަލަސްޠީނު މީހުންނަށް މިނިވަން ދައުލަތެއް ގާއިމުކޮށްދޭނެ ވާހަކަ ނެތެވެ.

ރައީސު ޓްރަމްޕުގެ ދަނބިދަރިކަލުން އަދި ސީނިއާ އެޑްވައިޒާ ޖަރެޑް ކުޝްނާގެ މޭސްތިރިކަމުގައި އެކުލާވާލާ ސުލްހައިގެ އެއްބަސްވުން މިއަހަރުގެ ބަހާރު މޫސްން ނިމުމުގެ ކުރިން ނުވަތަ ހޫނު މޫސުން ފެށޭ ހިސާބު (މޭ، ޖޫން އަދި ޖުލައިގެ ތެރޭގައި) އާއްމުކުރުމަށް ވައިޓް ހައުސްއިން ދަނީ ތައްޔާރުވަމުން ކަމަށް ޚަބަރު ލިބެއެވެ.

މި އެއްބަސްވުމުގެ ތަފްސީލު އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވިނަމަވެސް ކުޝްނާ އެކި ފަރާތްތަކާއެކު ދައްކަވާފައިވާ ވާހަކަފުޅުތަކުން، އެ އެއްބަސްވުމުގައި "ސުލްހައިގެ ފުރަތަމަ ފެށުމެއްގެ ގޮތުގައި ފަލަސްޠީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ދިނުން ދޫކޮށްލާފައިވާ" ކަން ދޭހަވާ ކަމަށް ވޮޝިންގޓަން ޕޯސްޓުގައި ބުނެފައި ވެއެވެ.  އެ އެއްބަސްވުން ބޮޑަށް އަމާޒުކޮށްފައި ވަނީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށްވެއެވެ.

މި ޚަބަރު ފެތުރުމާއެކު 'ގަރުނުގެ އެއްބަސްވުން' ފަލަސްޠީނު މީހުންނަށް އިންސާފު ހޯދައިނުދޭނަމަ އެ އެއްބަސްވުން ގަބޫލުނުކުރުމަށް އެދި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގައި ކުރިން މަސައްކަތްކުރި 25 އޮފިޝަލަކު ވަނީ އީޔޫއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި މެދު އިރުމަތީގެ ސުލްހައަށް އެމެރިކާއާއި ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައި ވީނަމަވެސް، އެ އޮފިޝަލުން އެދިފައިވަނީ ފަލަސްޠީނުގެ ބިމުގައި އިސްރާއީލާއެކު ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް ދެ ދައުލަތުގެ ހައްލަށް ދިއުމަށެވެ.

މެދު އިރުމަތީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕްގެ 'ގަރުނުގެ އެއްބަސްވުން' ކާމިޔާބުވުމަށްވުރެ ގާތީ ފޭލްވުމެވެ.  އެހެނީ، 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު ފަލަސްޠީނުގެ ބިންތައް ހިފައިގެން ތިބުމާމެދު އިސްރާއީލުގައި އޮތީ މައިގަނޑު ދެ ވިސްނުމެކެވެ. އެއީ، މިހާރުވެސް ތިބިހެން ފަލަސްޠީނު ބިންތައް އެކުގައި ހިފަހައްޓައިގެން ތިބުމަކީ އިސްރާއީލު ވަރުގަދަ ވާނެކަމަށް ކަމުގައި ގަބޫލުކުރުމުވެ.

ދެވަނަ ވިސްނުމަކީ ފަލަސްޠީނު މީހުންނަށް ދޫނުދީ އެމީހުންގެ ހައްގުތައް ހިފަހައްޓައިގެން ތިބުމުން އިސްރާއީލު ވާނީ ބަލިކަށިކަމަށް ގަބޫލުކުރާ ވިސްނުމެވެ.

އިސްރާއީލުގައި ބޮޑުވަޒީރުކަން ކޮށްފައިވާ މީހުންނަށް ބަލާއިރު، ގިނަ މީހުން ތާއީދުކުރަނީ ދެވަނަ ހައްލަށެވެ. ފުރަތަމަ ހައްލަށް ދިއުމަށް ތާއީދުކުރަނީ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަދަ މަދު މީހެކެވެ.

އިސްރާއީލުގެ ތެރޭގައިވެސް މިހާރު ތާއީދުކުޑަ، އަދި އަވަށްޓެރި އަރަބި ގައުމުތަކާއި، އީޔޫއާއި، ރަޝިޔާ އަދި ޗައިނާގެ ތާއީދު ނެތް، ފަލަސްޠީނުގެ ބިމުގައި އިސްރާއީލުގެ ދައުލަތް އެކަނި ގާއިމުކުރާ ހައްލަކަށް ބުރެވެފައިވާ 'ގަރުނުގެ އެއްބަސްވުން' ކާމިޔާބުވުމަކީ ދުރުކަމެކެވެ.

ލަފާކުރެވޭ ގޮތުގައި ދާދި ފަހުން ފަސްވަނަ ދައުރަކަށް ހޮވުނު އިސްރާއީލުގެ ބޮޑުވަޒީރު އާ ސަރުކާރު އެކުލަވާލައި ހަމަޖެހިލުމުން ޓްރަމްޕްގެ 'ގަރުނުގެ އެއްބަސްވުން' އާއްމުކުރާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.