ނޮޓްރަޑާމް ފައްޅީގައި އަލިފާން ރޯވެ، ބޮޑު ބައެއް އަނދައިފި

ފްރާންސްގެ އެންމެ މަޝްހޫރު ފައްޅި އަދި މުޅި ޔޫރަޕްގެ އެންމެ އާސާރީ އެއް ބިނާ ކަމުގައި ބެލެވޭ ނޮޓްރަޑާމް ކެތީޑްރަލްގައި ރޯވެ ބޮޑު ބައެއް އަނދައިފިއެވެ.

އެޕްރީލް 15 ދުވަހުގެ ރޭ އިރާކޮޅު ފައްޅީގައި ރޯވި އަލިފާންގަނޑު އަލިފާންނިވާ 400 މީހުންގެ މަސައްކަތުން މައިތިރިކޮށް ފައްޅީގެ އިމާރާތް ވެއްޓުމުން ސަލާމަތްކުރެއްވިއްޖެ ކަމުގައި ޕެރިހުގެ އަލިފާންނިވުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ފައްޅީގެ ލަކުޑިން މިތިވަޑާންގަނޑު ހަދާފައިވާ ފުރާޅާއި، އުސް ޓަވަރު ވަނީ ވެއްޓިފައެވެ.

މީގެ 850 އަހަރު ކުރިން ބިނާކުރެވުނު ނޮޓްރެޑާމްއަކީ ފްރާންސް އެންމެ ބޮޑު ގައުމީ އާސާރީ ތަރިކައެވެ. އަހަރަކު 13 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާ އެ ބިނާ ވެފައި ވަނީ ޕެރިހުގެ ވެސް އެންމެ މަޝްހޫރު ބިނާއަށެވެ. އޭފަލް ޓަވަރަށްވެސް އެހާ ގިނަ މީހުން ޒިޔާރަތް ނުކުރެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފްރާންސްގެ ރައީސު އިމެނުއަލް މެކްރޯން ވަނީ އެފައްޅި އަލުން ބިނާކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

"ނޮޓްރެޑާމްއަކި އަހަރުމެންގެ ތާރީޚު، އަހަރުމެން އަދަބު، އަހަރުމެންގެ ރޫހުގެ ބައެއް. އަހަރުމެން ކުރި ހުރިހާ މަތިވެރި މަސައްކަތެއް ކުރި ތަން. އަހަރުމެންނަށް ޖެހުނު ވަބާތަކާއި، އަހަރުމެންގެ ހަނގުރާމަތާއި، އަހަރުމެންގެ މިނިވަންކަމުގެ ހަރަކާތް ހިނގިތަން. އަހަރުމެންގެ ހަޔާތުގެ މައި މަރުކަޒު." އޭނާ ވާހަކަފުޅުދައްކަވަމުން ދިޔަ އިރުވެސް އަނދަމުން ދިޔަ ފައްޅިގެ ކައިރީގައި ހުންނަވައިގެން ރައީސު މެކްރޯން ވިދާޅުވިއެވެ.

އަދިވެސް އަލިފާން މުޅިން ނުނިވޭއިރު، ޕެރިހުގެ އަލިފާންނިވާ އިދާރާގެ އޮފިޝަލުން ބުނެފައި ވަނީ މައި އިމާރާތާއި، ބޮޑު ދެ ރަނގަބީލު ސަލާމަތް ކުރެވިފައިވާ ކަމުގައެވެ.

އަލިފާން ރޯވި ސަބަބެއް އަދި ނޭނގުނު ނަމަވެސް ބައެއް މަސްއޫލުވެރިން ލަފާކުރާ ގޮތުގައި، އަލިފާން ރޯވުން ގުޅިފައިވަނީ މިހާރު އެފައްޅީގައި ހިނގާ މަރާމާތުކުރުމުގެ މަސައްކަތާއެވެ. މަރާމާތުގެ މަސައްކަތް ފެށީ އެތަނުގެ ފާރުތަކުގައި ރެނދުލައި، އިމާރާތް ވެއްޓިދާނެކަމުގެ ބިރުހީވުމުންނެވެ.

އިރުއޮއްސި 6:30 (ރާއްޖޭ ގަޑިން ރޭ 9:30) ގައި ރޯވި އަލިފާންގަނޑު ފައްޅީގެ ތެރޭގައި ފެތުރުތާ މާގިނަ އިރުތަކެއް ނުވެ، އިމާރާތުގެ ވަށައިގެން ހުރި ކުލަ ބިއްލޫރި ކުޑަދޮރުތަކާއި، ލަކުޑިން ތައްޔާރުކޮށްފައިވާ މަތިވަޑާންގަނޑާއި، މައި ޓަވަރު ވަނީ އަނދައިގެން ގޮސްފައެވެ.

"އަހަރުމެން މީގެ 800 އަހަރަށްވުރެ ގިނަ ދުވަސް ކުރިން މި ފައްޅި ބިނާކޮށް، އެތައް ގަރުނަކަށް އެތަން އިމާރާތްކޮށް ތަރައްގީކޮށްފައިވާތީ އަހަރުމެން ފަޚުރުރިވަން. އެހެންކަމުން، އަހަރުން މިއަދު އިޚްލާސްތެރިކަމާއެކު، ހިތުގެ އަޑިން މި ބުނަނީ އަހަރުމެން އެކުގައި އެތަން އަލުން ބިނާކުރާނަމޭ." ރައީސު މެކްރޯންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަސާރާއިން އެންމެ ބޮޑު އެއް ފަޚުރު ކަމުގައި ބެލެވޭ ނޮޓްރެޑާމަކީ ސަލީބީ ހަނގުރާމަވެރިން 'މުގައްދަސް ބިންތައް ފަތަހަކުރަން' ނުކުތުމުގެ ކުރިން އެތަނެއްގައި ތިބެ ދުއާކުރި ފައްޅިއެވެ. ފަރަންސޭސި އިންގިލާބީ ސިފައިންނާއި ލަޝްކަރުތައް ނުކުތްތަނެވެ. އެތަނެއްގައި ފްރާންސްގެ ރަސްގެފާނު ނެޕޯލިއަން 1804 ވަނަ އަހަރުގައި ރަސްކަމަށް އިސްކުރެއްވުނު ފައްޅިއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.