ބެލްކަނި ތަކުގައި ގަސް ހައްދާނެ ގޮތް ދަސްކޮށްދޭ ވޯކްޝޮޕް އަތޮޅުތަކަށް ފުޅާކުރަނީ

ގެތަކުގެ ބެލްކަނިތަކުގައި ގަސް އިންދައި ހައްދާނެގޮތް ދަސްކޮށް ދިނުމަށް ވިމެން އެންޓަޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދަވާ ވޯކޮޝޮޕަށް ލިބުނު ތަރުޙީބު ބޮޑުވެ އެ ވޯކުޝޮޕް މާލޭ ސަރަޙައްދާއި އަތޮޅު ތަކަށް ފުޅާކުރަން ނިންމައިފިއެވެ.

އެވޯކިޝޮޕް މިހާރުވަނީ މިމަހު 12 އިން 13 އަށް މާލޭގައި ބާއްވައިފައެވެ. އަދި 14 އިން 15 އަށް ހުޅުމާލޭގައި ބާއްވާ ވޯކްޝިޕް މިއަދު ނިމޭނެއެވެ. ވިމެން އެންޓަޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސާ ޝާޢިރާ ސަލީމް ވިދާޅުވީ މިހާރުވަނީ ވިލިމާލޭގައި ވެސް ވޯކްޝޮޕް ބާއްވަން ނިންމައފައި ކަމަށެވެ. ވިލިމާލޭގައި ވޯލްޝޮޕް އޮންނާނީ މިމަހު 16 އިން 17 އަށެވެ.  މި ވޯކްޝޮޕްތަކުގެ ނިންމުން ހަފްތާ ބަންދުގައި ވަރަށް ކުލަގަދަ ގޮތަކަށް ފާހަގަކުރަން ނިންމަވާފައިވާ ކަމަށް ވެސް ޝާޢިރާ ވިދާޅުވިއެވެ.

ޝާޢިރާ ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި މި ވޯކްޝޮޕް ބާއްވަން ނިންމެވީ ވެސް ވަރަށްގިނަ މީހުންގެ އެދުމުގެ މަތީން ކަމަށެވެ. ކުރިއަށްއޮތްތަނުގައި މި ވޯކްޝޮޕް އަތޮޅުތަކަށް ވެސް ފުޅާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ކަމުގެ ތަޖުރިބާކާރަކު ގެނެސްގެން ހިންގާ ޚާއްސަ ވޯކްޝޮޕެކެވެ. އޭގައި ދަސްކޮށްދޭނީ ގަސް ހެއްދުމުގެ އަސާސީ ބައިތަކެވެ.

މިއީ ބެލްކަނިތަކާއި ނާސަރީ ތަކުގައި ގަސް އިންދައި ހައްދަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ވޯކުޝޮޕެކެވެ. "މައިގަނޑު މަޤުސަދަކީ ގެއަށް ބޭނުންވާ ސާމާނު އެގެއިން ލިބޭވަރު ކޮށްދިނުން. އެގޮތުން މިރުސް، ކޮޕީފަތް، ކިޔުކަމްބާ، ހިކަނދިފަތް، ފަދަ ސާމާނު ހައްދަން ދަސްކޮށްދޭނީ. އަދި ހައްދާ ބަގީޗާތަކުގައި ކުޑިއެޅުމުން އެކަމަށް ޙަލު ހޯދައިދޭނެ ފަދަ މަޢުލޫމާތު ވޯކުޝޮޕުގައި ލިބިގެންދާނެ،" ޝާޢިރާ ވިދާޅުވިއެވެ.

ވޯކްޝޮޕްގެ ކޮންމެ ބައިވެރިއެއްގެ އަތުން ފީއެއްގެ ގޮތުގައި  500 ރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ.

ވޯކުޝޮޕުގައި ކިޔައިދޭނީ ގަސްއިންދައި ހައްދާނެ ގޮތުގެ އެންމެ އަސާސީ މަޢުލޫމާތާއި، ރަނގަޅު މުޑުވައް ހޯދާނެ ގޮތަކާއި، ފަސްގަނޑު ތައްޔާރު ކުރާނޭ ގޮތަކާއި، ތަފާތު ބާވަތުގެ ގަސް ހައްދަން ބޭނުން ކުރާނެ އެކި އުކުޅުތަކާއި، ކާނާއި އާއި ފެންދޭންޖެހޭނެ ވަގުތާއި ޙާލަތާ ބެހޭ އިރުޝާދެވެ. މީގެ އިތުރަށް ގަހަށް ޖެހޭ ބަލިތަކުން ދިފާޢު ކުރާނެ ގޮތް ވެސް ބުނެދޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.