ބޮޑު ތިން މަޤާމަކަށް ޖާބިރު ފައި ނަންގަވާފައި

ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި ޢަބްދުﷲ ޖާބިރު ބޮޑު ތިން މަޤާމެއް ބޭނުންވާ ކަމަށް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގައި މިއަދު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އެމްޑީޕީގޭ ޗެއާޕާސަން ކަމާއި، އެޕާޓީގެ ޕީޖީ ލީޑަރުކަން ކަމަށެވެ. މި އެ ތިން މަޤާމު ވެސް ބޭނުންވަނީ އެއްފަހަރާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަޤާމްތައް ހޯދުމަށްޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއިދަށް އެދިވަޑައި ގަންނަވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ކަމަށްވާނަމަ "ދިހަ ބިލިއަން ޑޮލަރަށް ރާއްޖޭގެ އިގްތިސާދު ބަޖެޓު އޮޕަރޭޓު ކޮށްލާނަން" ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ގެނައުމަށް އޭނާ ވަނީ 80 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ބައިވެރިވުން އޮވެގެން އެމްޑީޕީ ހަރަދަނާ ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

ކާށިދޫ ދާއިރާގެ ގޮނޑިއަށް އޭނާ ވަޑައިގެންފައި ވަނީ އެހެން ދާއިރާގެ ގޮނޑިއެއް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވަމުންނެވެ. އަދި އެދާއިރާއަށް ބޮޑެތި ވަޢުދުތައް ވެސް ވަމުންނެވެ. އެވަޢުދުތައް ފުއްދުމާބެހޭ މަޢުލޫމާތު ފެތުރުމަށް ޚާއްސަ ކޮށްގެން ޓީވީ ޗެނަލެއް ހަދަން މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.