ޝަޢުބާން މަހަކީ މުސްލިމުންގެ ގާތުގައި ވަރަށް ޚާއްޞަ މަހެކެވެ. އެމަހުގެ ފަނަރަ ވިލޭރެއާ ދުވަހާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައި ވެއެވެ. ބައެއް ޢިލްމުވެރިން އެއީ މާތް ރެއެއް ކަމުގައި ދެކެވަޑައިގަންނަވާއިރު އަނެއް ބައި ޢިލްމުވެރިންގެ އަރިހުގައި އެ ރޭ ފާހަގަކުރުމަކީ ބިދްޢައެކެވެ. އެ ރޭ ވަކި ގޮތަކަށް އިޙްޔާކުރަން އަންގަވައިފައެއް ނެތެވެ.
ޝަޢުބާން މަހުގައި ރަސޫލާގެ ޢަމަލުފުޅުތައް ހުރި ގޮތް
ޝަޢުބާން މަހަކީ ލޮބުވެތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެހެން މަސްމަހަށް ވުރެ ގިނައިން ރޯދަފުޅު ހިއްޕަވާފައިވާ މަހެކެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބުން ވިދާޅުވާ ގޮތުގައި ޝަޢުބާން މަހުގައި އެކަލޭގެފާނު ރޯދަފުޅު ހިއްޕަވާފައިވާލެއް ގިނަކަމުން އެކަލޭގެފާނު އެ މަހުގައި ރޯދަފުޅު ނުހިއްޕަވާ ދުވަހެއް ނުވެއޭ ބުނެވޭ ވަރަށް ރޯދަފުޅު ހިއްޕަވާފައި ވެއެވެ. އަދި ހަމަ އެ ފަދައިން އެ މަހުގައި ރޯދަފުޅު ނުހިއްޕަވާ ދުވަސްތައް ގިނަކަމުން އެ މަހުގައި އެކަލޭގެފާނު ރޯދަފުޅެއް ނުހިއްޕަވައޭ ބުނެވޭ ވަރަށް ރޯދަފުޅު ނުހިއްޕަވާ ދުވަސްތައް ވެއެވެ. [1] ބައެއް ރިވާޔަތްތައް ބުނާގޮތުގައި ރަމަޟާން މަސް ނޫން އެހެން މަހެއްގައި، ހުރިހާ ދުވަހެއްގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ރޯދަފުޅެއް ނުހިއްޕަވައެވެ.ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޝަޢުބާން މަހުގައި ރޯދަފުޅު ހިއްޕަވައިލެއް ގިނަކަމުން މާތް ﷲ ރުއްސުންލެއްވި އުސާމަތު ބުނު ޒައިދުގެފާނު އެކަމާ ބެހޭގޮތުން ރަސޫލާއަށް ސުވާލު ދެންނެވިއެވެ. އެހިނދު ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. " އެއީ ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައިވާ މަހެކެވެ. އެއީ މީސްތަކުން އެ މަހާ މެދު ޣާފިލުވާ މަހެކެވެ. އެއީ ޢަމަލުތައް ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް އުފުއްލެވޭ މަހެކެވެ. ތިމަންކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ﷲގެ ޙަޟްރަތަށް އުފުއްލެވުމަށް ލޯބިކުރައްވަމެވެ.[2]"
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޝަޢުބާން މަހުގައި ރޯދަފުޅު ހިއްޕެވުން ގިނަ ކުރެއްވީ މީސްތަކުން އެމަހާ މެދު ޣާފިލުވާތީއެވެ. މިއިން އެނގެނީ ރަމަޟާން މަހުގައި ފާއިތުވެފައިވާ ރޯދަތައް މި މަހުގައި ޤަޟާ ކުރަން އަވަސްކުރަން ޖެހޭނެ ކަމެވެ.
ޝަޢުބާންމަހުގެ ފުރަތަމަ ފަނަރަ ފާއިތުވެއްޖެ ނަމަ ސުންނަތް ރޯދަ ހިފުން ހުއްޓާލަން ޖެހޭނެއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވަނީ (( إِذَا انْتَصَفَ شَعْبَانُ فَلاَ تَصُومُوا[3] –މާނައީ: ޝައުބާން މަސް ދެބައި ވެއްޖެ ނަމަ ފަހެ ތިޔަބައިމީހުން ރޯދަ ނުހިފާހުށިކަމެވެ! )) އެކަމަކު އޭނާއަކީ ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ޤަޟާ ކުރަން ޖެހިފައިވާ މީހެއް ނަމަ ، ނުވަތަ ނަދުރު ރޯދައެއް ހިފަން ޖެހިފައިވާ މީހެއް ނަމަ، ނުވަތަ އޭނާއަކީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފުމަށް އާދަވެފައިވާ މީހެއް ނަމަ ، ނުވަތަ އޭނާއަކީ އާދަކޮށް ދެ ދުވަހުން އެއް ދުވަހު ރޯދަހިފާ މީހެއް ނަމަ ޝަޢުބާން މަސް ދެބައިވުމުން އެ މީހަކަށް ރޯދަ ހިފުން މަނާ ކަމަކަށް ނުވާނެތެވެ.
ޝަޢުބާން މަހުގެ 15 ވިލޭރޭ އިޙްޔާކުރުމާއި އެ ދުވަހު ރޯދަ ހިފުން
ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއާ ބެހޭގޮތުން ނުވަތަ ހިޔަރަކާތް ވިލޭރެއާ ބެހޭގޮތުން ދަންނަވަން ޖެހެނީ އެރެއާ ބެހޭ ގޮތުން ވާރިދުވެފައިވާ ހުރިހާ ޙަދީޘްތަކަކީ އަލްއިމާމު އިބްނުލް ޖައުޒީއާއި އަލްއިމާމު އިބްނުލް ޢަރަބީ ފަދަ ބޮޑެތި ޢިލްމުވެރިން ރައްދު ކުރައްވާފައިވާ ބަސްތަކެކެވެ .
ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއަށް ޚާއްޞަވެގެންވާ ނަމާދެއް އޮތް ކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި ޢަލީ ބުނު އަބީ ޠާލިބުގެފާނުގެ އަރިހުން ވާރިދުވެފައިވާ މި ބަސްފުޅެވެ. (( إذا كانت لَيْلَةُ النِّصْفِ من شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا فإن اللَّهَ يَنْزِلُ فيها لِغُرُوبِ الشَّمْسِ إلى سَمَاءِ الدُّنْيَا فيقول: ألا من مُسْتَغْفِرٍ لي فَأَغْفِرَ له، ألا مُسْتَرْزِقٌ فَأَرْزُقَهُ، ألا مبتلى فَأُعَافِيَهُ، ألا كَذَا ألا كَذَا حتى يَطْلُعَ الْفَجْرُ – މާނައީ: ޝަޢުބާން މަހުގެ ފަނަރަވިލޭރޭ އަންނަހިނދު ފަހެ ތިޔަބައިމީހުން އެ ރޭ އިޙްޔާކޮށް ދިރުވާށެވެ! އަދި އެ ދުވަހު ރޯދަ ހިފާށެވެ! ފަހެ ހަމަކަށަވަރުން އެ ރެއަށް އިރުއޮއްސިއްޖެނަމަ ﷲ ދުނިޔޭގެ ބިމަށް ތަޖައްލީވެ ވޮޑިގަންނަވާނެތެވެ. އަދި އެ ރޭގެ ފަތިސްވެއްޖައުމަށް ދާންދެން ވަޙީ ކުރައްވަމުން ގެންދަވާނެތެވެ. ފަހެ ތިމަންރަސްކަލާނގެ އެމީހަކަށް ފާފަ ފުއްސަވާ ދެއްވުމަށް ޓަކައި އެކަމަށް އެދި ތިމަންރަސްކަލާނގެ ޙަޟްރަތުން އެދޭ މީހަކު ނެތްހެއްޔެވެ؟ ފަހެ އެމީހަކަށް ރޯދި ދެއްވުމަށް ޓަކައި ތިމަންރަސްކަލާނގެ ޙަޟްރަތުން އެދޭ މީހަކު ނެތް ހެއްޔެވެ؟ފަހެ އެމީހަކަށް ޝިފާ ދެއްވުން އެދި ތިމަންރަސްކަލާނގެ ޙަޟްރަތުން އެދޭ ބަލިމަޑު މީހަކު ނެތް ހެއްޔެވެ؟ ފަހެ މިވެނި އެވެނި ކަމަކަށް އެދޭ މީހަކު ނެތް ހެއްޔެވެ؟ ))
މި ޙަދީސާ ބެހޭގޮތުން ޢިލްމުވެރީންގެ ބަސްފުޅުތައް އަޑު އައްސަވާށެވެ!
- އިބްނުލް ޖައުޒީ ވިދާޅުވިއެވެ: މިއީ ޞައްޙަ ޙަދީސެއް ނޫނެވެ.
- އަލްޢިރާޤީ ވިދާޅުވިއެވެ: މިއީ ސަނަދު ބަލިކަށި ޙަދީސެކެވެ.
- އަލްއިމާމުލް ޢައިނީ ވިދާޅުވިއެވެ: މި ޙަދީސުގެ ސަނަދު ބަލިކަށްޓެވެ. އެއީ މި ޙަދީސުގެ ސަނަދުގައި އިބްނު އަބީ ސަބްރާ ހިމެނޭތީއެވެ.
- ޝިހާބުއްދީނުލް ބޫޞީރީ ވިދާޅުވިއެވެ: މި ޙަދީސުގެ ސަނަދުގައި އިބްނު އަބީ ސަބްރާ ހިމެނޭތީ މިއީ ސަނަދު ބަލިކަށި ޙަދީސެކެވެ. އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ވިދާޅުވާ ގޮތުގައި އެއީ ޙަދީސް ހަދާ މީހެކެވެ.
- އައްލަކްނަވީ ވިދާޅުވާ ގޮތުގައި މިއީ ހަދާފައިވާ ޙަދީސެކެވެ. އޭނާ މި ޙަދީސް ގެންނަވާފައިވަނީ މައުޟޫޢީ ޙަދީސްތަކުގެ ތެރޭގައެވެ.
- އަލްމުބާރަކުފޫރީ ވިދާޅުވާ ގޮތުގައި މި ޙަދީސުގެ ސަނަދުގައި އަބޫބަކްރު ބުނު ޢަބްދުﷲ ބުނު މުޙައްމަދު ބުނު އަބީ ސަބްރަތުލް ޤުރަޝިއްޔިލް ޢާމިރިއްޔިލް މަދަނއްޔި ހިމެނެއެވެ. އޭނާއަކީ ހަދީސް ހަދާ މީހެކެވެ.
- އައްޛަހަބީ ވިދާޅުވާ ގޮތުގައި އަލްބުޚާރީ ވަނީ މި ޙަދީސް ޟަޢީފު ކުރައްވައިފައެވެ.
- އަލްބާނީ ވިދާޅުވާ ގޮތުގައި މިއީ ވަރަށް ބަލިކަށި ޙަދީސެކެވެ. ނުވަތަ މަޢުޟޫޢު ޙަދީސެކެވެ.
އެހެންކަމުން މި ޙަދީސަކީ ވަރަށް ބަލިކަށި ނުވަތަ ހަދާފައިވާ ޙަދީސެކެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅެއް ނޫނެވެ. އެހެންކަމުން ޝަރްޢީ ޙުއްޖަތަކަށް މި ބަސްފުޅު ނުވާނެތެވެ. މި ބަސްފުޅުގެ މައްޗަށް ބަލައި ޝަޢުބާން މަހުގެ ފަނަރަވަނަ ދުވަހު ރޯދަ ހިފުން ޝަރްޢުކުރެއްވިގެން ވާ ކަމަކަށް ނުބުނެވޭނެއެވެ.މި ބަސްފުޅުތަކުން އެނގެނީ، ޝަޢުބާން މަހުގެ ފަނަރަ ދުވަހު ހިފަން އަންގަވާފައިވާ ރޯދައެއް ނުވާ ކަމެވެ. އެ ދުވަހަށާއި އެ ރެއަށް ޚާއްޞަވެގެންވާ ވަކި ދުޢާއެއް ވެސް ނުވާ ކަމެވެ. އެހެނީ ، ޟަޢީފު ޙަދީޘްތަކެއްގެ މައްޗަށް ބިނާކޮށް އަޅުކަމެއް ނުކުރެވޭނެއެވެ.
އެކަމަކު ޝަޢުބާން މަހުގައި ނުވަތަ މެދުފޮއި ރޯދައިގެ ދުވަހެއްގެ ގޮތުގައި މި ދުވަހު ރޯދަ ހިފުމަކީ މަސްއަލައެއް ނޫނެވެ. އަދި އާދަކޮށް ހޯމަދުވަހު ނުވަތަ ބުރާސްފަތި ދުވަހު ނުވަތަ ދެ ދުވަހުން އެއް ދުވަހު ރޯދަ ހިފާމީހަކަށް މި ދުވަހާ އޭނާ ރޯދަ ހިފާ ދުވަހާ އިއްތިފާޤުން އެއް ދުވަހަކަށް ވެއްޖެނަމަ ، ރޯދަ ހިފުމުގައި ވެސް މަސްއަލައެއް ނެތެވެ. މި ކަންކަމުގައި އޮންނާނީ ނިޔަތެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. (( إِنَّمَا الْأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى [4]– މާނައީ : ހަމަކަށަވަރުން ކުރާ ޢަމަލުތައް އޮންނާނީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް ވެސް އެމީހަކު ނިޔަތް ކަމެއް އެމީހަކަށް ލިބިގެން ވެއެވެ. ))
ޤިބްލަ ބަދަލު ކުރެއްވުން
ޝަޢުބާން މަހުގެ ފަނަރަވަނަ ދުވަހާ ބެހޭ ގޮތުން ފާހަގަ ކުރެވޭ މުހިއްމު ކަމަކީ ހިޖްރައިން ދެވަނަ އަހަރު މުސްލިމުންގެ ޤިބްލަ އަލްމަސްޖިދުލް އަޤްޞާއިން އަލްމަސްޖިދުލްޙަރާމަށް ބަދަލު ކުރެއްވުމެވެ. މިއީ ލޮބުވެތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ވަރަށް ބޮޑު އުއްމީދުފުޅެކެވެ.ކީރިތި ރަސޫލާ މައްކާގައި މި ދެ ފަރާތަށް އެއް ވަގުތެއްގައި ނަމާދުފުޅު ކުރައްވާފައިވެއެވެ. އެއީ ޙަޖަރުލް އަސްވަދުގެ ކަންކޮޅާއި ޔަމާނީ ކަންކޮޅާ ދެމެދުގައި ހުންނަވާ ނަމާދުފުޅު ކުރައްވައިގެންނެވެ. އޭރުން ކަޢުބަތުﷲއަށާއި އަލްމަސްޖިދުލް އަޤްޞާއަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖްރަކުރެއްވުމަށް ފަހު މި ގޮތަށް ނަމާދުފުޅެއް ނުކުރެއްވުނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމުގެފާނުގެ ޤިބްލައަށް ކުރިމަތިފުޅު ލައްވަން ބޭނުންފުޅުވިއެވެ. މިހެންވެ ﷲ تبارك وتعالى އަށް އަދަބުވެރިވެ ވަޑައިގަތުމުގެ ގޮތުން ބަސްފުޅެއް ވިދާޅު ނުވެ މައްޗަށް ބައްލަވަމުން ގެންދެވިއެވެ. އެންމެ ފަހުން ﷲ تبارك وتعالى ރަސޫލުﷲގެފާނުގެ މި އުއްމީދު ޙާޞިލުކޮށްދެއްވައިފިއެވެ. އެކަލާނގެ ވަޙީ ކުރައްވަނީ (( قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ-[5] މާނައީ : އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށް މިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! ))
ނަމަވެސް ޤިބްލަ ބަދަލު ކުރެއްވި ދުވަހަކީ ޝަޢުބާން މަހުގެ ފަނަރަ ދުވަސްކަން ކަނޑައަޅައި ބުނެވޭކަށް ނެތެވެ. އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި ޤިބްލަ ބަދަލުވީ ހިޖްރައިން 2ވަނަ އަހަރުގެ ރަޖަބު މަހުގެ 15ވަނަ ދުވަހުއެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި އެ ޙަދިސާ ހިނގީ ހިޖްރައިން ދެވަނަ އަހަރުގެ ރަޖަބު މަހުގެ 17 ވަނަ ދުވަހުއެވެ.
އަލްއިމާމުލް ބުޚާރީ ވިދާޅުވާ ގޮތުގައި ޤިބްލަ ބަދަލު ކުރެއްވީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖްރަކުރެއްވިތާ 16 މަސް ފަހުންނެވެ. ޤިބްލަ ބަދަލު ކުރެއްވީ ބަނީ ސާލިމު ވަންހައިގެ މިސްކިތުގައި މެންދުރު ނަމާދު ކުރައްވަން ހުންނަވަނިކޮށްނެވެ. ރަސޫލާ އެ ނަމާދުން ދެ ރަކްޢަތް ކުރެއްވިތަނާ ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނުގެ މާތް އަތްޕުޅުގައި ހިއްޕަވައި ކަޢުބަތުﷲ ގެފުޅާ ދިމާއަށް އަބުރާލެއްވިއެވެ. އެކަލޭގެފާނު ގެފުޅާ ދިމާއަށް އެނބުރި ވަޑައިގަތުމުން އަރިހުގައި ނަމާދު ކުރަން ތިބި މީހުންވެސް އެކަލޭގެފާނު އެނބުރިވަޑައިގެން ގޮތަށް އެނބުރުނެވެ. މި މިސްކިތަށް " ދެ ޤިބްލަ މިސްކިތޭ " ކިޔެއެވެ. އެކަލޭގެފާނު އެނބުރިވަޑައިގެން ކުރިމަތިލައްވާފައި ވަނީ ސީދާ ގެފުޅާ ދިމާއަށެވެ. މިއަދުގެ ޢިލްމުވެރިން ޒަމާނީ އެންމެ މޮޅެތި ވަސީލަތްތައް ބޭނުންކޮށްގެން ރަސޫލާ ހުންނެވީ ރަނގަޅު ދިމާއަށް ކަން ވަނީ ކަށަވަރުކޮށްދީ ފައެވެ. މިއީ މުޢުޖިޒާތެއް ނޫންތޯއެވެ؟ ސަމުގާއެއް ނެތް ޒަމާނެއްގައި އެކަލޭގެފާނު މީސްތަކުންނަށް ގެފުޅަށް ސީދާކޮށް ދެއްވަން އެނގިވަޑައިގަތީ ކިހިނެއް ހެއްޔެވެ؟ މިއީ އިސްލާމީ ރިސާލަތުގެ ތެދުކަން ހާމަކޮށްދޭ ކުޑަކުޑަ މިސާލެކެވެ.
ހިޔަ ރަކާތް ވިލޭރޭ އުފަންވުން
ހިޔަރަކާތުގެ އަޞްލަކީ ހިޔަ ރަކްޢަތެވެ. ނުވަތަ ސަތޭކަ ރަކްޢަތެވެ. މިއީ ޝަޢުބާން މަހުގެ ފަނަރަވިލޭރޭ އިޙްޔާ ކުރުމަށް ޓަކައި އީޖާދުކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކމެކެވެ.
ހިޔަރަކާތް ނަމާދު ( ނުވަތަ الصلاة الألفية ) އޭ މި ކިޔާ ނަމާދު އުފެއްދީ ފަލަސްޠީނުގެ ނާބްލްސްގެ މީހެކެވެ. އެކަން ފެށީ ހިޖްރައިން 448 ވަނަ އަހަރު ބައިތުލްމަޤްދިސަށް އައި އަބުލް ޙަމްރާ ނަމަކަށް ކިޔާ މީހެކެވެ. މީނާއަކީ ވަރަށް އަޑު ރީތި މީހެކެވެ. މީނާ ބައިތުލްމަޤްދިސަށް ވަދެ ނަމާދު ކުރަން ފެށުމުން މީނާއާ އެތައް ބަޔަކު ތަބާވިއެވެ. އޭނާ ނަމާދު ކޮށް ނިމުނުއިރު ޖަމާޢަތް ވަނީ ވަރަށް ބޮޑުވެފައެވެ. ވިދިގެން އައި އަހަރު މީނާ ބައިތުލްމަޤްދިސަށް ދިޔައީ އެތައް ބަޔަކު ގޮވައިގެންނެވެ. މިކަންތައް މި މޭރުމުން މުޅި ޤުދްސަށް ފެތުރި އެއީ ސުންނަތެއް ފަދަ ކަމަކަށްވެ ޢާއްމުވެގެން ދިޔައިއެވެ.[6]
މި ނަމާދަށް ކިޔަނީ " އެއްހާސް ނަމާދު " ( ނުވަތަ الصلاة الألفية ) އެވެ.އެއީ މި ނަމާދުގައި އެއްހާސް ފަހަރު އިޚްލާޞް ސޫރަތް ކިޔެވޭތީއެވެ. މި ނަމާދުގައި ހިމެނެނީ 100 ރަކްޢަތެވެ. ކޮންމެ ރަކްޢަތެއްގައި ދިހަ ފަހަރު އިޚްލާޞް ސޫރަތް ކިޔަވައިގެންނެވެ. ދިވެހިން ހިޔަރަކާތް ނަމާދޭ ކީ މިހެންވެގެންނެވެ. މި ނަމާދު ކުރެވެނީ ދެ ރަކްޢަތުން ދެ ރަކްޢަތުން ސަލާން ދެމުންނެވެ.ކޮންމެ ރަކްޢަތެއްގައި އަލްޙަމްދު ކިޔެވުމަށްފަހު ދެން ކިޔަވާނީ އިޚްލާޞް ސޫރަތެވެ.
ޖުމްހޫރު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޝައުބާން މަހުގެ ފަނަރަ ވިލޭރޭ ކުރާ ހިޔަ ރަކްޢަތް ނަމާދަކީ ބިދްޢައެކެވެ. މިއީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވެސް އަދި އެކަލޭގެފާނުގެ ހަތަރު ޚަލީފާއިންކުރެ ބޭކަލަކު ވެސް އަދި ހަތަރު އިމާމުންގެ ތެރެއިން ބޭކަލަކު ވެސް ކުރަން ވިދާޅުވެފައިވާ ނަމާދެއް ނޫނެވެ.
މި ނަމާދާ ބެހޭގޮތުން ދަލީލެއް ކަމުގައި ބުނާ ޙަދީސަކީ ޙަދީސް ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތުގައި ހަދާފައިވާ ( މައުޟޫޢު) ޙަދީސެކެވެ.[7]
ހިޔަރަކާތް ދުޢާ
މި ބިދްޢައަށް އިތުރުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެ ރޭގެ ދުޢާ ވެއެވެ. މި ދުޢާގައި މާތް ﷲގެ ޙަޟްރަތުން އެދޭ ކަންތައްތަކުގެ ތެރޭގައި މާތް ﷲ މިންވަރު ކުރައްވައި، އުއްމުލްކިތާބި ( ލައުޙުލްމަޙްފޫޡު) ގައި ލިޔުއްވާފައިވާ ބައެއް ކަންތައްތައް ލައުޙުން ފުއްސަވައި ބަދަލުކޮށް ދެއްވުމަށް އެދުން ވެއެވެ. މި ދުޢާގެ ތަންކޮޅެއް ފިލި ނުޖަހާ ލިޔެލާނަމެވެ. (( اللهم يا ذا المن ولا يمن عليه ، يا ذا الجلال والإكرام ، يا ذا الطول والإنعام ، لا إله إلا أنت ، ظهر اللاجئين ، وجار المستجيرين ، وأمان الخائفين ، اللهم أن كنت كتبتني عندك في أم الكتاب شقياً أو محروماً ، أو مطروداً أو مقتراً عليَّ في الرزق ، فامح اللهم بفضلك شقاوتي وحرماني ، وطردي وإقتار رزقي ، وأثبتني عندك في أم الكتاب سعيداً مرزوقاً موفقاً للخيرات ، فإنك قلت وقولك الحق في كتابك المنزل ، على لسان نبيك المرسل : يَمْحُوا اللَّهُ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَاب. إلهي بالتجلي الأعظم في ليلة النصف من شهر شعبان المكرم ، التي يفرق فيها كل أمر حكيم ويبرم أسألك أن تكشف عنا البلاء ما نعلم وما لا نعلم ، وما أنت به أعلم إنك أنت الأعز الأكرم ، وصلى الله على سيدنا محمد وعلى آله وسلم )) [8] މި ދުޢާގައި އޭނާ ދަންނަވަނީ ، މާތް ﷲގެ ޢިލްމުފުޅުގައި އަދި ލައުޙުގައި އޭނާގެ މައްޗަށް އަބާއްޖަވެރިކަމާއި، ރިޒްޤު ނުތަނަވަސްކަމާއި ، ބަލިމަޑުކަން ލިޔުއްވާފައިވާނަމަ އެ ކަންކަން ފުއްސަވައި، އޭނާއަކީ ބާއްޖަވެރި، ތަނަވަސް ، ދުޅަހެޔޮ އަޅަކު ކަމުގައި ލިޔުއްވުމަށެވެ.
މި ދުޢާއަކީ ސުންނަތުގައި ޞައްޙަ އަޞްލެއް ނެތް ދުޢާއެކެވެ. މި ދުޢާ އައިސްފައި ވަނީ ކޮން މަޞްދަރަކުންކަން އެނގޭކަށް ނެތެވެ. ކަށަވަރުވާ ގޮތުގައި ރަސޫލާވެސް އަދި އެކަލޭގެފާނުގެ ޞަޙާބީއަކު ވެސް މި ދުޢާ ވިދާޅުވި ކަން އެނގޭކަށް ނެތެވެ. މި ދުޢާ ރަސޫލާއަށް ވެސް އަދި ޞަޙާބީންކުރެ ބޭކަލަކަށް ވެސް ނިސްބަތް ކުރުން ޞައްޙަވެގެން ނުވެއެވެ.
މި ދުޢާ ޤަބޫލު ކުރައްވާނީ ވަކި ގޮތަކަށް ކުރުމުން ކަމަށް ވެސް އެމީހުން ބުނެވެއެވެ. ދެ ރަކްޢަތް ނަމާދެއް ކުރުމަށްފަހު ޔާސީން ސޫރަތް ކިޔެވުމަށް ފަހުގައެވެ. ފުރަތަމަ ފަހަރު ނަމާދުކޮށް ދުޢާކުރާނީ ޢުމުރު ދިގުކޮށް ދެއްވުމަށެވެ. ދެވަނަ ފަހަރު ނަމާދުކޮށް ދުޢާ ކުރާނީ ބަލާވެރިކަން ދުރުކޮށް ދެއްވުމަށެވެ. ތިންވަނަ ފަހަރު ނަމާދުކޮށް ދުޢާ ކުރާނީ ރިޒްޤު ތަނަވަސްކޮށްދެއްވުމަށާއި ފުދުންތެރިކޮށް ދެއްވުމަށެވެ. މިބައިމީހުން މި ގޮތަށް މި ރޭ އަޅުކަން ކުރަނީ ދީނީ ކަމެއްކަމުގައި ހަދައިގެންނެވެ. މިހެންވެ ދުވަހަކު މިސްކިތަށް ޖަމާޢަތަށް ނުދާ ބައެއް މީހުން ވެސް އެ ރޭ އިރުއޮއްސުމުގެ ކުރިން މިސްކިތަށް ގޮސް ތަންކޮޅެއް ލިބޭތޯ ބަލާނެއެވެ.[9]
ލައިލަތުލް ޤަދްރި ވިލޭރެއާ އޮޅުން
އިސްލާމީ ބައެއް ޤައުމުތަކުގައި ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭ ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރެއެވެ. އެއީ އިސްލާމީ ޚާއްޞަ މޫސުމެއް ކަމުގައި ބަލައެވެ. މިސްކިތްތަކަށް މީސްތަކުން ގޮސް " يس " ސޫރަތް ކިޔަވައި ، ޢުމުރު ދިގުކޮށް ދެއްވާތޯ ޚާއްޞަ ނަމާދެއް ކުރެއެވެ. އެއަށް ފަހު މުއްސަނދި ކޮށްދެއްވާތޯ ދެ ރަކްޢަތް ނަމާދެއް ކުރެއެވެ. އެއަށް ފަހު ޚާއްޞަ ދުޢާއެއް ކުރެއެވެ. މި ދުޢާއަށް ބަލައިލާ އިރު އޭގެ ޢިބާރާތްތަކުން ފެންނަނީ ދީނުގެ އުޞޫލުތަކާ އަރާރުންވާ ފަދަ ބަސްތަކެކެވެ. ބައެއްމީހުން ދެކޭ ގޮތުގައި ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ހުރިހާ ކަމެއް މިންވަރު ކުރައްވައި ކަނޑައަޅުއްވާ ރެއެވެ. މި މީހުންގެ ދަލީލަކީ ﷲގެ ބަސްފުޅު (( إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ أَمْرًا مِّنْ عِندِنَا إِنَّا كُنَّا مُرْسِلِينَ [10] - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ.އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން އައި أمر އެއް ކަމުގައެވެ. ހަމަކަށަވަރުން، رسول ން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ." އެކަމަކު ތަފްސީރު ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައި އަންގަވާފައިވާ ބަރަކާތްތެރި ރެއަކީ ޝައުބާން މަހުގެ ފަނަރަ ވިލޭރެއެއް ނޫނެވެ. އެހެނީ ބަރަކާތްތެރިވެގެންވާ ފޮތް ބާވައިލެއްވީ ޝަޢުބާން މަހަކު ނޫނެވެ. ހުރިހާ ޢިލްމުވެރިން ވެސް އިޖްމާޢުވެ ވަޑައިގަންނަވާ ގޮތުގައި ، އަދި ޤުރްއާނުގެ ޞަރީޙަ ނައްޞުން އެނގޭ ގޮތުގައި ކީރިތި ޤުރްއާން ބާވައިލެއްވީ ރަމަޟާން މަހުގައެވެ. ލައިލަތުލްޤަދްރި ވިލޭރޭގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ[11]– މާނައީ : ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ.))
ﷲގެ ޙަޟްރަތަށް ކުއްތަންވެ ބިރުވެތިވެ ހުރިހާ ވަގުތެއްގައި ވެސް ، އަދި ހުރިހާ ތަނެއްގައި ވެސް ދުޢާ ކުރުމަކީ ދީނުގައި އޮތް ކަމެކެވެ. އެކަމަކު ބިދްޢަތަކުން ﷲގެ ޙަޟްރަތަށް ކުއްތަން ވުމަކީ ޝަރްޢު ކުރައްވާފައިވާ ކަމެއް ނޫނެވެ.
[1] - رواه البخارى ومسلم و أبو داود
[2] - رواه النسائى
[3] - رَوَاهُ أَحْمَدُ فِي مُسْنَدِهِ وَالأَرْبَعَةُ : أَبُو دَاوُدَ، وَالتِّرْمِذِيُّ، وَالنَّسَائِيُّ، وَابْنُ مَاجَهْ
[4] - رواه البخارى
[6] - التحذير و البدع للطرطوشي ص : 121- 122
[7] - مجموع فتاوى شيخ الإسلام ابن تيمية (23/134،133،131)، واقتضاء الصراط المستقيم (2/628) ، والباعث لأبي شامة ص(32-36) ، وفتاوى محمد رشيد رضا (1/28-30) و(3/994-1003) والتحذير من البدع للشيخ ابن باز ص(11-16)
[8] - رسالة في فضل ليلة النصف من شعبان لمحمد حسنين مخلوف ص(32، 33)
[9] - الإبداع ص 290:
[10] - الدخان : 3-5
[11] - القدر : 1
ވަރަށް ރަނގަޅު މަޢުލޫމާތުތަކެއް
ކީރިތި ރަސޫލާ ޤިބްުލައަށް އެނބުރި ވަޑައިގަތުމުން، އިމާމަކަށް ވެވަޑައިގަތީ ކޮން ބޭފުޅެއްތޯ؟ ޤިބްލަ އަށް އެނބުރި ވަޑައިގަތުމުން އެވަޤުތު ރަސޫލާ ހުންނަވާނީ ޖަމާޢަތުގެ އެންމެ ފަހަތުގަ ކަމަށް ފެންނާތީ މި ސުވާލު ސާފުކޮށްލަ ދެއްވުން އެދެނެ.
މަސްޖިދުއް އަގްސާއާއި ވީ ފަރާތަށް މޫނުފުޅު ލައްވައިގެން ހުންނަވާއިރު މައްކާއާއި ވީފަރާތަކީ ހަމަ ދިމާ ސީދަލަށް ފަހަތެއް ނޫން. މައްކާއާއި ވީ ފަރާތަށް އެނބުރިވަޑައިގަތީމާ މައުމޫމުން ތިބޭނީ އެއް އަރިމަތީގައި. ދިމާ ކުރިފުޅުމައްޗަކު ނޫން.
???