ގިނައިން އައީ ފޮށިތައް ކައިރިއަށް މީހުން ނުވެއްދުމުގެ ޝަކުވާ: އީސީ

އިއްޔެ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގިނައިން އައިސްފައިވަނީ ވޯޓު ގުނަމުން "ދިޔައިރު ފޮށިތަކުގެ ކައިރިއަށް ފުލުހުން މީހުން ނުވެއްދުމުގެ ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް އާދަމް ވިދާޅުވީ ފުލުހުން އެގޮތަށް ޢަމަލު ކުރެއްވީ އީސީގެ އިރުޝާދުގެ ދަށުން ކަމަށެވެ. "ފުލުހުން ގާތުގައި އަޅުގަނޑުމެން ބުނެފައި އޮންނާނީ އެބޭފުޅުންނަށް ކޮންޓްރޯލް ނުވާވަރަށް މީހުން ނުވައްދައްޗޭ. ނަތީޖާ ގުނާތަނުން ބަޔަކު އަރައިގެންވެސް ފާނެ މާޒީއަށް ބަލާއިރު. އެކަމަކު ޕޮލިސީއަކީ ވީހާ ވެސް ގިނަބައެއްގެ ކުރިމަތީގައި ނަތީޖާ ފާޅުކުރުން،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ރަނގަޅު އެންމެ "ޓާންއައުޓު ބޮޑު" މަޖިލިސް އިންތިޚާބު ކަމަށް ވަރަށްގިނަ މީހުން ބުނެފައިވާ ކަމަށެވެ. މި އިންތިޚާބު ބާއްވައިފައިވަނީ ކުރީގެ އިންތިޚާބުތަކުގެ ތަޖުރިބާއަށް ބަލައި ވަރަށްގިނަ ކަންކަން ރަނގަޅު ކޮށްގެންނެވެ.

"ފީޑުބެކަށް ބަލާއިރު ވޭތުވެދިޔަ އިންތިޚާބު (ރިޔާސީ އިންތިޚާބު) ގައި ދިމާވި ކަންކަން މެނޭޖުވެފައިވާ ކަން ފާހަގަވޭ. މިދިޔަފަހަރު ދެ ގަޑިއިރު ކިއުގައި ތިބެން ޖެހުނުއިރު މިފަހަރު އެންމެ ގިނަވެގެން ފަނަރަވަރަކަށް މިނިޓުން ވޯޓުލައި ނިމޭ ކަމަށްވެސް ފީޑުބެކް ލިބިފައިވޭ،" ޝަރީފް ވިދާޅުވިއެވެ.

އީސީގެ ރައީސް ވިދާޅުވީ މިފަހަރު އިންތިޒާމުގެ އެއްވެސް ޝަކުވާއެއް އައިސްފައި ނުވާ ކަމަށެވެ.  "ގިނައިން ޝަކުވާ އައިސްފައިހުރީ ރޭގައި ނަތީޖާ އިޢުލާން ކުރިއިރު ބައެއް ފޮށިތަކަށް މީހުން ވެއްދުމުގެ ފުރުސަތު ފުލުހުން ނުދިނުމުގެ ޝަކުވާ،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.