ނޫސްވެރިން ފާރަވެރިވެ، ސަރުކާރުން ގޯސްކޮށް ކުރާކަންކަން ހާމަކުރޭ: ރައީސް

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން: ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސް ނަޝީދު

ސަރުކާރާއި ރައްޔިތުންގެ މަޖިލިހާ ރައްޔިތުން ޙަވާލު ކުރެއްވި އަމާނާތް އަދާކުރައްވަނީ ރަނގަޅަށްތޯ ބެލުމަކީ ނޫސްވެރިންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރއްޔިތުން ސަރުކާރާއި ރައްޔިތުންގެ މަޖިލިހާ މިއަދު ޙަވާލުކުރެއްވި މަސައްކަތް ކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރައްވަން ޖެހޭނެ ބަޔަކީ ނޫސްވެރިން. ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރިޔަސް ހާމަކުރައްވާ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވެސް ނުހަމަ ގޮތުގައި ފައިސާގައި ޖެހިއްޖެ ކަމަށްވާނަމަ މަޑުން ތިބުމުގެ ބަދަލުގައި ނޫސްވެރިން އެކަން ހާމަކުރަންޖެހޭނެ ކަމަށެވެ. އެފަދަ ކަންކަމަށް ފިޔަވަޅު އަޅަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަކީ މިސަރުކާރުގެ ތެރެއިން ވައްކަމަށް ޖާގަ ދެއްވާނެ ބޭފުޅެއް ނޫންކަމަށާއި އެފަދަ ކަމެއް ކުރުމުގެ ނިޔައޮތް މީހަކު ހުރިކަމަށްވާނަމަ މިހާރުން މިހާރަށް ޖެހޭނީ ސަރުކާރާ ފޭއަށް ޖެހެން ކަމަށް ވިދާޅުވިއެވެ.

މިސަރުކާރުގައި މަސައްކަތް ކުރެވޭނީ ރައްޔިތުންގެ އެދުމާއި އިޙުސާސް ތަކާ އެއްގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތަށް މަސައްކަތް ނުކުރެވޭ މީހަކަށް އެމަނިކުފާނުގެ ސަރުކާރުން ޖާގައެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަމިއްލަ އެދުމަށް މަސައްކަތް ކުރުމުގެ ޖާގައެއް މިސަރުކާރުގައި ނުދެއްވާނެ ކަމަށާއި މަސައްކަތް ކުރަންވާނީ ރައްތުންނަށް ޚިދުމަތް ކޮށްދެއްވަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުން ދެއްވި ތާއީދަށް ވަރަށްބޮޑަށް ޝަކުރު އަދާކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިން ދެއްވި ތާއިދުން އެނގިގެންދިޔައީ ސަރުކާރު ދަމަހައްޓަން ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވި ގޮތާ އެއްގޮތަށް ރައްޔިތުން އަދިވެސް ތިއްބެވިކަން ހާމަވެގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރައްވަންވީ ވަގުތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.