އީރާނުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެފައިވާތާ ދެހަފުތާއަށް ވުރެ ގިނަ ދުވަސްވީފަހުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިންސާނީ ހެއީގެ ގޮތުގައި އީރާނަށް 1.2 މިލިއަން ޔޫރޯ ދޭން ނިންމައިފިއެވެ. އީރާނުގައި ފެންބޮޑުވުމުގެ ސަބަބުން 70 އަށްވުރެ ގިނަ މީހުން މަރުވެ، 800 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އެތައް ހާސް ގެއެއް މުޅިން ހަލާކުވެފައެވެ.
ޔޫރަޕިއިން ކޮމިޝަންގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ލިޔެފައިވާ ގޮތުން އީރާނުގައި އާދަޔާ ޚިލާފަށް ފެންބޮޑުވައިވާތީ، އެކަމަށް ދެވޭ އަވަސް އެހީގެ ފުރަތަމަ ބައިގެ ގޮތުގައި، އެންމެ ބޮޑަށް ގެއްލުން ލިބުނު ފަރާތްތަކަށް 1.2 މިލިއަން ޔޫރޯ ދިނުމަށް އީޔޫއިން ނިންމައިފިއެވެ. އަދި މިއުނދަގޫ ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކުގައި ވާކަންވެސް އެ ޓުވީޓުގައި ހާމަކޮށްފައި ވެއެވެ.
އީރާނުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަވަށްތަކަކަށް ގެއްލުންވެ ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެގައުމަށް އިންސާނީ އެހީ ބަޔަކު ދޭވާހަކަ އަޑު ނީވޭކަން ފާހަގަކޮށްލަން ޖެހެއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން އިންސާނީ ގޮތުންވެސް ދުނިޔެއިން އެގައުމު އެކަހިކޮށްފައިވާ ކަހަލައެވެ.
އީޔޫއިން އީރާނަށް އެހީދޭން ނިންމާފައިވާ އިރު، ގަލްފުގެ އަރަބި ގައުމެއް ކަމުގައިވާ ކުވޭތުން އީރާނަށް އިންސާނީ އެހީ ފޮނުވާފައިވާކަމަށް އަލްއާލަމް ޓީވީން ވަނީ ބުނެފައެވެ. މިއެހީގެ ތެރޭގައި ގެއްލިފައިވާ މީހުން ހޯދާ އާލާތްތަކާއި، ،ކުވޭތުގެ ރެޑް ކްރެސެންޓުން ފޮނުވި ކާބޯތަކެއްޗާއި ބޭސް ހިމެނެއެވެ.
"މި އުނދަގޫ ދަނޑިވަޅުގައި އަހަރުމެން މިތިބީ އީރާނުގެ ރައްޔިތުންނާ އެކުގައި. ގެއްލުން ލިބުނު އެތައް ހާސް އާއިލާއަކާއި، އެމީހުންނަށް އެހީތެރިވުމަށް އަމަލީގޮތުން ހަރަކާތްތެރިވާ ހިތްވަރުގަދަ ފަރާތްތައް އަހަރުމެން ހަނދާންނައްތާނުލަން. (ފެންބޮޑުވުމުގެ) އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ކޮންމެހެން ބޭނުން އެހީ އީޔޫއިން ފޯރުކޮށްދޭނެ." އީޔޫގެ ކޮމިޝަނާ ފޯ ހިއުމެނިޓޭރިއަން އެއިޑް އެންޑް ކްރައިސިސް މެނޭޖްމަންޓް ކްރިސްޓޯސް ސްޓައިލިއަނައިޑްސް ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އީރާނުގެ ގުލޮސްތާން، ލޯރިސްތަން، ޚޯޒިސްތާން، ފާރްސް، އަދި އީލާމް ޕްރޮވިންސްތަކުގައި ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، އެމެރިކާއިން ވަނީ އީރާނުގެ ރެޑް ކްރެސެންޓުގެ އެކައުންޓުތައް ގަނޑުކޮށް، ބޭރުގެ އެހީ އީރާނަށް ފޮނުވުން މަނާކޮށްފައެވެ. މީހުން ސަލާމަތްކުރަން ބޭނުންކުރާ ހެލިކޮޕްޓަރު އީރާނަށް ފޮނުވުމަށްވެސް އެމެރިކާއިން ވަނީ ހުރަސްއަޅާފައެވެ.
އީރާނުގެ ރައީސު ހަސަން ރޫހާނީ މިކަން ސިފަކުރެއްވީ ބޮޑު ޖަރީމާއެއްގެ ގޮތުގައެވެ.