ހުސް އަތާ އަންނަ ބަޔަކަށް ވޯޓެއް ދީގެން ވާނޭ ފައިދާއެއް ނޯންނާނެ: އަޙުމަދު ރަޝީދު

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދުދާއިރާއަށް  އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އަޙުމަދު ރަޝީދުގެ ވާހަކަ ވަރަށް ސާފެވެ. ހުސް އަތާ ރައްޔިތުން ގާތަށް އަނަން ކެންޑިޑޭޓަކަށް ވޯޓު ދީގެން ވާނެ ފައިދާއެއް އޮތް ކަމަށް އޭނާ ޤަބޫލެއް ނުކުރައްވައެވެ.

ރައްޔިތުން ގާތަށް ވޯޓު ހޯދަން އަންނައިރު ވިއްކާނެ މެނިފެސްޓޯ އަކާއި ޕްލޭނެއް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މެނިފެސްޓޯއެއް، ޕޮލިސީއެއް ނެތި ހުސްއަތާ އަންނަ ބަޔަކު ހަމަ މަޖިލިހަށް ކުރިމަތިލިޔަސް ރަނގަޅެއް ނުވާނެ. ރައްޔިތުން ވޯޓު ދޭންވާނީ ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކަށް. އެންމެ ރަނގަޅު މެނިފެސްޓޯއަކާއި ޕްލޭނެއް އޮތް ކެންޑިޑޭޓަކަށް. ކަންކަން ކޮށްދެވޭނެ ކެންޑިޑޭޓަކަށް،" އޭނާ ވިދާޅުވިއެވެ.

އެފަދަ މެނިފެސްޓޯ އަކާއި ޕްލޭނެއްއޮތީ އެމްޑީޕީގެ ކެންޑިޑޭޓުންގެ އަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ދޮރުންދޮރަށް ހިނގައި ރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އެ ލިސްޓުކުރީމު. އަދި އެލިސްޓް ތަރުތީބުކުރީމު. އެއަށްފަހު އެ ހިފައިގެން ރައްޔިތުން ގާތަށް އަޅުގަނޑުމެން މިއައީ. އޭގައި ރައްޔިތުންނަށް ބޭނުންވައިފައިހުރި މައިގަނޑު ގިނަކަންތައްތައް ހިމެނޭނެ،"

ދޮރުންދޮރަށް ހިނގައި މަޢުލޫމާތު އެއްކުރުމުން ރައްޔިތުންގެ ކަންބޮޑުވުންތައް އެނގިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ވަޒީފާގެ ފުރުސަތު ކަމަށާއި އެޖެންޑާ 19 ގައި އެކަމަށް ޙައްލު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ބޯހިޔަވަހިކަމާއި، ފުރިހަމަ ކަރަންޓާއި، ޞީއްޙީ ރަނގަޅު ޚިދުމަތާއި، ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމުމާއި މަގުތައް ހެދުމަކީ ރައްޔިތުން އިންތިއާއަށް ބޭނުންވެފައިވާ ކަންކަމެވެ.

އަޙުމަދު ރަޝީދު ވިދާޅުވީ މާދަމާ އޮންނަ އިންތިޚާބަކީ ރައްޔިތުންގެ ހުރިހާ އިހުސާސްތަކާ ގުޅިފައިވާ އިންތިޚާބެއް ކަމަށެވެ. އެ އިންތިޚާބާ ގުޅިލާމެހިފައިވަނީ  ކުރިއަށް އޮތް ފަސްއަހަރާ ކަމަށް ވެސް ވިދާޅުވިއެވެ. އެ ފަސް އަހަރު ތެރޭގައި ތަރައްޤީ ބޭނުންވާ ކަމަށް ވާނަމަ ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެޖެންޑާ 19 ހިފައިގެން ނުކުމެ ތިއްބެވި ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އަޙުމަދު ރަޝީދު އެދިވަޑައިގެންނެވިއެވެ.

"އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންދިން ވޯޓުން ބައިވަރު ކަންތައްތައް ފަހިވެގެން ގޮސްފި. އޭގެތެރެއިން މުޅިރާއްޖޭގައި ވެސް ދިވެހިތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ހުރިހާ ރަށެއްގައި އެއް އަގަކަށް ކާޑުގެ އަގު ބަދަލުވުމާއި، މަސްވެރިންނަށް ތެލުގެ ޑިއުޓީ ކަނޑާލުމާއި، ވިހެއުމާ ގުޅިގެން ދެމަފުރިންނަށް މުސާރައާއެކު ލިބޭ ޗުއްޓީ އިތުރުވުން ފަދަ ބައިވަރު ކަންކަން ވެއްޖެ،" އޭނާ ވިދާޅުވިއެވެ.

ގަންއިންޓަރނޭޝަނަލް އެއާޕޯޓަކީ އައްޑޫސިޓީގެ މައި ދޮރާއްޓެވެ. އެހެންނަމަވެސް އަޙުމަދު ރަޝީދު (ޗެކުމާކް) ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޯޑެއް ޖެހުމަކުން ރަނގަޅަށް އޮޕަރޭޓު ކުރެވޭ އެއާޕޯޓަކަށް ނުވާނެކަމަށެވެ. އެތަން ވެސް ޙަޤީޤީ މާނާގައި އިންޓަރނޭޝަނަލް ވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ދުނިޔޭގެ އެކި ބައްރުތަކުން މިތަނަށް ފުލައިޓުތައް އަންނަން އެބަޖެހޭ. ގެސްޓުން ރިސީވްކޮށް އެމީހުން އެކޮމޮޑޭޓު ކުރާނެ ތަންތަން ހަދަން އެބަޖެހޭ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެބައޮތް އަށް ހާސް އެނދު ހަދާވާހަކަ. އެތަންތަން ހަދައިގެން އިގްތިސާދީ ބޮޑު ބަދަލެއް ގެންނަ އެބަޖެހޭ. ޕޯޓު ތަރައްޤީ ކުރަންއެބަޖެހޭ. މިފަދަ އެތައް ކަމެއް އެބަހުރި،" އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީސް ތެރެއިން މިކަންކަމަށް ބޭނުވާ ޤާނޫނޫ ހަދައިގެން އެކަންކަމަށް ޢަމަލީ ސިފައި ގެނައުމަށް މަސައްކައްތް ކުރެއްވުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށާއި އޭނާއަށް ފުރުސަތު ދީފިނަމަ ފުރިހަމައަށް އެޒިންމާ އުފައްލަވާނެ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އަދިވެސް ތަކުރާރުކޮށް ދަންނަވަންއޮތީ އަޅުގަނޑުމެންދާއިރާއަށް އެބަތިއްބޭ ތިން މީހުން ކުރިމަތިލައިފައި، އެހެންވީމާ ވިސްނާފައި ރަނގަޅު މީހާއަށް ރަނގަޅު ވަގުތު ވޯޓު ދެއްވާށޭ. ދެއްވާ ވޯޓުންނޭ ކަންކަން ފަހިވެގެން މިދަނީ،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.