ވާދަވެރި ލަޝްކަރުން ލީބިޔާގެ ވެރިރަށަށް ހަމަލާދޭން ތައްޔާރުވެފައިވާއިރު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެރަށުގައި

ލީބިޔާގެ ބާރުގަދަ އަސްކަރީ ކޮމާންޑަރު ފީލްޑް މާޝަލް ޚަލީފާ ޙަފްތަރު

ލީބިޔާގެ ބާރުގަދަ އަސްކަރީ ކޮމާންޑަރު ފީލްޑް މާޝަލް ޚަލީފާ ޙަފްތަރުގެ ލަޝްކަރު ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) އަށް ހަމަލާދިނުމަށް ތައްޔާރުވެއްޖެއެވެ. ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ) ގެ ނަމުގައި އިރުމަތީ ރަށެއްކަމުގައިވާ ބެންޣާޒީން އަމިއްލަ ލަޝްކަރެއް ކޮންޓުރޯލުކުރާ ޙަފްތަރު ވަނީ ވެރިރަށް ޓްރިޕޮލީއާ ދިމާއަށް ދަތުރުކުރުމަށް އޭނާގެ ލަޝްކަރަށް އަމުރުކޮށްފައެވެ.

ދުނިޔޭގެ ގައުމުތަކުންނާއި އދ. އިން ގަބޫލުކުރާ ލީބިޔާގެ ސަރުކާރަކީ ބޮޑުވަޒީރު ފާޔިޒު އައްސައްރާޖުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެވެ. އެ ސަރުކާރުގެ ދަށުގައި ވެރިރަށް ޓްރިޕޮލީއާއި ލީބިޔާ ހުޅަނގު ފަޅިން ބައެއް އޮތްއިރު، އެގައުމުގެ އިރުމަތީ ފަޅި އޮތީ ވާދަވެރި އަސްކަރީ ކޮމާންޑަރު ފީލްޑް މާޝަލް ޚަލީފާ ހަފްތަރުގެ ބާރުގެ ދަށުގައެވެ. އޭނާ ގަބޫލުކުރާ ސަރުކާރަކީ އިރުމަތީ ރަށެއްކަމުގައިވާ ޠުބްރުޤްގައި 'ލީބިޔާގެ ވަގުތީ ސަރުކާރު' ގެ ނަމުގައި ހިނގާ ސަރުކާރެވެ.

ޙަފްތަރުގެ ލަޝްކަރު ޓްރިޕޮލީއާ ދިމާއަށް ދަތުރުފަށާފައި ވާއިރު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް މިހާރު ހުންނެވީ ޓްރިޕޮލީގައެވެ. އޭނާ ބުދަ ދުވަހު ލީބިޔާއަށް ވަޑައިގެންނެވީ މި އެޕްރީލް މަހުގެ ފަހުކޮޅު އދ. އިން ބާއްވަން ތައްޔާރުވަމުންދާ ލީބިޔާގެ ސުލްހައިގެ ބައްދަލުވުމާ ގުޅޭގޮތުން ވާހާކަދެއްކެވުމަށެވެ.

އެލްއެންއޭގެ ލަޝްކަރު ޓްރިޕޮލީގެ ދެކުނުން 100 ކިލޯމީޓަރު ދުރުގައި އޮންނަ ޣަރްޔާނަށް ވަދެފައިވާ ކަމަށް ޚަބަރު ލިބޭއިރު، ލީބިޔާގެ ހުށަނގުގެ ރަށެއް ކަމުގައިވާ މިސްރާތާގެ ހަނގުރާވެރި ޖަމާއަތްތަކުން ވަނީ އެލްއެންއޭގެ ލަޝްކަރު ޓްރިޕޮލީއާ ހަމައަށް ދިއުމުގެ ކުރިން ހުއްޓުވާނެ ކަމުގައެވެ.

ބޮޑުވަޒީރު ފާޔިޒު އައްސައްރާޖު ވަނީ ވައިގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ޙަފްތަރުގެ ލަޝްކަރު ހުއްޓުވުމަށް އޭނާގެ ސިފައިންނަށް އަމުރުކުރައްވާފައެވެ. އައްސަރާޖުގެ ސަރުކާރުގެ ދާޚިލީ ވަޒީރު ފަތުޙީ ބާޝާޣާ ތުހުމަތުކުރެއްވި ގޮތުގައި ޙަފްތަރުގެ ލަޝްކަރު ޓްރީޕޮލީއާ ދިމާއަށް ފޮނުވުމުގެ ފެހި ސިގްނަލް ޙަފްތަރަށް ދިނީ އަރަބި ގައުމަކުންނެވެ. އޭނާ ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޚަލީފާ ޙަފްތަރަށް ތާއީދުކުރާކަން ގިނަ ބަޔަކު ދަނެއެވެ.

ފީލްޑް މާޝަލް ޚަލީފާ ބަލްޤާސިމް ޙަފްތަރަކީ 1969 ވަނަ އަހަރު ކާނަލް މުޢައްމަރު އަލްޤައްޒާފީ ގެންނެވި އިންގިލާބުގައި ބައިވެރިވި ސިފައިންގެ އޮފިސަރެކެވެ. 1987 ވަނަ އަހަރު ޤައްޒާފީގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމު ކުށުގައި އޭނާ ހައްޔަރުކުރެވުނެވެ. އަދި 1990 ވަނަ އަހަރު އެމެރިކާއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލުމުން އެމެރިކާއަށް ހިޖުރަކޮށް އެތަނުގެ ރައްޔިތަކަށްވެސް ވިއެވެ. 2011 ވަނަ އަހަރު ޤައްޒާފީގެ ވެރިކަން ނިމުމަކަށް އައުމާއެކު ލީބިޔާއަށް އެނބުރި އައިސް ލީބިޔަން ނޭޝަނަލް އާމީގެ ނަމުގައި އަމިއްލަ ލަޝްކަރެއް އެކުލަވާލައި އިރުމަތީ ލީބިޔާގެ ބޮޑު ބައެއް އޭނާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

2011 ވަނަ އަހަރު ނޭޓޯގެ އަސްކަރީ އެހީތެރިކަމާއެކު ކާނަލް މުޢައްމަރު އަލްޤައްޒާފީގެ 42 އަހަރުވީ ސަރުކާރު ވައްޓާލުމަށް ފަހު ލީބިޔާއަށް ހަމަޖެހުން އައިސްފައި ނުވެއެވެ. ޓްރިޕޮލީއާއި، ޠުބްރުޤްގައި ވާދަވެރި ދެ ސަރުކާރު އޮތް އިރު، ޙަފްތަރުގެ ލަޝްކަރާއި، މިޞްރާތާގެ މިލިޝިޔާއިން ވެސް ދަނީ އެކި ސަހަރައްދު ކޮންޓްރޯލުކުރަމުންނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.