ކައުންސިލްގެ ބަޖެޓުން އެއްތިރީސް ޕަސެންޓު އަންހެނުންނަށް ޚާއްސަ ކުރަނީ

ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބޮޑެތި އިސްލާހުތައް މިހާރުވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ކަމަށާއި އިސްލާޙުތައް ފާސް ވެގެންދާއިރު ކައުންސިލްގެ ބަޖެޓުން އެއްތިރީސް ޕަސެންތް އަންހެނުންނަށް ޚާއްސަވެގެންދާނެ ކަމަށް ރައީސް އިބްރާހީމް ޞާލިޙު ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭން ނިންމުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނު އިސްލާހުކުރަން ހުށަހެޅި ބޮޑެތި އިސްލާޙު ތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 5 ޕަސެންޓު ކައުންސިލްތަކަށް ޚާއްސަ ކުރުމާއި ރަށުގެ އިހުތިސާސުތަކުގައި ހިމެނޭ ބިންތަކުން ލިބޭ ކުލީގެ 40 އިންސައްތަ ކައުންސިލްތަކަށް ދިނުންމާއި، ކައުންސިލް ތަކުގެ އެއްތިރީސް ޕަސެންޓް އަންހެނުންނަށް ޚާއްސަކުރުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެ އިތުރަށް ތަރައްޤީ ކުރެވޭނީ މިއިސްލާޙުތައް ތަންފީޒު ކޮށް ފުރިމަހަގޮތުގައި ކައުންސިލްތައް ބާރުވެރި ކުރުވައި މާލީގޮތުން ކައުންސިލްތައްފުދުންތެރި ކޮށްގެން. އަޅުގަނޑު މިހުރީ ބާރުތައް ދޭން. ލާމަރުކަޒު ކުރަން ތައްޔާރަށް. ތިޔަ ބޭފުޅުން ކޮށްދެއްވަންވީ ކަމަކީ މިކަންކަން ޤަބޫކުރައްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްދެއްވަންވީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ވެގެންދާނީ ހުރިހާ ދާއިރާއަކުން މިރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ. ރައްޔިތުންނަށް އިންސާފުވެރި ހެޔޮވެރިކަމެއް ކޮށްދެއްވާނެ ކަމަށާއި، މިހާރު ކުރައްވާ މަސައްކަތަކީ ދިވެހި ދައުލަތުގެ އެންމެހާ ކަންތައްތައް ޤާނޫނު އަސާސީގެ އިމުގެތެރެއަށް ގެނެސް ދިވެހި ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރައްޔިތުން މިއަދު ވެސް އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ ރާއްޖޭގައި ޢަދުލު އިންސާފު ގާއިންކުރެވިގެންދާތަން ފެނުން. ފާއިތުވި އަހަރުތަކުގައި ދިވެހިން ކުރި ތަޖުރިބާއިން އެނގުނު ޙަޤީގަތަކީ ޢަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅައިފައިވާ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލްތަކެއް ގެންނަން ޖެހިއްޖެކަން. ފަނޑިޔާރުގެއަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދާންޖެހިފައިވާކަން. ޤާނޫނު އާސަސީ ތަސައްވަރުކޮށްފައިވާ ފަދައިން ފަނޑިޔާރުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އިންސާފުން ޝަރީއަތް ކުރެވޭނެ މާޙައުލެއް ފަހިކޮށްދޭން ޖެހިފައިވާކަން. އެކަން ކުރަން އަޅުގަނޑު މިހުރީ ހަމަގައިމުވެސް ތައްޔާރަށް،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް މާދަމާ ލިބިގެން މިދަނީ އަނެއްކާވެސް ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި ރައްޔިތުން އެދޭފަދަ ބަދަލްތައް ގެނައުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ހެޔޮހިތުން ތާއިދުކުރާ އެކަންކަން ބަލައިގަންނަ މެމްބަރުން މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.