ދިރާގުގެ ފައިބަރ ނެޓްވޯކް ކ. މާފުށީގައި ޤާއިމްކޮށް ނިންމައިފި

 

ދިރާގުގެ ފައިބަރ ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްގެ ދަށުން، ކ. މާފުށީގައި ފައިބަރ ނެޓްވޯކް ޤާއިމްކޮށް ނިންމައިފިއެވެ.
މާފުށީގައި މި ނެޓްވޯކް ޤާއިމް ކުރެވިގެންދިޔުމާއިއެކު، ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ އިންޓަނެޓްގެ ހިދުމަތް އެރަށުގެ ހުރިހާ ގެތަކަށާއި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މިހާރުވެސް ކ. މާފުށީގެ ގިނަ ވިޔަފާރިތަކަކާއި ގެތަކުން މި ހިދުމަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ބޮޑު ތަރުހީބެއް މި ހިދުމަތަށް އަންނަނީ ލިބެމުންނެވެ.
ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މި ފެށޭ ހަފްތާގެ ބުދަ ދުވަހުން ފެށިގެން، ހާއްސަ ޕްރޮމޯޝަނަކާއިއެކު މާފުށީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އެދުވަހުން ފެށިގެން ދިރާގުން މިހާރުވެސް ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑުގައި 100 އެމްބީޕީއެސްއާއި ހަމަޔަށް، އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްތައް، ކ.މާފުށީގެ ހުރިހާ ކަސްޓަމަރުންނަށް ފުރިހަމަޔަށް ލިބެމުންދާނެއެވެ.
ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެއާއި ހުޅުމާލެއަށެވެ. ކ. މާފުށި ވެގެންދާނީ މި ދެ ސަރަހައްދުގެ އިތުރުން ފުރިހަމަ ފައިބަރ ނެޓްވޯކެއް ޤާއިމު ކުރެވި، ހިދުމަތް ދޭންފެށޭ ރާއްޖޭގެ ފުރަތަމަ ރަށަށެވެ.
ކ. މާފުށީގައި ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުމަށް ނިންމަވާފައިވާއިރު، ދިރާގުން ވަނީ މި މަހުގެ ތެރޭގައި، އެ ކުންފުނިން ފޯރުކޮށްދެމުންގެންދާ ފައިބަރ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ޕެކޭޖްތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.