ކަނޑުފޭރޭ ބައެއް ޖޭޕީތެރެއަށް ނުވަދޭ: ޤާސިމް

ޖުމްހޫރީޕާޓީ (ޖޭޕީ) ތެރެއަށް ކަނޑުފޭރޭ ބަޔަކު ނުވަންނަ ކަމަށާއި ނުވެސް ވައްދާނެ ކަމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އެޕާޓީގެ ތެރެއަށް ކަނޑުފޭރޭ މީހުން ވަދެއްޖެ ކަމަށް ބައެއް  ބޭފުޅުން ވިދާޅުވިޔަސް އެފަދަ ބަޔަކު އެޕާޓިއަށް ނުވަންނަ ކަމަށާއި ނުވެސް ވައްދާނެ ކަމަށެވެ. އެޕާޓީގެ ތެރެއަށް ކަނޑުފޭރޭ ބަޔަކު ވަދެއްޖެ ކަމަށް ވިދާޅުވީ ޖޭޕީގެ ރައީސް އަދި މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދެވެ.

"އަޅުގަނޑުމެންގެ ތެރޭގެ ބައެއް ބޭފުޅުން އެބަވިދާޅުވޭ ޖޭޕީތެރޭގައި ކަނޑުފޭރޭ މީހުން އުޅޭވާހަކަ. އަޅުގަނޑު ދަންނަވާނީ ވަރަށް ސާފުކޮށް، ކަނޑުފޭރޭ އެއްވެސް މީހަކު އަޅުގަނޑުމެންގެ ޕާޓީގެ ތެރެއަކަށް ނުވަދެއޭ ޤާނޫނާއި ދީނާ ޚިލާފު އަދި ޤައުމިއްޔަތާ ޚިލާފުކަމެއް ކުރާކަށް ވެސް ނުވަދެއޭ،" ޤާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނާއި ޖޭޕީން މަޝްވަރާ ކުރުމަށްފަހު ވެވުނު އެއްބަސްވުމުގެ ދަށުން ޖޭޕީންވާނީ ޕްރޮގްރެސިވް ކޯލިޝަނުން ވާދަ ނުކުރާ ރައްޔިތުންގެ މަޖިލީހުގެ ބައްތީރިދާއިރާގެ ގޮނޑިއަށް ނުކުމެފައި ކަމަށެވެ. ޖޭޕީން ވެސް ވަނީ އެ ކޯލިޝަނަށް 32 ދާއިރާ ދޫކޮށްލާފައި ކަމަށް ވިދާޅުވިއެވެ. ދެ ފަރާތުން ބައިވެރިވެގެން 14 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރަމުންދާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. ޖޭޕީގެ ޖުމްލަ ކެންޑިޑޭޓުން ޢަދަދަކީ 46 ކަމަށާއި އެ އެންމެންނަށް ވޯޓު ދެއްވުމަށް ދާއިރާތަކުގެ ރައްޔިތުންގެ ކިބައިން ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.

ޤާސިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އިސްލާމްދީން ނަގަހައްޓައި ދަމަހައްޓަން އެޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ވަރަށް މުހިންމު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.