ފޭދޫއިން މަދިރި މަދުކުރުމަށް އަލައޮޅުތަކަށް ފަސް އެޅުމުގެ މަސައްކަތް ފަށައިފި

އައްޑޫސިޓީ ފޭދޫ އިން މަދިރި މަދުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވި ވިދާޅުވުމާ ގުޅިގެން އެރަށުގައި އަލައޮޅު ހައްދާ ސަރަޙައްދުތަކުގެ އޮޅުތަކަށް ފަސް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ކައުންސިލަރ ޢަލީ ފަހުމީ އަޙުމަދު ވިދާޅުވީ ފަސްއަޅާ އޮޅުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވަނީ އެއްގޮތަކަށް ނުބަލަހައްޓާ ދޫކުރެވިފައިވާ އޮޅުތަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ބޭނުންކުރާ އޮޅުތައް ވެސް ކޮންމެވެސް ވަރަކަށް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ އެހީތެރިކަމާއެކުގައެވެ. "މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ފޭދުއަށް ވަޑައިގެންނެވި ދަތުރުފުޅުގައި، ފޭދޫގައި ފެންބޮޑުވެގެން ގެއްލުން ލިބޭ ސަރަޙައްދު (އަލަ އޮޅުތައް ހިމެނޭ ސަރަޙައްދު) ގެ މީހުން އެދުނީ މަދިރި މަދުކުރުމުގެ ގޮތުން އޮޅުތަކަށް ވެލި އަޅައިގެން އެތަންތަން ބަރައި ދިނުމަށް. އިރާދަކުރެއްވިއްޔާ އެމަސައްކަތް މިއަދު ފެށިގެން ކުރިއަށް މިދަނީ،" ފަހުމީ ވިދާޅުވިއެވެ.

ކުރިއަށްއޮތީ ވިއްސާރަ މޫސުން ކަމަށާއި ވިއްސާރަ މޫސުން އައުމުގެ ކުރިން މި މަސައްކަތް މިއަދު ފެށީ ފޭދޫ ރައްޔިތުންނަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައާއި މަދިރީގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މިއަދު ފަސްއަޅަން ފެށި ސަރަޙައްދަކީ މަދިރި އެންމެ ގިނައިން އުފެދޭ އަދި ވިއްސާރަ މޫސުމުގައި ވާރޭވެހުމުގެ ސަބަބުން އެންމެބޮޑަށް ފެންބޮޑުވާ ސަރަޙައްދެވެ. އަދި ގަސްތަކާއި ޗަސްބިމާއި ކުނި އެންމެ ގިނަވެ ނުބެލެހެއްޓި އޮތް ސަރަޙައްދަކީ ވެސް އެއީއެވެ.

އޮޅުތައް ބެރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އައްޑޫސިޓީގެ ޑިޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފާއި ބައެއް ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޔަސްރިފް ވިދާޅުވީ މި މަސައްކަތުގެ ދަށުން ގޯތިތެރޭގައި ފެންހެދޭ ތަންތަން ވެސް ބަރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.