ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާނަށް ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން އެގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެއެވެ.
އީރާނުގެ ދާޚިލީ ވަޒީރު ޢަބްދުއްރިޒާ ރަޙްމާނީ ފަޒްލު ވިދާޅުވިގޮތުގައި އެ ގައުމުގެ 31 ޕްރޮވިންސުގެ ތެރެއިން 24 ޕްރޮވިންސުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ގައުމުގެ މައި މަގުތަކުގެ ތެރެއިން 28 މަގެއް ވަނީ ބަންދުކުރަން ޖެހިފައެވެ.
ފެންބޮޑުވުމުގެ ސަބަބުން 45 މީހުން މިހާތަނަށް މަރުވެފައިވާއިރު، ސަރުކާރުން ގެންދަނީ އެންމެ ބޮޑު ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ މަސައްކަތްކުރަމުންނެވެ.
ދާޚިލީ ވަޒީރު ވިދާޅުވިގޮތުގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ ޚޯޒިސްތާނު ޕްރޮވިންސަށެވެ. އަދި އިތުރަށް ފެންބޮޑުވުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތީވެސް އެ ޕްރޮވިންސަށެވެ.
ހުޅަނގު ދެކުނުގައި އޮންނަ ޚޯޒިސްތާނުގެ 70 އަވަށެއްގެ މީހުން އެހެން ތަންތަނަށް ބަދަލުވުމަށް ސަރުކާރުން ވަނީ އަންގާފައެވެ. ޚޯޒިސްތާނުގެ ބޮޑު ދެ ޑޭމެއް ވަނީ ފުރިގެން ބަންޑުންވާން ކައިރިވެފައެވެ. އިތުރު ތިން ދުވަހަށް ވާރޭވެހިއްޖެނަމަ އެ ޑޭމްތައް ބަންޑުންވެ ކައިރީގައިވާ އަވަށްތައް ފެނުގެ އަޑިއަށް ދާނެކަމަށް ބެލެއެވެ. މި ދެ ޑޭމުގެ ތެރެއިން ބޮޑު ޑޭމަކީ 1164 ފޫޓު އުސް ޑޭމެކެވެ. މިއީ ކުރީގެ ރަސްގެފާނު މުހައްމަދު ރިޒާ ޕެހަލަވީގެ ދުވަސްވަރު، 1960 ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގެ ކުންފުނިތަކަކުން ބިނާކޮށްފައިވާ ޑޭމެކެވެ.
އީރާނުގެ ޚަބަރުފަރުތާ އެޖެންސީ އިރްނާއަށް މައުލުމާތުދެމުން އީރާން ހައުސިންގ ފައުންޑޭޝަނުގެ ފަރާތުން ވާހަކަދެއްކި ހާދީ ދެރާފްޝީ ބުނިގޮތުގައި ފެންބޮޑުވުމުގެ ސަބަބުން އީރާނުގެ އެކި ހިސާބުތަކުން 25 ހާސް ގެ ވަނީ މުޅިން ހަލާކުވެފައެވެ. އަދި 60 ހާހަށްވުރެ ގިނަ ގެއަށް ވަނީ މަރާމާތުކުރަންޖެހޭ ވަރަށް ގެއްލުންވެފައެވެ.
އީރާނުގެ ނުރައްކާތެރި ދަރަޖައަކަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ވަމުން ދާއިރު ދުނިޔޭގެ ފަލަ ސުރުޚީތަކަށް މި ފެންބޮޑުވުމާ ބެހޭ ޚަބަރުތައް ނާރައެވެ. އަދި އީރާނަށް އިންސާނީ އެހީ ފޮނުވުމަށް ގައުމުތައް ހަރަކާތެރިވާތަންވެސް ނުފެނެއެވެ. ސަބަބަކީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެވެ. މިކަން ސިފަކުރައްވަމުން އީރާނުގެ ވަޒީރު ވިދާޅުވެފައި ވަނީ އެމެރިކާގެ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަކީ "އިގްތިސާދީ ހަނގުރާމައެއް ނޫން" ކަމަށާ އެއީ "އިގްތިސާދީ ޓެރަރިޒަމް" ކަމުގައެވެ.