ރާއްޖޭގައި އިންތިޚާބެއް ބޯމަތިވާ ކޮންމެ ދަނޑިވަޅެއްގައި އިންތިޚާބު ފަސްކުރަން ކޯޓަށް ދިއުމަކީ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބި ކެންޕޭން ސްޓްރެޓެޖީ އަށް އަސަރު ކުރާ ކަމެއް ކަމަށް ޓޫއަރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ޢަލީ ވަޙީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވާދަވެރި ކަމާއެކު މޮޅާ ބަލި ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި ލޮބުވެތި ރައްޔިތުން ވޯޓު ލާ ކޮންމެ އިންތިޚާބެއް ބޯމަތިވާ ދަނޑިވަޅުގައި އިންތިޚާބު ފަސްކުރަން ކޯޓަށް ދިއުމަކީ ހިތާމަ ހުރި ކަމެއް. އޭގެ ސަބަބުން އެތައް ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބި ކެންޕޭން ސްޓްރެޓެޖީ އަށް އަސަރު ކުރޭ. ވާދަވެރިކަމާ އެކު މޮޅާ ބަލި ގަބޫލުކުރަން ޖެހޭ"، ޢަލީ ވަޙީދު ވިދާޅުވިއެވެ.
ޢަލީ ވަޙީދުގެ މި ވާހަކަފުޅަކީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީ ކުރާނެ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިންތިޚާބު ލަސްކުރަން ބަޔަކު މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން އާދީއްތަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.