ކުރިން އަޅުގަނޑު ފެނިފައި ހޭބަލިވާ މީހުންނަށް މިއަދު ރީނދޫ ކުލަވެސް ރީތިވެއްޖެ: ނަޝީދު

ކުރިން ރައީސް މުޙައްމަދު ނަޝީދު ފެނުމުން ދުރަށްޖެހި "ހޭބަލިވާ މީހުން" އަދި ރީނދޫކުލަ ފެނިފައި ރުޅިގަދަވެ ބުއްދި ފިލާ މީހުންނަށް މިއަދު އެކުކަ ރީތި ވެއްޖެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ތ. ގުރައިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެޖެންޑާ 19ގައި ހިމެނޭ ޓެކްސް ޕޮލިސީގެ ދަށުން އިންކަމް ޓެކްސް ނަންގަވާނެ ކަމަށެވެ. އެހެންނަމަވެސް އެ އެޖެންޑާއަށް އެމްޑީޕީގެ ވާދަވެރި ފަރާތްތަކަށް ވޯޓު ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވާދަވެރި ޕާޓީއެއްގެ މީސާލެއްގެ ގޮތުން އެމަނިކުފާނު ދެއްކެވީ ޖުމްހޫރީ ޕާޓީއެވެ.

"އަޅުގަނޑުމެންނާ އިދިކޮޅު، މިސާލަކަށް ޖުމްހޫރީޕާޓީ އެޕާޓީއަށް މި އެޖެންޑާއަށް ވޯޓެއް ނުދެވޭނެ. އެއްގޮތަކަށް ވެސް ނުދެއްވޭނެ. އެވިދާޅުވަނީތާ ސަރުކާއެކުގައި އެބޭފުޅުންތިބޭނެޔޭ. މީގެކުރީގައި އަޅުގަނޑު ފެނުނީމާ ދުރަށްޖެހި ހޭބަލިވާ މީހުން ރީނދޫކުލަ ފެނުނީމާވެސް ރުޅިގަދަވެގެންގޮސް އެކީއެކައްޗަކަށް ބުއްދިފިލާ މީހުން މިއަދު ރީނދޫކުލަވެސް ރީތި އެމީހުންގެ ޕޯސްޓަރުގައި ވެސް މިހާރު ހުންނަނީ ކުޑަ ރީނދޫކުލަކޮޅެއް ކާއްތާލައިފައި. އެމީހުންގެ ޝިޢާރުގައި ވެސް ހުންނަނީ އެމްޑީޕީ އެ ގެންގުޅޭ ކަހަލަ ދެތިން ތުނޑެއް ލައްވާލައިފައި،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ކެންޑިޑޭޓުން ނުކުމެ އޭނާއަކީ ސަރުކާރު ކެންޑިޑޭޓު ކަމަށް ވެސް މިހާރު ބުނަމުންދާ ކަމަށެވެ. އަދި ސީދާ ރައީސް ނަޝީދުގެ ތާއީދު ވެސް އެބައޮތް ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވަމުން ގެންދަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ބައެއް މީހުން ނުކުމެ އެބަބުނޭ ތިމަންނަމީ ސަރުކާރުގެ ކެންޑިޑޭޓޭ. ބައެއް މީހުން އެބަބުނޭ ތިމަންނައަށޭ އަޅުގަނޑުވެސް ތާއިދު ކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުންނަކީ ސުލްޙަވެރި ސިޔާސީ ހަރާކާތް ހިންގަން ވެގެން ސިޔާސީ ޕާޓީއެއް ބިނާކޮށް މުޅިންއެހެން ސިޔާސީ ސަގާފަތެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުންނަކީ މުޅިން އެހެން ޤައުމިއްޔަތަކަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މުޅިން އެހެން ޤައުމިއްޔަތަކަށް މަސައްކަތްކުރާ ބައެއް. މާތްވެގެންވާ އިސްލާމްދީނާއި އަދި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ރިވެތި އުސޫލުތައް މިރާއްޖޭގައި ތަޢާރަފްކުރާ ބައެއް. އެމަސައްކަތް ހިނގައި ކާމިޔާބުވާތަން އެބަފެނޭ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ  މިފަހަރު ގުރައިދޫގައި ލާ ވޯޓުން ގުރައިދޫ ރައްޔިތުން އެމްޑީޕީއަށް ވޯޓުދޭ މިންވަރުގެ ގިނަކަމުން ގުރައިދޫ ރައްޔިތުން ވެސް ސިއްސައިގެންދާނެ ކަމަށެވެ. އެތަން މިހާރުވެސް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމު މުއްޔަށް ރާއްޖޭގެ ރައްޔިތުން ތެދުވަމުން އަންނަތަން ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ރައީސް ޔާމީން އެ ހުންނެވީ ވޯޓުން ބަލިކުރައްވައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.