މި ހަފުތާއިން ފެށިގެން ބުރުނާއީގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ފަށާތީ ހުޅަނގުގެ ކަންބޮޑުވުމާއި ބިރުދެއްކުން

އަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ހައްދުތައް ތަންފީޒުކުރަން ފެށުމަށް ބުރުނާއީ ދާރުއްސަލާމުން ނިންމައިފިއެވެ.

2014 ވަނަ އަހަރުން ފެށިގެން މަޑުމަޑުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހުކުމްތައް ބަދަލުކުރަމުން އަންނަ ބުރުނާއީގައި އަލަށް ތަންފީޒުކުރަން ފަށާ ހައްދުތަކުގެ ތެރޭގައި ވައްކަންކުރާ މީހުންގެ އަތް ކެނޑުމާއި، މީހަކާ އިނދެފައި ހުރި މީހަކު ރަޖަމުކުރުމާއި، އެއްޖިންސުން ގުޅުން ހިންގާ މީހުން ރަޖަމުކުރުން ހިމެނެއެވެ.

ބުރުނާއިގެ މިނިންމުމާއެކު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި، ހުޅަނގުގެ ބައެއް ގައުމުތަކުންނާއި، މަޝްހޫރު ބައެއް މީސްމީހުން ފާޑުކިއުމާއި، ބިރުދެއްކުމުގެ އަމާޒަކަށް ބުރުނާއީ ވަނީ ވެފައެވެ.

"ބުރުނާއީ ދާރުއްސަލާމްގެ އިއްޒަތްތެރި ރަސްގެފާނު ސުލްޠާން ޙަސަން އަލްބުލްޤިޔާ އެމަނިކުފާނު ނެރުއްވި އަމުރުފުޅުގައި ވިދާޅުވެފައި ވަނީ، މާތް ﷲގެ ހުކުމް ތަންފީޒުކުރުމުން އެހެން ފަރާތްތަކުން އެކަން ބަލައިގަންނާނެކަމަށް، މިގައުމުން އުއްމީދުކޮށްގެން ނެތް ކަމަށެވެ. އެހެންނަމަވެސް، އެ ފަރާތްތަކުން އިސްލާމްދީނަށް އިހުތިރާމުކުރާ ފަދައިން، ގައުމުގެ ނިންމުމަށް އިހުތިރާމުކުރުމުން ފުދޭނެއެވެ." ފާޑުކިޔާ ފަރާތްތަކަށް ރައްދުދެމުން ބުރުނާއީ ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ލިޔެފައި ވެއެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ މީގެ ކުރިންވެސް ބުރުނާއީގައި މަނާކަމެކެވެ. އެހެންނަވެސް، މިހަފުތާއިން ފެށިގެން އެކަން ކުރާ މީހުން ރަޖަމުކުރެވޭނެއެވެ.

އިސްލާމީ ހައްދުތައް ތަންފީޒުކުރަން ފަށާތީ އެކަމަށް ފާޑުކިޔަމުން އެމްނެސްޓީ އިންޓަނޭޝަލަނު ވަނީ "އެކަން ވަގުތުން ހުއްޓާލުމަށް" ގޮވައިލާފައެވެ.

"އެފަދަ 'ރަހުމްކުޑަ'. 'ލާއިންސާނީ' އަދަބުތައް ގާނޫނަކަށް ހެދުމަކީ ވަރަށް ހުތުރު އަމަލެއް" އެމްނެސްޓީން ބުނެފައި ވެއެވެ. މީގެ އިތުރަށް ހިއުމަން ރައިޓްސް ވޮޗް އިންވެސް ވަނީ މިމޭރުމުން ވާހަކަދައްކާފައެވެ.

"ބުރުނާއީން ޝަރީއާގެ ގާނޫނުލްއުގޫބާތުގެ ދެވަނަ އަދި ތިންވަނަ ފިޔަވައި ތަންފީޒުކުރަން ފަށާތީ އެމެރިކާއިން ކަންބޮޑުވޭ. އެ ގާނޫނުގައިވާ ބައެއް އަދަބުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ހަމަތަކާ ފުށުއަރާ އަދަބުތަކެއް." އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) އިން ނެރުނު ބަޔާނެއްގައި ވެއެވެ.

ބުރުނާއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދެވި، އެމެރިކާގެ ނާއިބު ރައީސު މައިކް ޕްންސް ވެސް ވަނީ ދަތުރުފުޅު ކުރުކުރައްވާފައި ކުއްލިއަކަށް ފުރާވަޑައިގެންފައެވެ.

އީޔޫއިންނާއި ހުޅަނގުގެ ބައެއް ގައުމުތަކުން ބުރުނާއީގެ ނިންމުން އަނބުރާ ނަގަން ގޮވައިލަމުން ދާއިރު، ހޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމީ ތަރިންވެސް ދަނީ ބްރުނާއީގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމުގެ ބިރުވެސް ދައްކަމުންނެވެ.

ބުރުނާއީ އަކީ އިރުމަތީ އޭޝިޔާގައި މެލޭޝިޔާގެ ބޯނިއޯ ރަށުގެ ބައެއްގެ ގޮތުގައި އޮންނަ ކުޑަ ގައުމެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ އެގައުމުގެ އާބާދީއަކީ 4 ލައްކަ 28 ހާހެވެ. ސުލްޠާނު ޙަސަނުލް ބުލްޤިޔާއަކީ 1967 އިން ފެށިގެން އެގައުމުގެ އެންމެ އިސް ވެރިޔާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.