އަރތުއަވާ ފާހަގަ ކުރުމުގެ ގޮތުން ގުރައިދޫ ބޯޅަދަނޑު އުނބު ބޭނުންކޮށްގެން ދިއްލާލަނީ

ދުނިޔޭގެ އަރތުއަވާ ދުވަހުގެ މުނާސަބާގައި ތ. އަތޮޅުމަދަރުސާގެ ސްކައުޓްކުދިންނާއި ކަބުސްކައުޓްކުދިން ގުޅިގެން ތަފާތު ޙަރަކާތްތައް ހިންގަން ފަށައިފިއެވެ. އެގޮތުން ދުނިޔެއަށް ފައިދާ ހުރި ކަމެއް ކުރުމުގެ ގޮތުން ގުރައިދޫގެ އެކި ސަރަޙައްދު ތަކުގައި ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅި، އަދި މިނޫސްވެސް ޕްލާސްޓިކާއި ރަބަރު ފަދަތަކެތިވަނީ ނަގައިފައެވެ. މި ޙަރަކާތް ބާއްވައިފައިވަނީ މިއަދު ހެނދުނު އެވެ. އޭގެއިތުރަށް ކަބްސްކައުޓުންގެ މެދުގައި ވަނީ ދުވަހާ ގުޅޭ ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ވެސް ބާއްވައިފައެވެ.

މިއަދު ހަވީރު  އޮންނަ ޙަރަކާތްތަކުގެ ތެރޭގައި  ޕްލާސްޓިކް ފުޅީގައި ގަސްއިންދުން އޮންނާނެއެވެ. އެކަން ކުރިއަށްދާނީ ސްކޫލް ގޯތިތެރޭގައެވެ. އެއަށްފަހު ދުވަހާ ގުޅޭ ޕެރޭޑެއްވެސް އޮންނާނެއެވެ. މި ޕެރޭޑްގައި ހުރިހާ ސްކައުޓް ކުދިންނާއި، ކަބްސްކައުޓް ކުދިންނާއި ހުރިހާ ޓީޗަރުން، އަދި ބެލެނިވެރިން ބައިވެރިވާނެ ކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވިއެވެ.

އާރތުއަވާގެ މުނާސަބާގައި ބާއްވާ ޚާއްސަ ޙަރަކާތް މިރޭ 8:30 އިން 9:30 ރަށުގެ ބޯޅަދަނޑުގައި އޮންނާނެއެވެ. މި އިވެންޓްގައި އުނބު ބޭނުން ކޮށްގެން ދަނޑު ދިއްލާލުން ކުރިޔަށްދާނެއެވެ. މި އިވެންޓްގައި ރަށުގެ ހުރިހާ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ސްކޫލުން ވިދާޅުވިއެވެ. އެ ޙަރަކާތް ކުރިއަށްދާ ވަގުތު ސަރުކާރުގެ ހުރިހާ މުއައްސަސާ އަކުން ކަރަންޓް ކަނޑާލެވޭނެއެވެ. އަދި ރަށުގެ ހުރިހާ ގެޔަކުން ބޭނުން ނުކުރާ ކަރަންޓް ސާމާނު އޮފް ކޮއްލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަރތުއަވާ ފާހަގަ ކުރުމުގެ ޙަރަކާތުގެ ތެރެއިން އުކާލަންޖެހޭ ޕްލާސްޓިކުފަދަ ތަކެތި އެޅުމަށް ސްކޫލްގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި ޑަސްބިންތައް ބެހެއްޓިފައިވެއެވެ. އެއީ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް ބަހައްޓައިފައިވާ އެއްޗެކެވެ.

ތ އަތޮޅު މަދަރުސާގައި 357 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ. އެއީ ދެ ސްޓްރީމަށް އޯލެވެލް އަދި އޭލެވެލްއަށް ކިޔަވައިދޭ ސްކޫލެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.