އަމާންކަން ބިނާވެފައިވާނީ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރި ކަމުގެ މައްޗަށް: ރައީސް

ޤައުމުގެ ދާޚިލީ ހަމަޖެހުމާއި އަމަންއަމާންކަން ބިނާވެފައި އޮންނާނީ އެޤައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުންނަކީ އަބަދުވެސް ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތާ ޤާނޫނީ އިމުގެ ތެރޭގައި ޚިދުމަތް ދޭ ބަޔަކަށް ހެދުމަކީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ ޤާނޫނީ އިމުގެ ތެރެއިން އެންމެފުރިހަމަ ކަމާއެކު އަމާންކަން ގާއިމް ކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ދެއްވައިގެން ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑު ވެރިކަން ކުރަމުންދާނީ ޤާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަންކަމާއެކު އަމަންއަމާންކަން ޤާއިމުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ދީގެން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެފަދަ ހާދިސާއެއްގައިވެސް، އެންމެފުރަތަމަ ރައްޔިތުންނާ ބައްދަލުކުރާ ބަޔަކީ ފުލުހުން ކަމަށެވެ. އެހެން ކަމުން " ކިތަންމެ އުނދަގޫ ޙާލަތެއްގައި ވިޔަސް، ޖަޒުބާތުގައި ނުޖެހި، ރީތި ބަސްމަގުން މުޢާމަލާތު ކުރުމަކީ، ޕޮލިސް ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑު،" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ތެރެއިން ތަޙުޤީޤުތައް މިހާރަށް ވުރެ އެތައް ގުނައެއް އަވަސް ކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ތަޙުޤީޤު ބިނާކުރަންވާނީ، ކުށްވެރިޔާއަށް ސަލާމަތް ނުވެވޭނެ ގޮތަށް، އަދި ކުށް ނުކުރާ މީހާ، ޖަލަށް ވަންނަން ނުޖެހޭ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. "ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ޢަދުލު އިންޞާފު ނުލިބުން. ޢަދުލު އިންޞާފަށް ވާޞިލުވުމުގެ އެންމެ ފުރަތަމަ މަރުޙަލާއަކީ ފުލުހުންގެ ތަޙުޤީޤު،" އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމާއި ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ ސަބަބުތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަންކަމުގެ ސަބަބުން މިދިޔަ އަހަރުތަކުގައި އެ މުޢައްސަސާގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެ އިތުބާރު ގެއްލިފައި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން މިހާރު އަންނަނީ ބަދަލުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.