މޫސުމީ ބަދަލުތަކާ ބެހޭ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ތިމާވެށި މިނިސްޓަރު ބައިވެރިވެވަޑައިގެންފި

ނިއުޔޯކްގައި ބާއްވާ ހައި-ލެވެލް މީޓިންގ އޮން "ކްލައިމެޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފޮރ އޯލް" ގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުމަކީ އ.ދ ގެ އާއްމު މަޖިލިސްގެ ރައީސްގެ ފަރާތުން ބާއްވާ ޖަލްސާއެކެވެ. މިޖަލްސާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތައް ހާސިލްކުރުމުގައި، މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުން ރައްކާތެރިވެ، މިހާރާއި އަދި އަންނަންއޮތް ޖީލުތަކަށް ރައްކާތެރި ތިމާވެއްޓަކާއި، އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީގޮތުން ރައްކާތެރި މާހައުލެއް ބިނާކުރުމާއި ބެހޭގޮތުންނެވެ.

މި މަހުގެ 28 ގައި ނިއުޔޯކްގެ ޔުނައިޓެޑް ނޭޝަންސް ހެޑްކުއާރޓާރސް (ޔޫއެންއެޗްކިއު) ގައި ކުރިއަށްދާ މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވައިފައިވާ ކަމެއްކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި މެދު އަޑުއުފުލައި އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަށް އެޅުމަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ގައުމީ ފެންވަރުގައި ރާއްޖެއިން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ގައުމުތަކުންވެސް ލަސްނުކޮށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލެއްވިއެވެ. ރާއްޖެ ކަހަލަ ވަސީލަތްތައް މަދު ކުދި ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތައް ކުރުމަށް ފައިސާ އާއި ވަސިލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރިއަށްގެންދިއުމަށް، ދެމެހެއްޓެނިވި ގޮތުގައި ފައިސާ ފޯރުކޮށްދިނުމަށާއި އިންސާނީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެން ޖެހޭކަމަށާއި، މިހާތަނަށް ތަރައްގީވެފައިވާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާއާއި ޕެރިސް އެގްރީމެންޓްގައި ފޯރުކޮށްދޭން ވައުދުވެފައިވާ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. މިގޮތުން ގްރީން ކްލައިމެޓް ފަންޑްގެ ރިޕްލެނިޝްމަންޓްއަށް ތަރައްޤީވެފައިވާ ޤައުމުތަކުން ފޯރުކޮށްދޭން ވައުދުވެފައިވާ ފައިސާ ލަސްނުކޮށް ފޯރުކޮށްދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.