ޖޫލާނާމެދު އެމެރިކާގެ ނިންމުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންގެ ނުރުހުން

ޖޫލާންގެ އުސްބިންތައް

1967 ވަނަ އަހަރު އިސްރާއީލުން އަރައިގަނެ ގަދަބާރުން ހިފާފައިވާ ސީރިޔާގެ ސަރަހައްދެއް ކަމުގައިވާ ޖޫލާންގެ އުސްބިންތަކަކީ އިސްރާއީލުގެ ތަނެއްކަން ގަބޫލުކުރުމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އދ. ގެ ސަލާމަތީ މަޖިލީޙުގެ މެންބަރުން ދެކޮޅު ހަދައި ނުރުހުން ފާޅުކޮށްފިއެވެ.

ސީރިޔާގެ އެދުމުގެ މަތިން ޖޫލާނުގެ މައްސަލައިގައި ބަހުސްކުރުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެމެރިކާ ފިޔަވައި މަޖިލީހުގެ ހުރިހާ މެންބަރުން ވަނީ އެމެރިކާގެ ނިންމުން ކުށްވެރިކޮށްފައެވެ. އެ މެންބަރުން ބުނި ގޮތުގައި އެމެރިކާގެ ނިންމުމުގެ ސަބަބުން ސަރަހައްދުގެ ހަމަނުޖެހުން އިތުރަށް ގޯސްވެ، ބައިނަލްއަގްވާމީ އުސޫލުތައް މުގުރާލުމަށް މަގުފަހިވެގެން ހިނގައިދާނެއެވެ.

"ސަލާމަތީ މަޖިލީހުގެ ގަރާރުތައް ފުރަގަސްދީ އެކަނި ނިންމާ ނިންމުންތައް ވާނީ ފޭލް." ފްރާންސުގެ މަންދޫބު އަދި މި މަހުގައި ސަލާމަތީ މަޖިލީހުގެ ރައީސާ އޭން ގެގޭން ވިދާޅުވިއެވެ.

1981 ވަނަ އަހަރު އިސްރާއީލުން ޖޫލާނަކީ އެގައުމުގެ ބައެއްކަން ރަސްމީކޮށް އިއުލާންކުރުމުން ސަލާމަތީ މަޖިލީހުން އެކަން ކުށްވެރިކޮށް ގަރާރެއް ފާސްކޮށް އެ ނިންމުން ވަގުތުން ބާޠިލުކުރުމަށް އިސްރާއީލަށް އެންގިއެވެ. އޭރު އެމެރިކާވެސް ވޯޓުދިނީ އެ ގަރާރާ އެއްކޮޅަށެވެ.

ކޮންމެ ސަބަބަކާހުރެ ނިންމިޔަސް،  އެމެރިކާ އަމިއްލައަށް ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނީ ނިންމުމަށް ބަދަލު އަންނާނެ ކަމެއް ނޫން." ސަލަމާމަތީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރަޝިޔާގެ މަންދޫބު ވްލާޑިމީރް ސަފްރަންކޯވް ވިދާޅުވިއެވެ.

އެމެރިކާގެ ނިންމުމަކީ "ނުރައްކާތެރި" ނިންމުމެއް ކަމުގައި ސިފަކުރައްވަމުން ސީރިޔާގެ މަންދޫބު ބަޝަރް ޖައުފަރީ ވިދާޅުވީ "އެކަމުން ފެނިގެންދަނީ ބައިނަލްއަގްވާމީ ސިޔާސަތުތައް ގަދަބާރުން އަނބުރާލުމަށް ކުރެވޭ:" މަސައްކަތެއް ކަމުގައެވެ.

އަނެއްކޮޅުން، ޖޫލާނަކީ އިސްރާއީލުގެ ބިމެއްކަން ގަބޫލުކުރުމަށް އެމެރިކާއިން ނިންމި ނިންމުން ދިފާއުކުރައްވަމުން އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު "ޖޫލާންގެ އުސްބިންތަކާ ނުލައި އިސްރާއީލު އޮންނާނީ ނުރައްކާތެރި ދުޝްމަނުންގެ ހަމަލާތަކަށް ހާމަކޮށް ހުޅުވާލެވިފައި" ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.