އިންޓަޕޯލްގެ ކުރީގެ ވެރިޔާގެ މައްޗަށް ދައުވާ އުފުލަން ޗައިނާއިން ނިންމައިފި

އިންޓަޕޯލް ކުރީގެ ވެރިޔާ، ޗައިނާގެ ރައްޔިތެއް ކަމުގައިވާ މެންގް ހޮންގްވެއި ގެ މައްޗަށް ދައުވާ އުފުލަން ޗައިނާއިން ނިންމައިފިއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބުނި ގޮތުގައި އޭނާގެ މައްޗަށް އުފުލަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

ކޮމިއުނިސްޓް ޕާޓިގެ ސުލޫކީ ކޮމިޝަން، ދަ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަނުން ބުނި ގޮތުގައި އޭނާ ވަނީ ޕާޓީން ވަކިކޮށް، ސަރުކާރުގެ ހުރިހާ މަގާމަކުން ދުރުކޮށްފައެވެ.

ޕާޓީގެ މި ނިންމުމާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޗައިނާގެ އިދާރާ ނޭޝަނަލް ސުޕަވައިޒަރީ ކޮމިޝަނުން ބުނި ގޮތުގައި، މެންގް ހޮންގްވެއިގެ މައްޗަށް ހިންގުނު ތަހުގީގުން އެނގުނު ގޮތުގައި އޭނާ ވަނީ ދައުލަތުގެ ފައިސާއިން މުއްސަނދި ދިރިއުޅުމަކަށް ޚަރަދުކޮށް، ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް، ކޮމިއުނިސްޓް ޕާޓީގެ ނިންމުންތަކަށް އަމަލުކުރަން ދެކޮޅުހަދާފައެވެ.

ފާއިތުވި ސެޕްޓެންބަރު މަހު އޭނާ ގައުމަށް ވަޑައިގެން އުޅުއްވަނިކޮށް، އޭނާ ގެއްލިފައިވާކަން އޭނާގެ އަނބިކަނބަލުން ގްރޭސް މެންގް ހާމަކުރިއެވެ. އެއާއެކު ދުނިޔޭގެ ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އޮކްޓޯބަރު މަހު ޗައިނާއިން ބުނެފައިވަނީ، ރިޝްވަތު ހިފިކަމަށް ޝައްކުކުރެވިގެން އޭނާ މައްޗަށް ތަހުގީގު ހިންގަމުން  ދާކަމުއެވެ.

ޕެރިހުގައި ދިރިއުޅުއްވަމުން ގެންދެވި އުމުރުން 65 އަހަރުގެ މެންގް ހޮންގްވެއި ވަނީ ޗައިނާއިން އޭނާ ހައްޔަރުކުރުމުން އިންޓަޕޯލްގެ ވެރިޔާގެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ފްރާންސްގެ ޓީވީ ޗެނެލަކަށް މައުލޫމާތު ދެއްވަމުން މެންގްގެ އަނބިކަނބަލުން ގްރޭސް ވިދާޅުވީ ޗައިނާގެ ރައީސު ޒީ ޖިންޕިންގް ފްރާންސަށް ވަޑައިގެންނެވިއިރު، އޭނާގެ ފިރިކަލުންގެ މައްސަލައިގައި ޒީ އަރިހުގައި ވާހަކަފުޅު ދެއްކެވުން އެދި ފްރާންސްގެ ރައީސު އިމާނުއެލް މެކްރޯންއަށް ދެންނެވި ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ރައީސު ޒީ ޖިންޕިންގް ފަށްޓަވާފައިވާ ހަނގުރާމައިގައި ޝަރީއަތާ ކުރިމަތިލައްވަން ޖެހިވަޑައިގަތް މެންގް އަކީ އެ ލިސްޓަށް އިތުރުވި އެންމެ އިސް އެއް ބޭފުޅާއެވެ. ޗައިނާގެ އިންޓަނެޓް ސެންސަޝިޕް އިދާރާގެ ކުރީގެ ވެރިޔާ ލޫ ވެއިގެ މައްޗަށް ފާއިތުވި އަންގާރަ ދުވަހު ވަނީ ރިޝްވަތު ހިފުމުގެ ކުށުގައި 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

ޗައިނާގެ ވައިސް މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރީޓީގެ މަގާމުގައި ހުންނެވި މެންގް ހޮންގްވެއިއަށް އިންޓަޕޯލްގެ ރައީސުގެ މަގާމު ލިބިވަޑައިގަތީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭނާއަކީ ޖިނާއީ އަދުލާއި ފުލުހުން މަސައްކަތުގެ ދާއިރާގައި 40 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.