ޖަޒީރާ މެނިފެސްޓޯ ތަންފީޒު ކުރުމަށް މަޖިލިސް ތެރެއިން މަސައްކަތްކުރާނަން: އައިބީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަތްފޯރާ ފަށަށް އަތުވެއްޖެއެވެ. އެކި ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ވަޢުދުތަކުން ފަޒާ ގުގުމަން ފަށައިފިއެވެ. ރައްޔިތުންގެ އުންމީދުތަކަށް ދިރުން ގެނެސްދޭ ބީދައިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން މިފަހަރު ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓު އަދި އެދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހީމް ދީދީ (އައިބީ) ގެ ވަޢުދުތައް ވަރުގަދައެވެ. އުންމީދުގެ ކުލަ ޖެހިފައިވާ މިންވަރު ގަދައެވެ. ރައްޔިތުންނަށްދޭ މެސެޖު ސާފެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން ތަންފީޒު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. "ރައްޔިތުންނަށް ބޭނުންވާ މުހިންމު ޤާނޫނުތައް ހެދުމަށްޓަކައި ސަރުކާރާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޖަޒީރާ މެނިފެސްޓޯގައި މިވާ މުހިންމު ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑު ބާރުއަޅައި މަސައްކަތް ކުރާނަން މަޖިލިސްތެރެއިން. އަޅުގަނޑަކީ ސަރުކާރަށް އެއްބާރުލުންދީގެން ސަރުކާރާ ގުޅިގެން މަސައްކަތްކުރާ މީހެއްގެ ގޮތުން ލާމަސީލު ނަމޫނާ ދައްކާނަން އިރާދަކުރެއްވިއްޔާ،" އައިބީ ވިދާޅުވިއެވެ.

ނިމިގެން މިދާ ދައުރުގައި ވެސް އައިބީވަނީ ސަރުކާރު މެދުވެރިކޮށް ފޭދޫއަށް އެކިކަންކަން ކޮށްދެއްވައިފައި ކަމަށް އެދާއިރާގެ ރައްޔިތުން ބުނެއެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ފޭދޫގެ ފަޅުން ބިންހިއްކުމެވެ. މިފަހަރު ވެސް ފޭދޫ ދާއިރާގެ ރައްޔިތުން އައިބީ ހޮވައިދީފިނަމަ އެދާއިރާއަށް އައު ކަންތައްތަކެއް ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑު މަޖިލީހަށް ހޮވައިދީފިނަމަ އެންމެ އިސްކަންދޭނީ ފޭދޫގެ އެންމެބޮޑެތި ދިގުމަގުތަކާއި ހުރަސްމަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުން. އެއަށްފަހު އަޅުގަނޑު ބޭނުންވޭ ފޭދޫގައި އިސްލާމިކް ޔުނިވަރުސިޓީގެ ގޮތްޕެއް ހުންނަން. އެއީ ރައީސްގެ ވަޢުދެއް ދިވެހިންނަށް މަތީތަޢުލީމުގެ ފުރުސަތު ދިނުން. އެހެންވީމާ އައްޑޫ ސިޓީން ވެސް އެ ފުރުސަތު ލިބެންވާނެ،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް އައްޑޫ ސިޓީން ލިބެންހުންނަ ޞިއްޙީ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ރަނގަޅުކޮށް އެ ނިޒާމް ވަރުގަދަކުރުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީ ކުރައްވަމުން ގެންދަވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ނިންމައި ވީހާވެސް އަވަހަކަށް ޚިދުމަތަށް ނެރުމަށް މަސައްކަތްކޮށް އެކަމަށް ބާރު އަޅުވާނެ ކަމަށް ވިދާޅުވިއެވެ. "އެއީ އަޅުގަނޑުގެ ބޮޑު މަސައްކަތަކަށްވާނެ. ހަމައެއާއެކު އައްޑޫގައި ޓުއަރިޒަމް ތަރައްޤީކޮށް މަތީ ތަޢުލީމް ޙާސިލް ކުރަމުންދަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި އަށްހާސް އެނދުގެ ވަޢުދެއް އެބައޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ. އޭގެ ތެރެއިން ފަނަރަ ސަތޭކަ އެނދު ފޭދޫގައި އެޅުމަށްޓަކައި މިހާރު ހިއްކައި ނިމިފައިވާ ބިމުގައި އެބައޮތް ރަނގަޅު ލޮކޭޝަންތަކެއް. އެތަނުގައި ފަނަރަ ސަތޭކަ އެނދު އެޅުމަށްޓަކައި ލޭންޑު ޔޫސް ޕްލޭން ހަދައި ނިމިފައިވަނީ. އެހެންވީމާ އެމަސައްކަތަށް އަޅުގަނޑު އިސްކަންދޭނަން،" އައިބީ ވިދާޅުވިއެވެ. ފަނަރަ ސަތޭކަ އެނދުން 1800 ވަޒީފާ އުފެދިގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ އެއާއެކު އަޅުގަނޑު މަސައްކަތް ކުރާނަން ފޭދޫގެ އެކި ޢުމުރުފުރާވަރުގެ މީހުންނަށް ބޭނުންވާ ވަރުގެ ޒަމާނީ ފެންވަރުގެ ޕާކެއް ފޭދޫގައި ތަރައްގީކުރުމަށް. އަދި މާލޭގައި އޮންނަ ރަސްފަންނު ކަހަލަތަނެއް ވެސް ފޭދޫގައި އޮންނަން އެބަޖެހޭ. އެއީ ޒުވާނުންނާއި އެހެން މީހުންވެސް މޫދަށް އެރިލައި ފަތާލާ ހަދާލަން އޮންނަންޖެހޭ ތަނެއް. އެފަދަ ޓްރެކެއް ހެދުމަށް އަޅުގަނޑު މަސައްކަތްކުރާނަން،" އައިބީ ވިދާޅުވިއެވެ.

އޭގެ އިތުރަށް ޒުވާނުންނަށްޓަކައި ފޭދޫގެ ފުޓުބޯޅަ ދަނޑު ޓާފުއަޅައި ޒަމާނީ ފެންވަރަށް ހެދުމަކީ ވެސް މިފަހަރު މަޖިލީހަށް ހޮވިއްޖެ ކަމަށްވާނަމަ ކުރަން ނިންމާފައިވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް މަތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާ ދިނުމަށްޓަކައި ރަނގަޅު ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަކީ ވެސް އައިބީގެ ތަރައްޤީގެ ލިސްޓުގައި ހިމަނުއްވާފައިވާ މުހިންމުކަމެކެވެ.

"އައްޑޫ ރައްޔިތުންނަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތަކަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށްޓަކައި ގަން އިންޓަރނޭޝަނަލްއެއާޕޯޓު  އިތުރަށް ތަރައްޤީކޮށް ވަރުގަދަ ކުރުމުގެ ވިސްނުމެއް ވެސް އަޅުގަނޑުގެ އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ އަންހެނުންގެ ޙައްގުތައް ރައްކާތެރިކޮށްދީ ހުރިހާ ދާއިރާއެއްގައި ވެސް އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމީހުންނަށް  "ޤާނޫނުއަސާސީން ލިބިދޭންޖެހޭ ފުރުސަތުތައް ފުޅާ ކުރުމަށް" މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އައިބީ ވިދާޅުވީ އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ފުރުޞަތު ދެއްވައިފިނަމައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.