ތަރައްގީގެ މަޝްރޫއުތަކުން ވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރު އަޅާނަން: އީ.ޕީ.އޭ

ފޮޓޯ: @EPAMaldives

ތަރައްގީގެ މަޝްރޫއުތަކުން ވެށްޓަށް ލިބޭ ގެއްލުން ވީހައިވެސް ކުޑަކުރުމަށް ބާރު އަޅާނެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭ އިން ބުނެފިއެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ސަރުކާާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތަށް މަދު ބަޔަކު ޚަބަރު ފަތުރަމުންދާ ކަމީ އެ އޭޖެންސީ އިން ހިތާމަ ކުރާކަމެއް ކަމުގައި އެ އޭޖެންސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އެ އޭޖެންސީ އިން ފާހަގަކުރާ ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނަގަންޖެހޭ ރުއްގަސް ނެގުމާއި، އިންދަންޖެހޭ ރުއްގަސް އިންދުމާއި، އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމަކީ ހެދިފައި ހުރި ގަވާއިދުތަކާއި އެއްގޮތަށް ކުރިއަށް ގެންދާނަމަ އެކަމުގައި ހުރަހެއް އަދި ނުބައެއް އޮތްކަމެއް ނޫނެވެ. އަދި ނަގަންޖެހޭ ހުއްދަ ނުނަގައި އެފަދަ މަސައްކަތް ކުރަމުންދާ ފަރާތްތަކާ މެދު އެ އޭޖެންސީ އިން ތަފާތު ކުރުމެއްނެތި އަޅަންޖޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އީ.ޕީ.އޭ ގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އަދި އެފަދަ މަޝްރޫއުތަކަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދދަ ނަގައިގެން އަދި ތިމާވެށީގެ ގޮތުން ނަގަންޖެހޭ ކްލިއަރެންސް ލިބިގެން ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެވެ. އެގޮތުން ލ. އަތޮޅު މެންދޫގައި ކުރިއަށްދާ ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުއްދަ ދޫކޮށްފައިވާ ޕްރޮޖެކްެޓެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މަސައްކަތް ކުރުމަށް އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހަދައި، 2018ވަނަ އަހަރު އެމަސައްކަތް ކުރއަިށް ގެންދިއުމަަށް އެ އޭޖެންސީ އިން ތިމާވެށީގެ ކްލިއަރެންސް ދޫކޮށްފައިވާ މަޝްރޫއެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އީ.ޕީ.އޭ އިން ހާމަކުރާ ގޮތުގައި ސިނާޢީ ގޮތުން ދަނޑުވެރިކަން ކުރުމާއި، އެއާޕޯޓު ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ބިން ސާފުކޮށްގެން ނޫނީ ކުރިއަށް ގެންދެވޭނޭ މަސައްކަތްތަކެއް ނޫނެވެ. އަދި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނެގޭ ރުއްގަސް އެ މަސައްކަތެއް ކުރާ ރަށެއްގެ އެހެން ސަރަހައްދެއްގައި އިންދާނޭ ޖާގަ ގިނަފަހަރު ނޯވެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި ނެގޭ ރުއްގަސް ނައްތާލުމުގެ ބަދަލުގައި އެހެން ރަށަކަށް ގެންގޮސް އެ ރަށެއްގައި އިންދުމުގެ ހުއްދަ އެ އޭޖެންސީ އިން ދެމުންގެންދާ ކަމަށެވެ. އަދި ޖާގައިގެ ދަތިކަން އޮންނަ ރަށްރަށުން އެހެން ރަށްރަށަށް އެ ރުއްގަސް އިންދުމަކީ ހުރިހައި ގޮތަކުން ފައިދާ ބޮޑު ކަމެއް ކަމުގައި ވެސް އީ.ޕީ.އޭ އިން ހާމަކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.