އިރާގުގައި ފެރީއެއް ބަންޑުންޖަހާލައި، 70 އަށްވުރެ ގިނަ މީހުން ގެނބިގެން މަރުވެއްޖެ

މޫސަލް ކައިރިން ދިޖްލާ ކޯރަށް ބަންޑުންޖަހާލި ފެރީ

އިރާގުގެ ދިޖްލާ ކޯރުގައި މޫސަލް ކައިރިނ ދަތުރުކުރަމުން ދިޔަ ފެރީއެއް ބަންޑުންޖަހާލުމުގެ ސަބުބުން 72 މީހުން ގެނބިގެން މަރުވެއްޖެއެވެ. ކުރުދީންގެ ސަރަހައްދުތަކާއި، އީރާނާއި، އަފްޣާނިސްތާނުގައި ފާހަގަކުރާ އާއަރު ފެށޭ ދުވަސް ނޯރޯޒް ފާހަގަކުރުމަށް ދަތުރުކުރަމުން ދިޔަ ފެރީން ގިނައިން މަރުވެފައިވަނި އަންހެނުންނާއި ކުޑަކުދީންނެވެ. ނޯރޯޒް ފާހަގަކުރަނީ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ.

މިހާތަނަށް (ރާއްޖޭ ގަޑިން މިރޭ 8:25 އާ ހަމައަށް) 67 މީހުން ދިރިތިއްބާ ސަލާމަތްކުރެވިފައި ވާއިރު، އަދިވެސް 55 މީހުން ނުފެންނަ ކަމަށް މޫސަލްގެ ސިއްހީ އިދާރާތަކުން ޚަބަރުދެއެވެ. ކަމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު އަދި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ފެރީ ބަންޑުން ޖަހާލުމާ ގުޅިގެން، އިރާގުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު މޭޖާ ޖެނެރަލް ސަޢުދު މަޢަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެރީގައި ޖާގަހުރި ވަރަށްވުރެ މާގިނަ މީހުން އުފުލާފަވާ ކަމުގައެވެ. ސަލާމަތީ ބާރުތަކުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ 100 މީހުންގެ ޖާގައިގެ ފެރީން 200 އާ ގާތްކުރާ އަދަދަކަށް މީހުން އުފުލާފައިވާ ކަމުގައެވެ.  މީހުން ގިނަވުމުގެ އިތުރަށް، އިރާގަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުގެ ފެންގަނޑު އުފުލި އޮއިވަރު ގަދަވުމަކީވެސް ފެރީ ބަންޑުންޖަހާލި އެއް ސަބަބެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ތީމްޕާކެއް ކަހަލަ ތަނެއް ކައިރީގައި ބަންޑުންޖެހިފައި އޮތް ފެރީއެއް ފެންނައިރު އެއިން މީހުން ފުންމާލާތަނާއި، ގަދަ އޮއިގެ ތެރޭގައި އެއްގަމާ ދިމާއަށް ފަތަން މަސައްކަތްކުރާތަން ފެންނަކަމަށް ބައެއް ޚަބަރުތަކުގައި ވެއެވެ.

މޫސަލް ސަރަހައްދުގެ ސިވިލް ޑިފެންސުގެ ތަރުޖަމާނު ކާނަލް ޙުސާމް ޚަލީލާ ޙަވާލާދީ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައި ގޮތުގައި ފެރީ ބަންޑުންޖަހާލީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އުޅެނިކޮށެވެ. އަދި އެ ވަގުތު އެތަނުގައި މީހުން ސަލާމަތްކުރާނެ މާ ގިނަ އުޅަނދުތަކެއް ވެސް ނެތެވެ.

ބަންޑުންވި ފެރީ ދަތުރުކަރަމުން ދިޔައީ ދިޖްލާ ކޯރު ހުރަސްކޮށް، އަނެއް ފަރާތަށް ދިއުމަށެވެ. އެއީ އުއްމުއަރްބަޢީން ޓޫރިސްޓް ރަށުގައި އެތް ނޯރޯޒް ފާހަގަކުރުމުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް ދިޔަ އާއިލާތައް ގޮވައިގެންނެވެ. ނޯރޯޒަކީ އިރާގުގައި ރަސްމީ ބަންދު ދުވަހެކެވެ.  

އުއްމުއަރްބަޢީން ޓޫރިސްޓު ރަށަކީ މޫސަލްގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު މަޝްރޫޢެވެ. މޫސަލްއިން އެރަށަށް ދަތުރުކުރާ ދެ ފެރީ އޮވެއެވެ.

މޫސަލްގެ އައްސޭރިއާ އުއްމުއަރްބަޢީގެ އައްސޭރިއާ ދެމެދު ހުންނަނީ ތިންސަތޭކައެއްހާ މީޓަރުކަމަށް ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.