ރާއްޖެއިން ބޭރުން ކިޔެވުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވައިފި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުސަތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ. އެމީނިސްޓްރީން ވިދާޅުވީ މިއަދު ހުޅުވާލި ފުރުސަތުގައި 242 މީހަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރެއިން އަލަށް ކިޔެވުންފަށާ 158 ދަރިވަރުންނާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 84 ދަރިވަރަކަށް މި ލޯން ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ލޯނު ދޭނީ އެދާއިރާއަކުން ރާއްޖޭގައި މަތީ ތަޢުލީމަށް ކިޔަވާނެ ފުރުސަތު ނެތް ދާއިރާތަކަށް ޚާއްސަ ކޮށްގެން ކަމަށް ހަޔަރ އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ސްކިލް ޝޯޓޭޖު ލިސްޓުގައި ހިމެނޭ ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާ ތަކުން ވެސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވެސް މިލޯނަށް އެދި ހުށަހެޅޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ލޯން ސްކީމް ހުޅުވާލިކަން އިޢުލާން ކުރައްވަން މިއަދު ބޭއްވި ޕްރެސް އެއްގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މިއީ ވަރަށް ފުޅާކޮށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފަހަރު ލޯނު ދިނުމުގައި ކިޔަވާ ކުދިންގެ ކިޔެވުމުގެ 50 ޕަސެންޓު ފުރިހަމަ ކޮށްފައިވުން ޝަރުތު ކުރައްވާފައި ނުވާނެ ކަމަށެވެ. މިފަހަރު ހުޅުވާލި ފުރުސަތުގައި ހެރިޓޭޖު، ސްޕީޗުތެރަޕީ ފަދަ ޚާއްސަ ދާއިރާތަކުން މާސްޓަރސް ހެދުމުގެ ފުރުސަތު ވެސް ފަހިވެފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަތީ ތަޢުލީމާއި ތަމްރީން މިއަދު ހުޅުވާލި ފުރުސަތުގައި ޑިޕްލޮމާއިން ފެށިގެން ގޮސް ޕީއެޗުޑީއަށް ކިޔެވުމަށް ވެސް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯނަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލި ފުރުސަތުގެ މުއަދަތު ހަމަވާނީ އަންނަ އެޕްރީލްމަހު 30 ގެ ނިޔަލަށެވެ. އޮންލައިންކޮށް ވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.