ސީއެމްއެސް ގައި ރާއްޖެއިން ބައިވެރިވަނީ

ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް، (ސީއެމްއެސް) ގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމަވަން  ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ރައީސް އިބްރާހީމް މޫޙައްމަދު ޞާލިޙު ނިންމަވައިފިއެވެ. އެމަނިކުފާނު އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

ސީއެމްއެސް އަކީ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަޤްވާމީ މުއާހަދާއެކެވެ. އެ މުއާހަދާގައި ބައިވެރިވުމާމެދު ގޮތެއް ނިންމަން މަޖިލީހަށް ފޮނުވަން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

ސީއެމްއެސް އަކީ ކަނޑާއި އެއްގަމާއި ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާޙައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް 127 ޤައުމަކުން ބައިވެރިވެ ޢަމަލުކުރަމުންދާ މުހިއްމު މުއާހަދާއެކެވެ.

ބައިނަލްއަޤްވާމީ ގޮތުންނާއި ދިވެހިރާއްޖޭގެ ފެންވަރުގައިވެސް ރައްކާތެރިކޮށް ހިމާޔަތްކުރުން މުހިއްމު، ސީއެމްއެސް ގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، ވެލާކަހަނބާއި، ދޫންޏާއި، ކޯމަހާއި، ބޮޑުމަހާއި، މަޑީގެ ބާވަތްތަކެއްވެސް ހިމެނެއެވެ.

ސީއެމްއެސް ގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ގޯލް 14(ފެނުއަޑީގެ ދިރުން)، 15(އެއްގަމުގެ ދިރުން) އަދި 17(ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެންގެ ބައިވެރިވުން) ހާސިލްވުމަށް މަގުފަހިވެގެންދިޔުމާއި، ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން 2016 – 2025 ގެ ދަށުން އެކުލަވާލެވިފައިވާ ބައެއް އަމާޒުތައް ހާސިލްވެގެންދިޔުން ހިމެނެއެވެ. މީގެއިތުރުން މި ދިރުންތައް ހިމާޔަތްކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ވެސް ގިނަގުނަ ފައިދާ ތަކެއް ކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.