(11 މާރިޗު 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
އެކަމަނާ ނުތަނަވަސްފުޅުކަމާއެކު ތެދުވެވަޑައިގަތެވެ. އިރުކޮޅެއް ވާންދެން ދެކޮޅަށް ހިންގަވަމުން ގެންދެވިއެވެ. ދެން ސިޑި ހުރަސްކުރައްވައި ތިރިއަށް ބަގީޗާއަށް ވަޑައިގަތެވެ. ކުރިފުޅުމަތީގައި ހުރީ ބާރާދަރީއެވެ. އޭގެ ބިއްދޮށުން ޖަމްނާގެ އައްސޭރިއެވެ. އެ މަންޒަރު އެއާ ދިމާއަށް އެކަމަނާ ދަމަމުން ގެންދިޔައެވެ. ހިތުގެ ޖަޒުބާތުގެ ދަގަތްފާނެވެ. އެކަމަނާ އަމިއްލަ ހިތްޕުޅަށް ވިސްނައިދެއްވަމުން ކުރިއަށް ވަޑައިގަތެވެ. ޝެހެޒާދާއަށް އެމަނިކުފާނުގެ ލޯބީގެ ސިޓީގެ ޖަވާބު ލިބިވަޑައިގަތުމުން މާޔޫސްވެވަޑައިގެންފާނެއެވެ. ދެން އެމަނިކުފާނު ވަޑައެއް ނުގަންނަވާނެއެވެ. ބާރާދަރީގައި އޮންނާނީ ފަޅުކަން ކަން ނޭނގެއެވެ. އެ ފަޅުކަމުގެ ތެރެއަށް ވަޑައިގެން އެކަމަނާ ޙަޤީޤަތުގެ މައްޗަށް ވިސްނާވަޑައިގަންނަވާނީއެވެ. މިއީ ގޮތެއް ނިންމުމުގެ މުހިންމު ވަގުތެވެ. މި ވަގުތު ފާއިތުވެއްޖެ ނަމަ އެ ބާރާދަރީއެކޭ އެއްފަދައިން މުޅި ދިރިއުޅުން ފަޅުވާނެއެވެ.
ބާރާދަރީގެ ދުނިދަނޑި ދޮރާ ހަމައަށް ވަޑައިގެންފައި އެކަމަނާ ސިހިވަޑައިގަތެވެ. ޝެހެޒާދާ ޚުއްރަމް ކުއްލިއަކަށް އެ ވަޑައިގަތީ ކޮންތާކުން ކިހިނަކުން ކަމެއް ވެސް ނޭނގުނެވެ. ހީފުޅު ކުރެއްވި ގޮތާ ޚިލާފަށް އެމަނިކުފާނު ފެނިވަޑައިގަތުމުން އެކަމަނާ ހާސްފުޅުވިއެވެ. ޝެހެޒާދާ އަތްޕުޅު ދަންމަވައިލައްވައިގެން، އިސްތިޤްބާލު ކުރެއްވުމަށް ކުރިއަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ.
"ލޮލުގެ އަލިކަމާ! ހިތުގެ ފިނިކަމާ! ކަމަނާ މި ތަނަށް ވަޑައިގަތުމުން، އަޅުގަނޑުގެ ނަސީބުގެ ރަނގަޅުކަމާ މެދު ފަޚުރުވެރި ވަން. ކަމަނާ ވަޑައި ނުގަތް ނަމަ އަޅުގަނޑުގެ ހިތް ކުށްހީތަކުގެ ޝިކާރައަކަށް ވީސް!"
ޝާހު ބާނޫ އަވަހަށް މޫނުފުޅު އަނބުރާ ލައްވައިފައި، އިސްތަށިފުޅުގައި އޮތް ފަސްބައި މޫނުފުޅު މައްޗަށް ދަންމަވައިލެއްވިއެވެ. ޝެހެޒާދާގެ ކުރިފުޅުމައްޗަށް ނިޤާބެއް ނެތި ދެވަނަ ފަހަރު ނުކުމެވަޑައިގެންނެވިދާނެ ކަމަކަށް އެކަމަނާ ހިތްޕުޅަށް ވެސް އަރައިފައެއް ނެތެވެ. ޝެހެޒާދާއާ އެހައި ގާތުގައި ހުންނެވޭ ގޮތް ވުމުން، ހިސާބަކަށް ކަންބޮޑުވެ ވަޑައިގެންފައި، ހިސާބަކަށް ލަދުފުޅުގެންފައި ވިދާޅުވިއެވެ.
"ޝެހެޒާދާ ސަލާމަތުގެ މަތިވެރިކަން ދަމަހައްޓަވާށި! މަނިކުފާނު މި ތަނަށް ވަޑައިގަންނަވާނެ ކަމަކަށް މި ކަނީޒު އުންމީދެއް ނުކުރަން. އަޅުގަނޑު އޮންނާނީ ބައްދަލުވުމަށް އުޒުރުވެރިވެފަ. މަނިކުފާނުގެ ކޮތަރު އަޅުގަނޑުގެ ސިޓީ މަނިކުފާނަކަށް ރައްދެއް ނުކުރޭތޯ!"
"ކަމަނާގެ ސިޓީއޭތޯ؟" ޝެހެޒާދާ އަޖާއިބުފުޅުވެފައި ސުވާލު ކުރެއްވިއެވެ. "ކަމަނާ ޖަވާބުދެއްވީމުތޯ؟ ކަމަނާ އިތުރުފުޅެއް ނުހައްދަވާނެ. އެކަމަކު އެ ސިޓީ ދިޔައީ ކޮން ތާކަށް?؟ އަޅުގަނޑުގެ ކޮތަރު އެނބުރި އަޅުގަނޑުގެ ގާތަށް ނައީ ކީއްވެގެން؟"
ޝާހު ބާނޫ ކަންބޮޑުވެވަޑައިގެންފައި ވިދާޅުވިއެވެ. "ޔާ ﷲ. އެ ސިޓީ މީހެއްގެ އަތުގައި ޖެހިއްޖެއްޔާ އެއްވެސް ކަމަކާ ނުލައި އަޅުގަނޑު ބަދުނާމުވާނެ!"
ޝެހެޒާދާ އެއްވެސް ޖެހިލުންވެވަޑައިގަތުމެއް ނެތި އެކަމަނާގެ އަތްޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ.
"ކަމަނާ ހީފުޅުކުރައްވަނީ މި އަތްޕުޅު އަޅުގަނޑުގެ އަތުގެ ތެރެއަށް އައިމަ ވާނީ ބަދުނާމު ކަމަށްތޯ؟ ކަމަނާ ހީފުޅު ކުރައްވަނީ ޚުއްރަމަކީ އެހައި ބަލިކަށި ފިނޑިއެއް ކަމަށްތޯ؟"
"ނޫން. މަނިކުފާނަކީ ބާރުފުޅުގަދަ ބޭފުޅެއް. މަނިކުފާނަށް ތޫފާނުގެ ކުރި ވެސް އަނބުރައިލެއްވިދާނެ. އެކަމަކު ވެރިކަމުގެ ލަގަން އޮތީ މާތް މަލިކާގެ އަތްޕުޅުގައި ކަން މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ. އެކަމަނާ އުންމީދު ކުރައްވައިގެން އެ ހުންނަވަނީ ލާޑްލީ ބޭގަމާ މަނިކުފާނުގެ ކާވެނިފުޅުކޮށް ދެއްވުމަށް. އެ ހެން ކަން އޮތްވައި މި ބައްދަލުވުމުގެ ޚަބަރު އެކަމަނާ އަށްއެނގިވަޑައިގެންފިއްޔާ ގިޔާމަތްވާނެ."
ޝެހެޒާދާ ޖަވާބުދެއްވިއެވެ. އަޅުގަނޑަށް ހަމައެކަނި އެނގެނީ ކަމަނާއާ އަޅުގަނޑުގެ ކާވެނި ނުވެއްޖެ ނަމަ ގިޔާމަތްވާނެ ކަން. މަންމާފުޅު އަޅުގަނޑުމެންގެ ކާވެންޏާ ދެކޮޅުހައްދަވައިފިއްޔާ، އަޅުގަނޑު އެ ކަން ހަމަޖައްސާނަން. މި ވަގުތު މި އެކުވެރި މާޙައުލުގައި ކަމަނާ ދުޝްމަނުންގެ ވާހަކަފުޅު ނުދައްކަވާ. މިއީ ގާތްކަމުގެ ވަގުތުކޮޅު. މިއީ ކުރިއަށް އޮތް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބިންގަލީ ވަގުތުކޮޅު. މި ވަގުތުކޮޅުން ފެށިގެން އަޅުގަނޑުމެންގެ ލޯތްބާ އިތުބާރުގެ ގުޅުން ވަރުގަދަވާނެ. އިތުބާރުގެ ފުރަތަމަ ހެކި ދައްކަވާ! ތިޔަ ނިޤާބު ނަންގަވާ!"
މިހެން ވިދާޅުވެފައި ޝެހެޒާދާ އެކަމަނާއަށް ވިސްނައިވަޑައިގެންލައްވާނެ، އަދި ހަމަޖެހިވަޑައިގެންލައްވާނެ ފުރުޞަތެއް ނުދެއްވައި، އެކަމަނާގެ މޫނުފުޅުން ފަސްބައި ނެންގެވިއެވެ. އެކަމަނާ ލަދުފުޅުން ބޮނޑިފުޅުވަމުން ދަނީއެވެ. އެމަނިކުފާނު ހައިރާންފުޅުވެގެން ނޭވާފުޅުލައްވާން ހަނދުމަފުޅު ނެތުނެވެ. އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަނދުވަރުގެ ރިހި އަލި މި ވަނީ ޝާހު ބާނޫގެ ސިފައިގައި ހަށިގަނޑަކަށް ވެފައެވެ. އެމަނިކުފާނު މި މިސާލެއް ނެތް ފަދަ ރީތިކަމަށް ބެއްލެވުމަށް ގެއްލިވަޑައިގަތް ވަރުން، އެއްވެސް ކަމެއް ހަނދުމަފުޅެއް ނެތެވެ. ވަގުތު އެ ދެމެދުން ހިފޭއްޓެމުން ހިފޭއްޓެމުން ފާއިތުވަމުން ދިޔައެވެ.
ހަނދު އޭގެ ނޫރުން ފުރިފައިވާ ހަނދުވަރުގެ ތެރެއިން އެ ދެ ބޭފުޅުންނަށް ބަލަމުން ގެންދިޔައެވެ. އެ ބޭފުޅުން މަޑުމަޑުން ވާހަކަފުޅުދައްކަވަމުން ގެންދަވައެވެ. އަޑުފުޅުއައްސަވަމުން ގެންދަވައެވެ. މަޑުމަޑުން ދުރުކަން ކެނޑެމުން ދެއެވެ. ނަވާބުޒާދީ އެކަމަނާގެ އިސްތަށިފުޅު ޝެހެޒާދާގެ ކޮނޑުފުޅުމަތީގައި ބާއްވައިލެއްވިއެވެ. އެ ބޭފުޅުން ތިއްބެވީ ފެހި ކުލައިގެ މަޑު ވިނަގަނޑު މަތީގައި އިށީނދެވަޑައިގެން، ޖަމްނާގެ ރާޅުތަކަށް ބައްލަވާށެވެ. ހަނދުވަރު އެ ރާޅުތައް މަތީގައި ރިހި ފަތްގަނޑެއް ފަދައިން ތުރުތުރުއަޅައެވެ. ޝާހު ބާނޫ އެ މަންޒަރުން އަސަރުކޮށްގެން ވިދާޅުވިއެވެ.
"ކިހައި ހިތްފަސޭހަ މަންޒަރެއް! ހަނދު ޒުވާންވެ، ހަނދުވަރު ކެތް މަދުވެފައިވާ ހިތެއް ހެން މި ރާޅުތައް މަތީގަ ހިނގަން ފެށުމުން، އަޅުގަނޑު ވަރަށް ގިނައިން މި ތަނަށް އަންނަން. އަދި މި މަންޒަރުގެ ތެރެއަށް ގެނބެން. މަރުވުމަށް ފަހު ވެސް މި ތާނގަ އޮވެވޭނެ ނަމައޭ ހިތަށް އަރާ!"
ޝެހެޒާދާ ވިދާޅުވިއެވެ. "މިއަދުން ފެށިގެން އަޅުގަނޑުމެންގެ ދިރިއުޅުން މި ފެށެނީ. ކަމަނާ އަވަހާރަވުމުގެ ވާހަކަފުޅު ނުދައްކަވާ. ހަގީގަތުގަ ވެސް މި ތަން ސުވަރުގެއަކަށް ދުލެއް ނުކުރޭ. އަޅުގަނޑު ކަމަނާގެ ގާތްކަމާ ލޯބީގެ މި ވަގުތުކޮޅުގަ ވަޢުދު ވަން! މި ތާނގަ އަޅުގަނޑު، ކަމަނާގެ ރީތިފުޅުކަމުގެ ނިޝާނަކަށް ވާނެ، ވަރަށް ފުރިހަމަ ގަނޑުވަރެއް އަޅާނަން! ދުނިޔެ ދެމިއޮތްހައި ހިނދަކު މީސްތަކުން އެ ގަނޑުވަރުގެ ކައިރިއަށް އައިސް ލޯބީގެ ހުވާތައްކުރަމުން ގެންދާނެ!"
އެމަނިކުފާނުގެ ވާހަކަފުޅު ހަމަ ނިމުނުތަނާ ދުރުން ކޮންމެވެސް މިސްކިތަކުން ބަންގީގެ އަޑު އުފުލިގެން ދިޔައެވެ. ޝެހެޒާދާ އުފާފުޅުވެފައި ވިދާޅުވިއެވެ.
"ސުބްޙަނަﷲ. އަޅުގަނޑަށް މި ވައުދު މި ވެވުނީ ކިހައި ބަރަކާތްތެރި ވަގުތެއްގަ؟ މާތްރަސްކަލާނގެ އަޅުގަނޑުގެ ވައުދުގެ އަގު ހިފާއްޓަވާދެއްވާނެ!"
ވައުދުތަކާއި ހުވަފެންތަކުގެ މި ސުވަރުގެއާ ދުރުގައި، ޔަމީނުއް ދައުލާ އާޞިފު ޚާންގެ އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅުގައި މަލިކާ ނޫރު ޖަހާން، ކެތްތެރިފުޅުކަމެއް ނެތި ދެކޮޅަށް ހިންގަވަހިންގަވައި ހުންނެވިއެވެ. އާޞިފު ޚާން އުޚުތުގެ ކުރިފުޅުމަތީގައި އިސްޖައްސަވައިގެން ހުންނެވިއެވެ. ބަންގީގެ އަޑު އިވިވަޑައިގަތުމުން މާތް މަލިކާ ކޯފާއާ އެކު ބޭބެއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ.
"މިހާރު އެ އޮތް އިރުއަރަން އުޅެނީ. ބޭބެގެ ދަރިފުޅަށް އަދިވެސް އަންނާކަށް ހޭވެރިކަމެއް ނުވޭ. އޭނާގެ ހިތުން އަހަރެންގެ ބިރު ވެސް ނެތިގެން ދާ ވަރަށް އޭނާގެ ލަދުކެނޑުނީތަ؟ އެހެން ކަން ނޭނގެ އެވީ! ޢައްޔާޝް ވަލީ ޢަހުދެއްގެ ގާތްކަން ލިބުމުން އޭނާ ބޮޑާވީ. އެކަމަކު އަހަރެން ބިމުގެ ފަނިފަކުސާ ބައިތިއްބަނީ ބިމުގައި. އިސް އުފުލައިލައިފި ނަމަ ޗިސްކޮށްލާނަން! ބޭބެގެ ފެންވަރަކީ ކޮބައި ކަން ހަނދާންނައްތާނުލާ! އަހަރެން މަލިކާ ނޫރު ޖަހާނަށް ވުމުން، ބޭބެ ޢިއްޒަތާ މަޝްހޫރުކަމުގެ އުޑަށް އެރުވީ، ހަމައެކަނި، ތީ އަހަރެންގެ ބޭބެ ވީމަ! އަހަރެން ދިން ދަރަޖަ އަހަންނަށް އަތުލެވި ވެސް ދާނެ! ތި ޢިއްޒަތާ ތި ދަރަޖަ ބޭބެ ބޭނުން ނަމަ، އިރު އެރުމުގެ ކުރިން ޝާހު ބާނޫ ދިއްލީއަށް ފޮނުވާ! އޭނާ އިންނާނީ ދެވަނަ އަމުރެއް ކުރެވެންދެން، އެ ތާނގަ! ޝާހީ ގަނޑުވަރުގަ! ބަންދުގަ!"
މި އަމުރު ކުރެއްވުމަށް ފަހު، ބޭބެގެ ޖަވާބުފުޅު އަޑުއެއްސެވުމެއް ނެތި، ކޯފާވެފައި ހުންނަވައިގެން، އެ ތަނުން ވަޑައިގެންފިއެވެ.
* * * * *
ރާޒުވާކުޅިބައި ހުރީ އަތުރައިލެވިފައެވެ. ރަސްރަސްކަލުންގެ ރާޒުވާކުޅުއްވުމުގެ ފާޑަކީ ވެސް ޝާހީ ފާޑެކެވެ. ގާތްގަނޑަކަށް ދިހަ ގަޒުގެ ހަތަރެސްކަން ދޮރުމަތީގެ އޮމާން ތަޅުންގަނޑުގައި ވަނީ ކަޅާއި ހުދުން ބޮޑެތިބޮޑެތި ގޮޅި ހަދައިފައެވެ. އެ ގޮޅިތަކުގައި ޒުވާން ކަނީޒުން ކޮޅަށް ތިއްބެވެ. އެ ކަނީޒުންގެ ބޮލުގައި އެ ކަނީޒެއްގެ މަގާމުގެ ގޮތުން ރާޒުވާ ކުޅިއެއް ބަހައްޓައިފައި ހުށްޓެވެ. އެ ކުޅިތަކާ އެއްގޮތް ވާ ގޮތުގެ މަތީން އެ ތަނުން ބައެއް ކުދީންނަކީ މަނައެވެ. ބައެއް ކުދީންނަކީ އަހެވެ. ބައެއް ކުދީންނަކީ ބޮޑުބޮލެވެ. އެއް ކުއްޖަކު މަންތިރީގެ މަގާމު އަދާކުރާ އިރު، އަނެއް ކުއްޖަކީ ބޮނދެވެ.
އެ ރާޒުވާ ގޮނޑީގެ ވަށައިގެން، އަމީރުންނާއި ވަޒީރުންނާއި ދަރުބާރުގެ ޢިއްޒަތްތެރީން ކުޅިބެލުންތެރީންގެ ގޮތުގައި އިށީނދެވަޑައިގެން ތިއްބެވިއެވެ. އެހައި ދިގު ފުޅާ ރާޒުވާގޮނޑިއެއް ތައްޔާރުކޮށްފައި ވަނީ ޝެހެންޝާހާއި މާތް މަލިކާއާ ދެމެދުގައި ކުޅެވޭ ކުޅިގަނޑު ދުށުމުގެ އުފާ ހުނަރުވެރި އެހެން ކުޅުންތެރީންނަށް ވެސް ލިއްބައި ދިނުމަށެވެ.
ދޮރުމަތީގެ މަތީގައި އޮތް ހަނިމަގުގެ އެއްފަރާތުގައި ހުރި ކުޑަދޮރުކޮޅުގެ ކައިރީގައި ޝެހެންޝާހް ޖަހާން ގީރާއި މަލިކާ ނޫރު ޖަހާން ތިއްބެވިއެވެ. އެ ދެކަނބަލުންގެ ދެމެދުގައި ކުޑަ ރާޒުވާގޮނޑިކޮޅެއް ހުށްޓެވެ. އެ ގޮނޑިކޮޅުގައި އެ ބޭފުޅުން ކުޅުއްވާ ކުޅި، ދޮރުމަތީގައި ކުރަހައިފައި އޮތް ބޮޑު ރާޒުވާގޮނޑިން ވެސް ކުޅެވެމުން ދެއެވެ.
އެ ކަން ކުރެވެމުން ދާ ގޮތަކީ މަލިކާ މަނައެއް ކުރިއަށް ޖައްސައިލައްވައިފި ނަމަ، އެކަމަނާގެ ޚާއްޞަ ކަނީޒަކު ތިރިއަށް ގޮސް އެ މަނާގެ މަގާމުގައި ހުރި ކަނީޒުގެ އަތުގައި ހިފައި ކުރިއަށް ޖައްސައިލަނީ އެވެ. ހަމަ އެ ގޮތަށް ޝެހެންޝާހުގެ ފަރާތްޕުޅުން ހޯޖާއަކު ތިރިއަށް އައިސް ޝެހެންޝާހުގެ ކުޅި އެ ގެންދާންވާ ގޮޅިއަކަށް ގެންދަނީއެވެ. ދެން ތިރީގައި ތިއްބަވާ ޢިއްޒަތްތެރީން ޝެހެންޝާހު ކުޅުއްވި ކުޅިއާއި، މާތް މަލިކާ ދެން ކުޅުއްވާނޭ ކުޅިއާ މެދު ޚިޔާލުބަދަލުކުރައްވައެވެ.
ދެ ބޭފުޅުންނަކީ ވެސް ވިސްނުންފުޅު ތޫނު، ބުއްދިފުޅު އަވަސް، ރާޒުވާގައި ކުޅަދާނަފުޅު ދެ ކުޅުންތެރީންނެވެ. އެ ބޭފުޅުންގެ ކޮންމެ ކުޅިއަކަށް ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރީން ސާބަސްދެއްވައެވެ. އެ ވަގުތު މަލިކާ އިންނެވީ އެހެން ކުޅިގަނޑެއްގައި ވެސް ބެނދެވި ވަޑައިގެންފައެވެ. އެއް ކުޅިގަނޑު ހުރީ ކުރިފުޅުމަތީގައި ފެނިވަޑައިގަންނަވާށެވެ. އަނެއް ކުޅިގަނޑު އޮތީ ސިކުނޑިފުޅުގައި ފޮރުވިފައެވެ. އެ ކުޅިގަނޑުގެ އެންމެ މުހިންމު އިދިކޮޅު ކުޅިއަކީ ޝެހެޒާދާ ޚުއްރަމެވެ. އެ ކުޅި ޖައްސަވައި ލެއްވުމަށް އެކަމަނާ ކުޅިތައް ކުރިއަށް ޖައްސަވަނީއެވެ. އެކަމަނާ ކުޅިއެއް ކުރިއަށް ޖައްސަވައި ލައްވަމުން ވިދާޅުވިއެވެ.
"ލާޑުލީ ބޭގަމުގެ އަތުން ކާވެނީގެ ހީނާފަތް ދެކޭ ހިތުން އަޅުގަނޑު މި ވަނީ ކެތްމަދުވެފަ. މަނިކުފާނު ރުހިވަޑައިގަންނަވާ ނަމަ، އަޅުގަނޑަށް ފެންނަ ޝެހެޒާދާއަކު އެބަ ހުންނެވި."
"ކަމަނާ ތިޔަ އިޝާރާތްކުރައްވަނީ ޝެހެޒާދާ ޚުއްރަމަށް ކަން އަޅުގަނޑަށް އެނގޭ."
"ނޫރު ޖަހާންގެ ފުރަނައާ! މަނިކުފާނަށް ތިޔަ ހީފުޅުކުރެއްވުނީ ރަނގަޅަކަށް ނޫން. މަނިކުފާނު ހުރިހައި ކަމެއްގަ ވެސް ޝެހެރިޔާރުގެ މަތިން ހަނދުމަފުޅު ނައްތަވާލައްވާތީ އަޅުގަނޑު އަޖައިބުވޭ."
"އެހެން ވަނީ ޝެހެރިޔާރު އަބަދު ވެސް އުޅުއްވަނީ ލަވައާ ނެށުމުގެ މަހެފިލްތަކުގަ ކަމަށް ވާތީ. ޝެހެރިޔާރު ދުވަހަކު ވެސް ވެރިކަމުގެ ކަމަކަށް ސަމާލުކަމެއް ނުދެއްވާ."
"ތިޔައީ މިހާރު ބޯދާ ކަމަކަށްވެއްޖެ. ވައިގެ ކުރި ބަދަލުވެއްޖެ. ޝެހެރިޔާރާ ހަވާލުކުރެވުނު ބިމުގެ ކަންތައް ޝެހެރިޔާރު ބަލަހައްޓަވަމުން އެ ގެންދަވަނީ އަޅުގަނޑުމެން ހީ ވެސް ނުކުރާހައި ރަނގަޅަށް. އުމުރުފުޅާ އެކުއެކުގައި ޝެހެރިޔާރަށް ސީރިއަސްކަން ލިބިވަޑައިގެންފި. އެހެން ކަމަށް ނުވާ ނަމަ އަޅުގަނޑުގެ ދަރިފުޅުގެ ކާވެނި ޝެހެރިޔާރާ ކޮށް ދޭކަށް އަޅުގަނޑު ނުވިސްނީސް. އެއާ ޚިލާފަށް ޚުއްރަމް މިހާރު ހިންގަވަމުން ވަޑައިގަންނަވަނީ ހަލާކުގެ މަގުން. ވެރިކަމުގެ އެއްވެސް ކަމަކާ އަޅާނުލައްވާތާ ވެސް މިހާރު އެތައް މަހެއް ވެއްޖެ."
(ނުނިމޭ)