ރޫމްބޯއިންނާއި މަސްވެރިންނާބެހޭ ގޮތުން ސަލީމާއި ސުޖާއު ދެއްކި ވާހަކައަށް ބޮޑެތި ފާޑުކިޔުންތަކެއް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޓީވީއެމުން ބާއްވަމުން އަންނަ ބަހުސްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ދެއްކެވި ވާހަކައިން ގިނަބަޔެއްގެ ފާޑުކިޔުން އެދެބޭފުޅުންނަށް އަމާޒު ވެއްޖެއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވި ސަލީމަށް ސޯޝަލް މީޑިޔާގައި ފާޑުކިޔުން އަމާޒުވެ ހޫނުފެނަށް ދިޔައީ ރިސޯޓު ތަކުގައި މަސައްކަތްކުރާ ރޫމްބޯއީންނާ ބެހޭގޮތުން އެމީހުންގެ ގަދަރުކުޑަވާ ގޮތަށް ބަހުސްގައި ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ. އޭގެސަބަބުން ރިސޯޓު ތަކުގައި މަސައްކަތްކުރާ މީހުން ސަލީމްގެ ފިހާރަތަކުން ތަކެތި ނުގަތުމަށްވެސް ބަޔެއް މީހުން ގޮވާލަމުން ދެއެވެ.

ރޫމްބޯއިންނަށް އަމާޒުކޮށް ސަލީމް ވިދާޅުވީ އޭނާއަކީ މަޖިލީހަށް ގާބިލު ބޭފުޅެއްކަން އަމިއްލަ ވިޔަފާރިންނާއި ކޮށްފައި ހުރި މަސައްކަތުންނާއި ދިރިއުޅުމުން ފެންނަން ހުންނާނެ ކަމަށާއި ނަމަވެސް ރިސޯޓެއްގެ ރޫމްބޯއީއަކަށް އުޅެފައި އައިސް މަޖިލީހަށް ހޮވިގެން ކުރެވޭނީ ކޮންކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

"ރިސޯޓެއްގެ ރޫމް ބޯއީއަކަށް އުޅެފަ އައިސް މަޖިލީހަށް ދިޔައީމާ މި ކުރަންހުރީ ކިހާވަރެއްގެ މަސައްކަތެއް ކަމާއި، ތިމާ އަށް ކުރެވޭނީ ކިހާ މަސައްކަތެއް ތޯ؟ ތިމާގެ ގާބިލުކަން ހުރީ ކިހާވަރަކަށްތޯ؟ އަޅުގަނޑުމެންގެ ގާބިލުކަން ހުރި މިންވަރު އަޅުގަނޑުމެންގެ އަމިއްލަ ވިޔަފާރިންނާއި، އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތުންނާއި، އަޅުގަނޑުމެން މިހާތަނަށް ދިރިއުޅެމުން އާ ގޮތާއި، މި ހުރިހާ ތަފްސީލުން އަޅުގަނޑުމެން ކުރިއަށް ގޮސްފައި ހުރި މިންވަރު ވަރަށް ސާފުކޮށް އެނގޭނެ" ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ އިތުރުން އޭނާގެ ވިޔަފާރި ކުންފުނީގައި ގިނަދުވަސް ތަކެއް މަސައްކަތް ކުރައްވަމުން ގެންދަވާ ޕީއެންސީގެ ޓިކެޓުގައި ކުރިމަތި ލެއްވި ސުޖާއުއަށް ފާޑުކިޔުން އަމާޒުވީ މަސްވެރިންނާބެހޭ ގޮތުން މަސްވެރިންގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ. ބަހުސްގައި ސުޖާއު ވިދާޅުވީ ބަޔެއް ރަށްރަށުގެ ކައުންސިލްތަކުގައި މަހަށްދާ މީހުންވެސް އެބައުޅޭ ކަމަށާއި މަހަށްދާ މީހުން ކައުންސިލްތަކަށް ހޮވައިގެން ކައުންސިލްތައް ހިންގާނީ ކިހިނެތްތޯ ސުވާލު އުފެއްދެވިއެވެ.

"ބައެއް ކައުންސިލްތަކުގައި އެބައުޅޭ މަހަށްދާ މީހުން، ކިހިނެއްތޯ މަހައްދާ މީހުން ޕާޓީއަށްޓަކައި، ތިލަފަތައްޓަކައި ހޮވައިގެން، ކިހިނެއްތޯ އަޅުގަނޑުމެން ކައުންސިލްތައް ހިންގާނީ" ސުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނު ހިންގައި ތަންފީޒު ކުރަން ހުންނަ މީހާއަކީ މަހަށްދާ މީހަކަށްވީމާ އެކަން ކުރެވެން ނެތް ކަމަށެވެ.

ސުޖާއުގެ ވާހަކައަށް ބަޔެއް މަސްވެރިންވެސް ދަނީ ފާޑު ކިޔަމުންނެވެ. ސޯޝަލްމީޑިޔާގައި މަސްވެރިޔަކު ބުނެފައި ވަނީ އޭނާއަކީވެސް މަސްވެރިޔެއް ކަމަށާއި މަސްވެރިޔެއް ކަމަށާއި މަސްވެރިންނަށް ހިތަށް އައިހާއެއްޗެއް ނުގޮވޭނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.