ޖޭޕީގެ ލީޑަރުގެ އަގު ވައްޓާލަން މަސައްކަތް ކުރާތީ ހިތާމަ ކުރަން: އަމީން

ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމާއި އެޕާޓީގެ އަގު ވައްޓާލުމަށް ޕާޓީގެ ބައެއް މެމްބަރުން ބައެއް ފޯރަމްތަކުގައި ވާހަކަ ދައްކަވަމުން ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރ އަދި ޖޭޕީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ޤާސިމް ނިންމެވި ނިންމެވުމާމެދު ޕާޓީގެ ބައެއް މެމްބަރުން ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

ޤާސިމް ނިންމަވައިފައިވަނީ ޕްރޮގްރެސިވް ކޯލީޝަނާ ގުޅިގެން މިފަހަރުގެ އިންތިޚާބުގައި ވާދަ ކުރެއްވުމަށެވެ. އެހެންނަމަވެސް ޤާސިމްގެ ހަނގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއި، ތިމާވެއްޓާ ބެހޭ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނާއި، ޓޫރިޒަމް މިނިސްޓަރ އަދި ޖޭޕީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރައްވާނެ ކަމަށެވެ.

ޤާސިމްގެ ނިންމެވުން ހަރުދަނާ ނުވިނަމަ ޖޭޕީން ބައިވެރިވާ ސަރުކާރެއް ގެނެވި "މި ރުސަތު ލިބުނީސްތޯ" އަމީން ވަނީ ސުވާލު ކުރައްވައިފައެވެ. ޤާސިމްގެ އެ ނިންމެވުމަކީ ރާއްޖޭގެ މުސްތަޤިއްލުކަން ކަށަވަރުކުރަން ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރަށް އަރުވާ ހަދިޔާއެއް ކަމަށް ވެސް އަމީން ވިދާޅުވެފައިވެއެވެ. އެ ޙަޤީގަތް ފަހުން ޤަބޫލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޤާސިމްގެ ނިންމެވުމާ ގުޅިގެން ޢާއިޝަތު ނަހުލާ ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް މަޢާފެއްނެތް ކަމަށާއި ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުންނަށް ތާއީދެއް ނުކުރައްވާނެ ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.