މިރޭގެ ޖަލްސާގައި އަޅުގަނޑު ވާހަކަ ދައްކާނަމަ ޖަލްސާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފި: ޢުމަރު

ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު އިސްވެ ހުންނަވައިގެން އާޓިފިޝަލް ބީޗު ސަރަޙައްދުގައި މިރޭ ބާއްވާ ޖަލްސާގައި އޭނާ ވާހަކަ ދައްކަވާނަމަ އެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އަންގައިފި ކަމަށް ޢުމަރު ވިދަޅުވެއްޖެއެވެ.

މިރޭގެ ޖަލްސާ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން އެތަން ދޫކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ ނުވަތަ ޕީއެންސީ އަށެވެ. މިރޭގެ ޖަލްސާ އަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި، ދީނަށް އޮންނަ ގޮންޖެހުންތަކާމެދު ވާހަކަ ދެއްކުމަށް ބާއްވާ ޚާއްސަ ޖަލްސާއެއް ކަމަށް ޢުމަރު ވަނީ ކުރިން ވިދާޅުވެފައެވެ. އޭނާ ކުރިން ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާބެހޭ ވަރަށް ތަފްސީލީ މަޢުލޫމާތު ރައްޔިތުންނަށް ދެއްވާނެ ކަމަށެވެ.

މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ވިދާޅުވީ މިރޭގެ ޙަރަކާތް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން އާޓިފިޝަލް ބީޗު ދޫކޮށްފައިވަނީ ޕީއެންސީއަށް ކަމަށެވެ. އެހެން ނަމަވެސް އެ ސަރަޙައްދުގައި ޙަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވީ ޢުމަރު ނަސީރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. "ވީމާ މާލޭ ސިޓީ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތީން، އާޓިފިޝަލް ބީޗު އެގަޑީގައި ދޫކޮށްފައިވާ ފަރާތް ކަމަށްވާ ޕީއެންސީއަށާއި ޢުމަރު ނަސީރަށް އެކަންތައް އަންގައި އާޓިފިޝަލް ބީޗު ރަސްމީކޮށް ދޫކޮށްފައިވާ ގޮތާ އެއްގޮތަށް ތަންފީޒު ކުރުމަށް މާލެ ސިޓީކައުންސިލުގެ އެދިވަޑައިގަތުމުގެ މަތިން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،" ފުލުހުން ވިދާޅުވިއެވެ.

ޕީއެންސީން ބުނީ އެޕާޓީއަށް ހުއްދަދީފައިވިޔަސް އެ ހުއްދައިގެ ދަށުން ބާއްވާ ޖަލްސާގައި ބައިވެރިވެ ދައްކާ ވާހަކަތަކުގެ ޒިންމާ އެޕާޓީން ނަގާނެ ކަމަށެވެ.

ޖަލްސާގައި ޢުމަރު ވާހަކަ ދައްކާތީއާއި ޖަލްސާއަށް އެތަން ތައްޔާރު ކުރުމަށް މަސައްކަތް ކޮށްފައިވަނީ ޕީއެންސީގެ ބަދަލުގައި ޢުމަރު ކަމަށްވާތީ މާލެ ސިޓީ ކައުންސިލުން ވަނީ ޕީއެންސީއަށް އެތަން ދޫކޮށްފައިވާ 5 ގަޑިއިރުގެ ހުއްދަ ބާތިލް ކޮށްފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.