ނިއުޒީލޭންޑުގެ ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާގައި 49 މީހުން މަރުވެ، 20 މީހުން ޒަޚަމްވެއްޖެ

ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތް

ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ. ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި މިހަމަލާގައި 49 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައި ވެއެވެ.

ނިއުޒީލޭންޑު ގަޑިން މިއަދު މެންދުރުފަހު 1:30 (ރާއްޖޭ ގަޑިން ހެނދުނު 6:30) ހާއިރު ހަމަލާ ދީފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް މިސްކިތަށް ގޮސް ތިބި މީހުންނަށެވެ. ހަމަލާދިން އެއް މިސްކިތުގައި މިހާރު ނިއުޒީލޭންޑަށް ގޮސް އުޅޭ ބަންގްލާދޭޝްގެ ގައުމީ ކްރިކެޓް ޓީމުގެ މީހުންވެސް ތިއްބެވެ. އެ ޓީމުގެ މުހައްމަދު އިސާމު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޓީމުގެ ހުރިހާ މެންބަރުން ސަލާމަތްވެފައިވާ ކަމުގައެވެ.

ރާވާއިގެން ހިންގި ޓެރަރިސްޓު ހަމަލާއެއް ކަމުގައި ބެލެވޭ މިހަމަލާގައި ބަޑި ހިފައިގެން ތިބި ދެމީހަކު ކްރައިސްޓްޗާޗުގެ މެދުތެރޭގައި ހުންނަ އައްނޫރު މިސްކިތަށާއި، ލިންވުޑް މިސްކިތަށް ހަމަލާދީފައި ވެއެވެ. އައްނޫރު މިސްކިތަށް ދިން ހަމަލާގައި 41 މީހުން މަރުވެފައިވާއިރު، ލިންވުޑް މިސްކިތުން މަރުވެފައި ވަނީ 8 މީހުންނެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ ނިއުޒީލޭންޑުގެ ބައެއް ނޫސްތަކުން ޚަބަރުދިން ގޮތުގައި ބަޑިޖެހި އެކަކީ އޮސްޓްރޭލިޔާ މީހެކެވެ. މީހުން ގަޔަށް ބަޑިޖަހައި މެރި މަންޒަރު އޭނާދިޔާ ލައިވް ސްޓްރީމް ކުރަމުންނެވެ. އޭނާ އަތުގައި 37 ސަފުހާގެ މެނިފެސްޓޯއެއް އޮތެވެ. 17 ވަރަކަށް މިނިޓަށް އޭނާގެ ހަމަލާ ވަގުތުން ދައްކާފައިވާއިރު، 50 ވަޒަން ޖަހާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އޭނާގެ ފައިގައި އިތުރު ވަޒަން ބަނދެފައި ހުރިކަމަށް ވެސް ވެއެވެ.

ވަގުތުން މަންޒަރު ދައްކަމުން ބަޑިޖަހަމުން ދިޔަ މީހާ ބުނެފައި ވަނީ އޭނާއަކީ އޮސްޓްރޭލިޔާއަށް އުފަން އުމުރުން 28 އަހަރުގެ ބްރެންޓަން ޓަރަންޓް ކަމުގައެވެ. ކްރައިސްޓްޗާޗްގެ ޑީން އެވެނިއުގައި ހުންނަ އައްނޫރު މިސްކިތުގެ ޕާކުކުރާ ސަރަހައްދުގައި ކާރު ޕާކުކުރުމަށްފަހު އޭނާ ވަނީ ވަގުތުން މަންޒަރު ދައްކަން ފަށާފައެވެ.

މަރުވި މީހުންގެ އާއިލާތަކަށް ފޮނުވި ތައުޒިޔާގެ ވީޑއޯ މެސެޖެއްގައި ވާހަކަދައްކަމުން ނައުޒީލޭންގެ ގައުމީ ރަގްބީ ޓީމުގެ ކުޅުންތެރިޔާ ސޮނީ ވިލިއަމްސް ބުނެފައިވަނީ އޭނާއަށް އެނގިފައިވާ ގޮތުގައި 30 އަކަށް މީހުން މަރުވެފައިވާ ކަމުގައެވެ. ސޮނީ ވިލިއަމްސް ވަނީ 2009 ވަނަ އަހަރު އިސްލާމްވެފައެވެ. އޭނާއަކީ ރަގްބީ ޓީމުގައި ހުރި ހަމައެކަނި މުސްލިމް ކުޅުންތެރިޔާއެވެ.

މިހަމަލާއާ ގުޅިގެން ވާހަކަފުޅުދައްކަވަމުން ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން ވިދާޅުވީ، މިއަދަކީ ނިއުޒޭލޭންޑަށް އެންމެ އަނދިރި އެއްދުވަސް ކަމަށެވެ.

"ހަމަލާ އަމާޒުވި މީހުންނަކީ ނިއުޒީލޭންޑަށް ހިޖުރަކޮށްފައި ތިބި މީހުންނަށް ވެދާނެ. ރެފިއުޖީންނަށް ވެދާނެ. އެހެންނަމަވެސް، އެމީހުން ވަނީ ނިއުޒީލޭންޑަކީ އެމީހުންގެ ވަޒަން ކަމުގައި ހަދަން އިޚްތިޔާރުކޮށްފަ. އެއީ އަހަރުމެންގެ މީހުން. ހަމަލާދިން މީހުން ހަމަލާ އެދިނީ އަހަރުމެންނަށް. އެމީހުންނަށް ނިއުޒީލޭންޑުން އެއްވެސް ޖާގައެއް ނެތް." ގައުމާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވިއެވެ.

މިހަމަލާއާ ގުޅިގެން ނިއުޒީލޭންޑުގެ ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން އެކަކީ އަންހެނެކެވެ. ހައްޔަރުކުރި މީހުންނަކީ ކޮން ގައުމެއްގެ ބައެއްކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ. ފުލުހުން އިތުރަށް ބުނި ގޮތުގައި ކްރައިސްޓްޗާޗުގެ  އެކި ހިސާބުތަކުގައި ބައެއް އެއްގަމު އުޅަނދުގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތިވެސް މިހާރު ވަނީ ނުގޮވާ ގޮތަށް ހަދާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.