ދިއްފުށްޓަށް ދިމާވެފައިވާ ބައެއް މައްސަލަ ރައީސަށް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ މިއަދުބައްދަލުކުރައްވައިފިއެވެ.

މާލެ އަތޮޅު ދިއްފުށްޓަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ބެހޭ މަޢުލޫމާތު އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވައިފިއެވެ.

އެކައުންސިލުން އެމަޢުލޫމާތު ރައީސަށް ހުށަހެޅުއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވަނީ ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ދިއްފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިފައެވެ.

އެގޮތުން، ކައުންސިލް އިމާރާތުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ރަށަށް ވަންނަ ނެރު ބެދެމުންދާ މައްސަލަ ވެސް ރައީސަށް ހުށަހެޅުއްވިއެވެ. އޭގެ އިތުރަށް ރަށުން ގޯތި ދޫކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އޭޓީއެމް ގެ ޚިދުމަތް ބޭނުންވާކަމަށާއި، ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލަށް ދަތިވެފައިވާ ކަންތައްތައް ވެސް މި ބައްދަލުވުމުގައިވަނީ ރައީސަށް ހުށަހަޅުއްވައިފައެވެ.

މީގެއިތުރުން ރަށުގެ ޒުވާނުން ބޭނުންކުރުމަށް އިޖުތިމާއީ މަރުކަޒެއް ބޭނުންވާކަމުގައިވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކޮށްދިނުމަށް ވެސް ކައުންސިލު މެންބަރުން ވަނީ ރައީސް އަރިހުގައި އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިއްފުށީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.