ފްލައިޓު ކޮންޓްރޯލްކުރުމުގައި ޕައިލެޓަށް ދަތިތަކެއް ކުރިމަތިވި: އިތިޔޯޕިއަން އެއާލައިންސްގެ ސީއީއޯ

އިތިޔޯޕިއަން އެއާލައިންސްގެ ސީއީއޯ ޓެވޮލްޑޭ ގެބްރެމަރިޔަމް

ވެއްޓުނު އިތިޔޯޕިއަން އެއާލައިންސްގެ މަތިންދާބޯޓު އުދުއްސާލި ފަހުން ގިނަ އިރުތަކެއް ނުވެ ފްލައިޓް ކޮންޓްރޯލްކުރުމުގައި ޕައިލެޓަށް މައްސަލަތަކެއް ކުރިމަތިވިކަމަށް އެ އެއާލައިންސްގެ ސީއީއޯ ޓެވޮލްޑޭ ގެބްރެމަރިޔަމް ވިދާޅުވެއްޖެއެވެ.

"މަތިންދާބޯޓުގެ ފްލައިޓް ކޮންޓްރޯލުގެ މައްސަލަތަކެއް އޭނާއަށް ކުރިމަތިވެގެން އުޅުނު. އެހެންވޭ އޭނާ އެދުނީ ފުރި ތަނަށް އަނބުރާ ޖައްސަން." ސީއެންއެންގެ ރިޗަޑް ކުއެސްޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިއްޔެ ގެބްރެމަރިޔަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕައިލެޓް އެދުނުގޮތަށް އެހުއްދަ ދެވުނު ކަމަށާ، ހަމަ އެވަގުތު ބޯޓު ރާޑަރުން ގެއްލުނު ކަމަށެވެ.

ބޮއިންގ 737 މެކްސް- 8 މަރުކާގެ ބޯޓުން 157 މީހުން ދަތުރުކުރިއެވެ. އެ އެންމެން ވަނީ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވެފައެވެ.

އެއާލައިންސްގެ ސީއީއޯ ވިދާޅުވީ ވެއްޓުނު މަތިންދާބޯޓު ދުއްވަން އިން ޕައިލެޓަކީ އިންޑޮނޭޝިޔާއަށް ފާއިތުވި އޮކްޓޯބަރު މަހު ލަޔަން އެއާގެ މަތންދާބޯޓު ވެއްޓުނު ފަހުން 737 މެކްސް- 8 މަރުކާގެ މަތިންދާބޯޓު އުދުއްސުމާބެހޭ އިތުރު ތަމްރީނު ދީފައިވާ މީހެއް ކަމުގައެވެ.

ދެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާތަކުގައި "ވަރަށް އެއް ގޮތް ކަންތައްތަކެއް އެބަހުރި" ކަން ފާހަގަކުރައްވަމުން ގެބްރެމަރިޔަމް ވިދާޅުވީ ދެ މަތިންދާބޯޓަކީވެސް އާ ދެ ބޯޓު ކަމަށާ، ދެ ބޯޓުވެސް ވެއްޓެން ނެގީ މަދު މިނިޓްކޮޅެއް ކަމަށެވެ.

ދުނިޔޭގައި މިހާރު އުދުހޭ މެކްސް- 8 މަރުކާގެ ހުރިހާ މަތިންދާބޯޓެއް އުދުން މަނާކުރަން ޖެހޭތޯ ސުވާލުކުރުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވިއެވެ. އޭނާ ވިދާޅުވީ އިތިޔޯޕިއަން އެއާލައިންސްގައި ހުރި އެ މަރުކާގެ ހުރިހާ ބޯޓެއް އުދުހުން ހުއްޓުވާފައިވާ ކަމަށެވެ. ޗައިނާއާއި، އޮސްޓްރޭލިޔާއާއި، އިނގިރޭސިވިލާތުންވެސް އެ މަރުކާގެ މަތިންދާބޯޓު އުދުހުން މިހާރު ހުއްދަ ނުދޭކަން އޭނާ ފާހަގަކުރެއްވިއެވެ. ސިންގަޕޫރުންވެސް ވަނީ އެ މަތިންދާބޯޓު އުދުހުން މަނާކޮށްފައެވެ.

ގެބްރެމަރިޔަމް ވިދާޅުވީ ފްލައިޓުގެ ޓާޑާ ރިކޯޑަރު ތަހުލީލުކުރުމަށް ފޮނުވާނީ ބޭރަށް ކަމަށެވެ. އެއީ އިތިޔޯޕިއާގައި އެވަސީލަތްތައް ނެތުމުންނެވެ.

"ހާދިސާ ހިނގަން މެދުވެރިވި ހަގީގީ ސަބަބެއް އަހަރުމެންނަކަށް ނޭނގޭ. ދެން، އެކި ގޮތްގޮތަށް ލަފާކޮށްފައި ވާހަކަދެއްކުމުން ކުރާނެ ފައިދާއެއް ނެތް. އެހެންނަމަވެސް، އަހަންނަށް ހީވާގޮތުގައި އެ މަތިންދާބޯޓާމެދު ޖަވާބު ނުލިބޭ ސުވާލުތަކެއް އެބަހުރި." ގެބްރެމަރިޔަމް ވިދާޅުވިއެވެ.

ކައިރި ކައިރީގައި އެއްކަހަލަ ހާލަތެއް މެދުވެރިވެގެން އާ ދެ މަތިންދާބޯޓު ވެއްޓުމުގެ ސަބަބުން ބޮއިންގގެ 737 މެކްސް މަރުކާގެ މަތިންދާބޯޓުގެ ރައްކާތެރިކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.