އީޔޫއިން ވަކިވުމުގެ މައްސަލައިގައި އަނެއްކާވެސް އިނގިރޭސި ބޮޑުވަޒީރު ބަލިވެވަޑައިގެންފި

އިނގިރޭސި ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސް

ޔޫރަޕިޔަން ޔުނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމާބެހޭ އެއްބަސްވުމުގެ މައްސަލަ އިއްޔެވެސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓެރޭސާ މޭއަށް ކާމިޔާބުނުކުރެއްވުނެވެ. އީޔޫއާއެކު ކުރެވުނު މަޝްވަރާތަކާއެކު ފަހު ވަގުތު ރަނގަ ބަދަލުތަކެއް ގެނެސް ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮން ކޮމަންސްއަށް އިއްޔެ ވޯޓަށް އެހި އެއްބަސްވުމާ ދެކޮޅަށް އެ މަޖިލީހުން ވަނީ ވޯޓުދީފައެވެ.

އެއްބަސްވުމާ އެއްކޮޅަށް 242 މެންބަރުން ވޯޓުދެއްވި އިރު، 391 މެންބަރަކު ވަނީ ދެކޮޅަށް ވޯޓުދެއްވާފައެވެ. މިއީ އީޔޫން ވަކިވުމާ ބެހޭ އެއްބަސްވުމުގެ މައްސަލައިގައި ބޮޑުވަޒީރު މޭ މިއަހަރު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދެވަނަ ބައްޔެވެ.  މިފަހަރު 149 ވޯޓުގެ ތަފާތުން ބަލިވެވަޑައިގަތްއިރު، ޖަނަވަރީ މަހު މެދުތެރޭގައި ނެގި ވޯޓުން އޭނާ ބަލިވެވަޑައިގަތީ 231 ވޯޓުގެ ބޮޑު ތަފާތުންނެވެ.

މި ބައްޔަށްފަހު، ޓެރޭސާ މޭ ވިދާޅުވީ ގާނޫނުހަދާ މަޖިލީހުންގެ މެންބަރުން ދެން ވޯޓުލައްވަން ޖެހޭނީ، އެއްބަސްވުމަކާ ނުލާ އީޔޫން ވަކިވާނީތޯ، ނުވަތަ ވަކިވާ ދުވަސް ލަސްކުރާނީތޯ ބެލުމަށް ކަމުގައެވެ. އެ ވޯޓު މިރޭގެ ވަގުތެއްގައި ނަގާނެއެވެ.

އޭނާ ވިދާޅުވީ އޭނާގެ ޕާޓީ، ކޮންޒާވެޓިވް ޕާޓީގެ މެންބަރުންނަށް ޕާޓީގެ ފަރާތުން ވަކި ގޮތެއް ނާންގާނެކަމަށާ، އެބޭފުޅުން ބޭނުންފުޅު ގޮތަކަށް ވޯޓު ދެއްވޭނެ ކަމަށެވެ.

މިއީ މިފަދަ ގައުމުގެ ސިޔާސަތާގުޅޭ މިފަދަ ބޮޑު މައްސަލައެއްގައި ޕާޓީއަކުން ނިންމި ވަރަށް އާދަޔާ ޚިލާފު ނިންމުމެއް ކަމަށް ބީބީސީ ބުނެއެވެ. މޭގެ މި ނިންމުމާ ގުޅިގެން އިދިކޮޅު ލޭބަ ޕާޓީން ބުނީ، މި ނިންމުގެ މާނައަކީ ޓެރޭސާ މޭއަށް ގައުމު ހިންގިދާނެ ކަމާމެދު އުއްމީދު އޭނާ ކަނޑުއްވާލެއްވުމެވެ.

އެއްބަސްވުމަކާ ނުލައި، 46 އަހަރު ވަންދެން އިނގިރޭސިވިލާތުގެ އެންމެ ބޮޑު އިގްތިސާދީ ބައިވެރިޔާގެ ގޮތުގައި އޮތް އީޔޫއިން މޭ މަހުގެ 29 ވަނަ ދުވަހު ވަކިވާން ޖެހިއްޖެނަމ، އިގްތިސާދީ ހަލަބޮލިކަމެއްގެ ތެރެއަށް އިނގިރޭސި ވިލާތް ވެއްޓޭނެއެވެ.

ވޯޓަށް ފަހު ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޭ ވަނީ ގައުމަށް "އިގްތިސާދީ ޝޮކެއް" ލިބުމުން ސަލާމަތްކުރެއްވުމަށް، މެންބަރުންނަށް ގޮވައިލައްވާފައެވެ.

އިއްޔެގެ ވޯޓުން ބޮޑުވަޒީރު މޭ ނާކާމިޔާބުވެވަޑައިގަތުމާ ގުޅިގެން އިދިކޮޅު ލޭބަ ޕާޓީގެ ޒައީމު ޖެނެމީ ކޯބިން ވަނީ އާއްމު އިންތިޚާބެއް ބޭއްވުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ އިއްޔެ ބޮޑުވަޒީރަށް ކުރިމަތިވި ބޮޑު ބައްޔާއެކު އިންތިޚާބަކަށް ދިއުން ނޫން ގޮތެއް ނެތްކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.