ވޭނަކުން ޖެހި އަނިޔާވި މީހާ މާލެ ގެންގޮސްފި

މިއަދު ހެނދުނު 7:45 އެހައިކަންހާއިރު ތ. ތިމަރަފުށީ އެއާޕޯޓަށް ހިނގާފައި ދިޔަ އެއަތޮޅު ވަންދޫ އަންހެނެއްގެ ގައިގައި ވޭނަކުން ޖެހި ލިބުނު އަނިޔާއަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓކުރާ ހެލިކޮޓަރުގައި މާލެ ގެންގޮސްފިއެވެ.

ޢުމުރުން 52 އަހަރުގެ އެ އަންހެންމީހާއަށް ގޮވައިގެން ހެލިކޮޕޓަރު މާލެ ގޮސްފައިވަނީ މެންދުރު 1:15 އެހައިކަންހާއިރުއެވެ.

ވޭނުން ޖެހުމުގެ ސަބަބުން އެމީހާގެ ބޮލުން ތިންތަނެއް ވަނީ ފަޅައިގެން ގޮސްފައެވެ. ޙާދިސާއަށް ފަހު ފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ ތިމަރަފުށީ ސިއްޙީ މަރުކަޒުންނެވެ. އެއަށްފަހު މާލެ ގެންގޮސްފައިވަނީ ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައެވެ.

އޭނާ ތިމަރަފުށްޓަށް ދިޔައީ މާލެއިން މިއަދު އައި އޭނާގެ ދަރިއަކު ބަލައެވެ. "އެކްސިޑެންޓުވީ އޭނާ ހިނގާފައި އެއާޕޯޓަށް ދަނިކޮށް ވޭނުން ޖެހިފައި. އޭނާއާއެކު އޭނާގެ ފިރިމީހާވެސް ހުރި ކަމަށް މަޢުލޫމާތު ލިބިފައިވަނީ. އެ މީހުން އެއާޕޯޓަށް ދިޔައި މިއަދުގެ ފުލައިޓުން އައި އެމީހުންގެ ދަރިފުޅު ބަލާ. މިހާރު ހެލިކޮޕްޓަރުގައި އެމީހާ މާލެ ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން،" އެރަށުން މަޢުލޫމާތު ދިން މީހަކު ބުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.