ރައީސު ބޫތަފްލީޤާ ފަސްވަނަ ދައުރަކަށް ވާދަނުކުރައްވަން ނިންމަވައި، އިންތިޚާބު ފަސްކުރައްވައިފި

އަލްޖީރިޔާގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާ އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޙްމަދު ޤާޔިދު ޞާލިޙާ އިއްޔެ ބައްދަލުކުރައްވަނީ

އަލްޖީރިޔާގެ ސިއްހީ ހާލުކޮޅު ދަށްވެފައިވާ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާ ފަސްވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވި ނިންމެވުން އަނބުރާ ގެންދައިވައި، އެޕްރީލް މަހު 18 ވަނަ ދުވަހު ބާއްވަން އޮތް ރިޔާސީ އިންތިޚާބު ފަސްކުރައްވައިފިއެވެ.

ބޭސްފަރުވާއަށް ސުވިޒަލޭންޑުގައި ދުވަސްކޮޅަކު ހުންނެވުމަށް ފަހު އޭނާ އަލްޖިއާސްއަށް އެނބުރި ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ގައުމަށް އެނބުރި ވަޑައިގަތީ އެތައް ހަފުތާއެއްގެ ބިޔަ މުޒާހަރާތަކަށް ފަހު ގައުމު ހަލަބޮލިވެފައި ވަނިކޮށެވެ.

1999 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ރިޔާސީ ހަތަރު ދައުރު ފުރިހަމަކުރައްވާފައިވާ ބޫތަފްލީޤާ ފަސްވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ފާއިތުވި ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު އިއުލާންކުރެއްވުމާއެކު އެކަމާ ދެކޮޅަށް މަގުތަކަށް މީހުން ނުކުތެވެ. އަދި އެ މަހުގެ 22 ވަނަ ދުވަހު ގައުމީ ހަރާކަތަށް ބަދަލުވެ، މުޒާހަރާތައް ވަރުގަދަވެ، ބައިވެރިވާ މީހުން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

މީގެ 6 އަހަރުކުރިން ސްޓްރޯކެއް ޖެހިވަޑައިގަތް ފަހުން ހިންގަވައި ނުއުޅުއްވޭ ރައީސު ބޫތަފްލީޤާ އެ ފަހުން އާއްމުންގެ ތެރެއަށް ނުކުމެވަޑައި ނުގަންނަވައެވެ. އަދި ޓީވީން ވެސް އޭނާ އާއްމުންނަށް ފެނިފައިވަނީ މަދު ފަހަރަކުއެވެ. އެހެންނަމަވެސް، ރައީސު ބޫތަފްލީޤާ ސިފައިންގެ ކޮމާންޑަރާއި، އިސްތިއުފާދެއްވި ބޮޑުވަޒީރު އޫޔަޙްޔާއާ ބައްދަލުކުރައްވާ މަންޒަރު ފެނިފައި ވެއެވެ.

މުޒާހަރާކުރަމުން ދިޔަ މީހުން އެދުނު ކަންތަކަށް އިޖާބަދެއްވައި ފަހަތަށް ޖެހިވަޑައިގެން މިހާރު އުމުރުފުޅުން 82 އަހަރުވެފައިވާ ބޫތަފްލީޤާ އިއްޔެވަނީ ވަރަށް އަވަސް އަވަހަށް ޤަރާރުތަކެއް ނެރުއްވާފައެވެ. އޭގެތެރޭގައި، އޭނާ ފަސްވަނަ ދައުރަކަށް ކުރިމަތި ނުލައްވަން ނިންމެވުމާ، ވަކި މުއްދަތެއް ނެތި ރިޔާސީ އިންތިޚާބު ލަސްކުރުމާއި، ބޮޑުވަޒީރު އަޙްމަދު އޫޔަޙްޔާގެ އިސްތިއުފާ ގަބޫލުކުރެއްވުމާ، އިސްތިއުފާދިން ސަރުކާރުގެ ދާޚިލީ ވަޒީރު ނޫރުއްދީން ބަދަވީ ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވުމާއި، ބޮޑުވަޒީރުގެ ނާއިބުގެ މަގާމު އުފައްދަވައި އެ މަގާމަށް ރަމްޠާން ރިޢަމާމިރާ ހަމަޖެއްސެވުމާއި، ނޭޝަނަލް އިލެކްޝަންސް މޮނިޓަރިންގެ ބިއުރޯ އުވާލުމާއި، ސިޔާސީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ބަހުސްކޮށް ގޮތެއް ނިންމުމަށް ގައުމީ މަހާސިންތާއަކަށް ގޮވައިލުން ހިމެނެއެވެ.

ރައީސު ބޫތަފްލީޤާގެ މިނިންމުވުންތަކާއެކު މުޒާހަރާތައް އުފާފާޅުކުރުމުގެ ހަރަކާތްތަކަށް ބަދަލުވެގެން ދިޔައެވެ. އަދި އަލްޖީރިޔާގެ ހާލަތު ހަމައަކަށް އެޅިދާނެކަމުގެ އުއްމީދު ވަނީ އާވެފައެވެ.

އަލްޖީރިޔާގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް އަޙްމަދު ޤާޔިދު ޞާލިހު ފާއިތުވި ހަފުތާގައި "ޑިމޮކްރަސީގެ ލަވަ ކިޔައި، ގޮތްނޭނގޭ ގޮވުންތައް ގޮވާ ފަރާތްތަކަށް" ގައުމު ދޫކޮށްނުލާނެކަމަށް ދެއްވި އިންޒާރާއެކު އަލްޖީރިޔާގެ ހާލަތު ލޭ އޮހޮރުވުމާ ދިމާއަށް މިސުރާބުޖަހާފާނެކަމުގެ ބިރު އޮތީ ހީވެފައެވެ. އެހެންނަމަވެސް އޭނާ އިއްޔެ ބޫތަފްލީޤާ އެނބުރިވަޑަގަތުމުގެ ކުރިން ގައުމާ މުޚާޠަބުކުރައްވައި "ގައުމުގެ އެންމެ މަތީ މަސްލަހަތަށްޓަކައި ކޮންމެ ކަމެއް ކުރަން" ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ސިފައިންގެ ވެރިޔާ ދެއްވި ޚިޠާބާއެކު މަސްރަހު ބަދަލުވާން ފެށިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.