ގިނަބަޔަކު އުންމީދު ކުރި "ކޮފީމޭޒު" ޕްރޮގްރާމުގެ ފެށުމަށް ވަނދު ތަރުޙީބެއް

ރާއްޖޭގެ ޒުވާނުންނަށް އިސްލާމްދީނުގެ މަޢުލޫމާތު އެންމެ ރަނގަޅަށް ފޯރުކޮށް ދެއްވުމަށްޓަކައި އިސްލާމިކް އެފެއާޒު މިނިސްޓްރީން އިއްޔެ ފެށި ޚާއްސަ ޕްރޮގްރާމް "ކޮފީމޭޒު" އަށް ލިބުނީ ވަނދު ތަރުޙީބެކެވެ.

އަޖުމަބެލުމުގެ ގޮތުން މިޕްރޮގްރާމް އިއްޔެ ހަވީރު 4:15 އިން 6:00 އަށް ކުރިއަށް ގެންދިޔައީ އޮލިވްގާޑަންގައެވެ. މިއީ ޝައިޚުން ރެސްޓޯ ރެންޓުތަކަށް ވަޑައިގެން އެތަންތަނުގައި ކޮފީ ބޯން ތިބޭ ޒުވާނުންނަށް އީސްލާމް ދީނާބެހޭ ރަނގަޅު މަޢުލޫމާތު ދިނުމަށްފެށި ޕްރޮގްރާމެކެވެ. އެތައް ބައެއްގެ ދާއީދާއެކު އިއްޔެ ފެށި ޕްރޮގްރާމަށް ވަނދު ތަރުޙީބެއް ލިބުމުން އިސްލާމިކް މިނިސްޓްރީގޭ ޑެޕިޔުޓީ މިނިސްޓަރ ޢަހުމަދުﷲ ޖަމީލް ވިދާޅުވީ "އެއީ އަޖުމަ ބެލުމުގެ ގޮތުން ބޭއްވި ޕްރޮގްރާމެއް. އެއިން ތަޖުރިބާތަކާއި ފިލާވަޅުތަކެއް ލިބިއްޖެ. ލިބުނު ތަޖުރިބާގެ އެހީގައި އިރާދަކުރެއްވިއްޔާ މި ޙަރަކާތް ކުރިއަށް ގެންދިޔުމަށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކޮށްގެން ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނަން،" ކަމަށެވެ.

މި ޕްރޮގްރާމް ބާއްވަން މިނިސްޓްރީން ނިންމައި އިސްތިހާރު ކުރަން ފެށުމުން ސޯޝަލް މީޑިއާގައިވެސް އެއަށް ވަރަށްގިނަ މީހުންވަނީ ތާއިދުކޮށް ވާހަކަ ދައްކަވައިފައެވެ. އަދި އެއާ ބެހޭގޮތުން މިނިސްޓްރީއަށް ގުޅައިގެން ވެސް މީހުންވަނީ ޕްރޮގްރާމާބެހޭ މަޢުލޫމާތު އޮޅުން ފިލުވައި އޭގެ މުހިންމުކަން ހާމަކޮށް ހިތްވަރު ދެއްވައިފައެވެ.

މާލޭގެ އެންމެ ރެސްޓޯރެންޓެއްގައި އިއްޔެ ޕްރޮގްރާމް ފެށިޔަސް ނަތީޖާއަށް ބެލުމަށްފަހު މާލެއާއި ރަށްރަށަށް ފުޅާކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވައިފައެވެ. އިއްޔެ ވަނދު ތަރުޙީބެއް ލިބުނަސް މިނިސްޓްރީން އުންމީދު ކަނޑައެއް ނުލައްވައެވެ. ކުރިން ރޭވިފައިވާ ގޮތަށް (ކަންކަން އިތުރަށް ރަނގަޅުކޮށްގެން) ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށް މިނިސްޓްރީން ވަނީ ނިންމަވައިފައެވެ.

"މިފަދަ ޕްރޮގްރާމްތައް މިސްކިތްތަކާއި ހޯލް ތަކުގައި ބާއްވައިގެން މިދަނީ ދާދި އެއްބައެއް. އެކަމަކު ދީނީ މަޢުލޫމާތު ޒުވާނުންނާ ހަމައަށް ފޮނުވައި ދިނުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށްގިނަ ޒުވާނުން ކޮފީތަކުގައި ތިބޭ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ. އެހެންވެ މިނިސްޓްރީން ނިންމެވީ އެމީހުންގެ ގާތަށް ގޮސް މަޢުލޫމާތު ދީ އެމީހުން އުފައްދާ ސުވާލުތަކަށް  ޖަވާބުދީ ހޭލުންތެރި ކުރުވުން،" ޕްރޮގްރާމާ ބެހޭ ގޮތުން އަޙުމަދުﷲ ޖަމީލް ވިދާޅުވެފައިވެއެވެ.

ޕްރޮގްރާމް ހިނގަމުންދާ ވަގުތު ހިލޭ ކޮފީ ލިބޭގޮތަށް އިއްޔެ ފެށި ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވި ޝައިޚުންނަކީ އައްޝައިޚް ފައްޔާޒު އަލިމަނިކު، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާން، ޑރ. ސަޢުދުﷲ ޢަލީ އެވެ. މި ތިން ބޭފުޅުން އަރިހަށް އިއްޔެ ގޮސް މަޢުލޫމާތު ހޯދައިފައިވަނީ ޖުމްލަ 15 ޒުވާނުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. Coffee meyzun kirin ves Gene's dhey gotha genes dheyn vee nu aduge muvazzafun aamun kuraa suvaalu tha record koffa program eh ga genes dheyn vee nu eyrun adu ahaa bayaka mauloo maath libey ne thaa

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.