އިތިއޯޕިޔަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އދ. ގެ ގިނަ މުވައްޒަފުންތަކެއް

އިތިއޯޕިޔާގެ ވެރިރަށް އެޑިސްއަބާބާއިން ކެންޔާގެ ވެރިރަށް ނައިރޯބީއަށް ފުރިތާ ކުޑައިރުކޮޚެއްގެ ތެރޭގައި އިއްޔެ ވެއްޓުނު އިތިއޯޕިއަން އެއާލައިންސް އިން ދަތުރު ކުރި އދ. ގެ 19 މުވައްޒަފަކު މަރުވެފައިވާ ކަމަށް އދ. ން ބުނެފިއެވެ.

އދ. ން އިއްޔެ ނެރުނު ބަޔާނެއްގައި ވާގޮތުން މަރުވި މީހުންގެ ތެރޭގައި އެ ޖަމިއިއްޔާގެ ދަށުން ހިނގާ ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ގެ 7 މުވައްޒަފަކާއި، އޮފީސް އޮފް ދަ ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރް) ގެ 2 މުވައްޒަފަކާއި، އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔުނިއަން (އައިޓީޔޫ)، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އަދި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) މިއިން ކޮންމެ ތަނަކުން މުވައްޒަފަކު ހިމެނެއެވެ.

މީގެ އިތުރަށް ނައިރޯބީގައި ހުންނަ އދ. ގެ އޮފީހުގެ 6 މުވައްޒަކާ، ސޯމާލިޔާގައި މަސައްކަތްކުރާ މިޝަންގެ މުވައްޒަފަކު މަރުވެފައިވާ ކަމަށްވެސް އދ. ން ބުނެފައި ވެއެވެ.

އެޑިސްއަބާބާއަކީ އދ. ގެ ގިނަ އޮފީސްތަކެއް ހުންނަ ރަށެކެވެ. އެހެންކަމުން އެރަށުން ފުރާ ފްލައިޓުތަކުގައި އދ. ގެ ގިނަ މުވައްޒަފުންތަކެއް އަބަދުވެސް ދަތުރުކުރާ ކަމަށް ވެއެވެ. އިއްޔެގެ ފްލައިޓުން ދަތުރުކުރި އދ. ގެ މުވައްޒފުންނަކީ މިއަދު ނައިރޯބީގައި ފެށުމަށް ހަމަޖެހިފައި އޮތް ޔޫއެން އެވައިރަންމަންޓް އެސެންބްލީގައި ގައި ބައިވެރިވާން ދިޔަ މީހުންނެވެ.

އިއްޔެ ވެއްޓުނު ބޮއިންގ 737 މެކްސް- 8 މަރުކާގެ މަތިންދާބޯޓުން ދަތުރުކުރި 157 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި 35 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އެއާލައިންސުން ހާމަކުރި ތަފްސީލުތަކުން އެނގޭ ގޮތުގައި އެންމެ ގިނައިން މަރުވެފައިވަނި ކެންޔާއާއި ކެނެޑާއާއި އިތިއޯޕިޔާގެ މީހުންނެވެ. އެއީ ކެންޔާގެ 32 މީހަކާއި ކެނެޑާގެ 18 މީހެކާއި އިތިއޯޕިޔާގެ 9 މީހެކެވެ. މަރުވި އެހެން މީހުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިޓަލީ، އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް، މިސްރު، ޖަރުމަނު، އިންޑިޔާ، ސްލޮވާކިޔާ، އޮސްޓްރިޔާ، ރަޝިޔާ، ސްވިޑަން، އިސްރާއީލު، މޮރޮކޯ، ޕޮލެންޑް، ސްޕޭން، ބެލްޖިއަމް، ޖިބޯޓީ، އިންޑޮނޭޝިޔާ، އަޔަލޭންޑް، މޮޒަންބީކް، ނޯވޭ، ރުވަންޑާ، ސައޫދީ އަރަބިއްޔާ، ސޫދާން، ސޯމާލިޔާ، ސައިބީރިޔާ، ޓޯގޯ، ޔޫގެންޑާ، ޔަމަން، ނޭޕާލް އަދި ނައިޖީރިޔާ ހިމެނެއެވެ.

މަތިންދާބޯޓު ވެއްޓުނު ސަބަބެއް އަދި އެނގިފައި ނުވާއިރު، އިއްޔެ ވެއްޓުނު މަތިންދާބޯޓާއި، ފާއިތުވި އޮކްޓޯބަރު މަހު އިންޑޮނޭޝިޔާގެ ލަޔަން އެއާގެ މަތިންދާބޯޓާއި ދެ ބޯޓަކީވެސް އެއް މަރުކާއެއްގެ ވަރަށް އާ ދެ ބޯޓަށް ވެފައި، ދެ ބޯޓުވެސް ވެއްޓުނީ ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވާތީ، އެ މަރުކާގެ މަތިންދާބޯޓު އުފައްދާ ކުންފުނި ބޮއިންގަށް ކުރިމަތިކުރެވޭ ސުވާލުތައް ދަނީ ގިނަވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.