ސްރީލަންކާ އަސްކަރިއްޔާގެ ތިން ބާރު ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަނީ

ސްރީލަންކާގެ އަސްކަރީ ބާރުތަކުގެ ވެރިން ކޮލޮމްބޯގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ސްރީލަންކާގެ އަސްކަރިއްޔާގެ ތިން ބާރު ގުޅިގެން އެ ގައުމުން މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ފަށައިފި ކަމުގައި އެގައުމު ސިފައިންގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

އަސްކަރިއްޔާގެ އެއްގަމާއި، ކަނޑާއި، ވައިގެ ބާރުތައް ގުޅިގެން ވެރިރަށް ކޮލޮމްބޯގައި ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ސްޓާފް (ސީޑީއެސް) އެޑްމިރަލް ރަވިންދްރަ ޗަންދްރަސިރީ ވިޖޭގުނަރަތުނޭ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ސްރީލަންކާ ހެއްދެވުމަށް ރައީސު މައިތުރިޕާލާ ކުރައްވާ މަސައްކަތްޕުޅުގައި ފުރިހަމައަށް ބައިވެރިވުމަށް އަސްކަރިއްޔާގެ ހުރިހާ ބާރަކުން ނިންމާފައިވާ ކަމުގައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގައި އެއްގަމު ސިފައިންގެ ދައުރު ބަޔާންކުރައްވަމުން އެއްގަމު ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މަހޭޝް ސެނަނަޔަކެ ވިދާޅުވީ، މަސްތުވާތަކެއްޗާ މެދު އާއްމުން ހޭލުންތެރިކުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރަށް، މަސްތުވާތަކެތި ފެތުރުނަ ނުދިނުމަށް އެއްގަމު ސިފައިން ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައެވެ.

"(ރައީސު އުފައްދަވާފައިވާ) ޕްރެޒިޑެންޝަލް ޓާސްކްފޯސް އޮން ޑްރަގް ޕްރިވެންޝަންއާ އަތާއަތްގުޅާލައިގެން އަހަރުމެން މިދަނީ ބުރަކޮށް މަސައްކަތްކުރަމުން. އަހަރުމެން ވަނީ މަސްތުވާތަކެތި އެތެރެވާ ތަންތަނުގައި އިންޓެލިޖެންސް އޮފިސަރުންވެސް ބައިތިއްބާފައި." ލެފްޓިނެޓް ޖެނެރަލް މަހޭޝް ސެނަނަޔަކެ ވިދާޅުވިއެވެ.

ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޕިޔާލް ޑިސިލްވާ ވިދާޅުވީ 2018 ވަނަ އަހަރު ކެރެލާއިން ކަނޑުމަގުން އެތެރެކުރަން އުޅުނު 2113 ކިލޯ ގަންޖާ އަތުލައިގެންފައިވާ ކަމަށާއި، 2019 ވަނަ އަހަރު 680 ކިލޯ އަތުލައިގެންފައިވާ ކަމަށެވެ. މިމަސައްކަތުގައި 33 ގައުމެއްގެ ކަނޑުގެ ސިފައިން އެކުލެވޭ މެރިޓައިމް ކޯޑިނޭޝަން ސެންޓަރުން ލިބިފައިވާ އެއްބާރުލުން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވައިގެ ސިފައިންގެ ކޮމާންޑަރު އެއާ ވައިސް މާޝަލް ކަޕިލަ ޖަޔަންޕަތީ ވިދާޅުވީ މައިގަނޑު ސިފައިންގެ މައިގަނޑު ދައުރަކީ ވައިގެމަގުން ސްރީލަންކާގެ ސަރަހައްދު މޮނިޓާ ކުރުމެވެ.

"އެއާފޯސް އިން ވަނީ ދަތުރުވެރިން ބަލައި ފާސްކުރުމުގަ އެހީތެރިވުމަށް ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ޓީމުތަކެއް ބައިތިއްބާފައި." އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސުކަމަށް މައިތުރިޕާލާ ސިރިސޭނާ ވަޑައިގަތްފަހުން އޭނާ ވަނީ އެގައުމުން މަސްތުވާތަކެތި ނައްތާލުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާފައެވެ. މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށްވެސް ސިރިސޭނާ ވަނީ ނިންމަވާފައެވެ. އޭނާގެ މި މަސައްކަތުގައި އަސްކަރިއްޔާގެ ތިން ބާރު ގުޅިގެން މަސައްކުރާކަން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.