ބިލެތްދޫ ދާއިރާއަށް ވާދަކުރެއްވި އަޙުމަދު ސަޢުދުގެ ނަން އަނބުރައި ނަގައިފި

އަޙުމަދު ސަޢުދު އޭނާގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވަނީ

އެޕްރީލް ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ބިލެތްދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އަޙުމަދު ސަޢުދު އެދާއިރާއަށް ވާދަ ނުކުރަން ނިންމަވައި އޭނާގެ ކެންޑިޑެސީ ފޯމު އަނބުރައި ނަގައިފިއެވެ.

އޭނާ ނަން ނެންގެވި ޙަޤީޤީ ސަބަބެއް ކަށަވަރު ވެފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނަންނެންގެވީ "މަޖުބޫރު" ވެގެންނެވެ. އެހެންނަމަވެސް އެކަމަށް މަޖުބޫރު ކުރުވީ ކާކުކަމެއް ކޮންކަމެއް ކަމެއް އެނގިފައެއް ނުވެއެވެ. އެކަމާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް ސަޢުދަށް ގުޅުން އެއަށް ސީދާ ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ "ނަން އަނބުރާ ނަގައިފިން" ކަމަށެވެ.

އަޙުމަދު ސަޢުދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބިލެތްދޫ ދާއިރާއަށް ވާދަކުރެއްވުމަށް އެޕާޓީގެ ޓިކެޓު ޤާސިމް އިބްރާހީމް ދެއްވީ އެދާއިރާގެ މިހާރުގެވެސް މެމްބަރު މުބީނަށެވެ.

ސަޢުދަކީ ޖޭޕީގެ ރަޖިސްޓްރަރ ކަމާއި ކައުންސިލް މެމްބަރުކަން ކުރައްވައިފައިވާ ތަޢުލީމީ ޒުވާނެއެވެ. ތަޢުލީމީ ޒުވާނުންނަށް ޖޭޕީއިން އަބަދުވެސް ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަބަދުވެސް ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ޖޭޕީން ޓިކެޓު ދީނީ ކައުންސިލުން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ދެއްވި ބާރެއްގެ ދަށުން އެމަނިކުފާނަށް ފެނިވަޑައިގެންނެވި ބޭފުޅުންނަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.